ދޮންދަރިފުޅަށް އަނިޔާވެރިވުމުން ކޯޓުންކުރި ޙުކުމާއެކު ތަނަވަސްދިރިއުޅުމާ އަމިއްލަ ދަރިން ގެއްލުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދޮންދަރިފުޅަށް އަނިޔާވެރިވުމުން ކޯޓުންކުރި ޙުކުމާއެކު ތަނަވަސްދިރިއުޅުމާ އަމިއްލަ ދަރިން ގެއްލުނު އަންހެނެއްގެ ވާހަކަ-

އޭނާ ކައިވެނިކުރީ ކުރިން ކައިވެނިކޮށް އަންހެންދަރިއަކު ލިބިފައިވާ މީހަކާއިއެވެ. އެކުއްޖާގެ ޢުމުރުން 6 އަހަރުގައެވެ. އެދަރިފުޅަށް މަންމަގެ ލޯބިދީ ބަލައިޑޭނެ ކަމުގެ ވަޢުދުތަކާއެކުގައެވެ. ނަމަވެސް ކައިވެންޏަށް 3 އަހަރުވެ 2 ދަރިން ލިބުމުން އެކުއްޖާ ހެދީ ގޭގެ ނޯކަރަކަށެވެ. ގޭގައި ގެންގުޅޭ ނޯކަރުން ކުރަންޖެހޭ މަސައްކަތްވެސް އެކުއްޖާ ލައްވައި ކުރުވައެވެ. އެވާހަކަ ނޯކަރުން ދައްކައިފިނަމަ ތަޅާއަނިޔާކުރެއެވެ.  

އެއްދުވަހު ފިރިމީހާއަށް ގެއަށް އައުދެވުނުއިރު ދަރިފުޅުހުރީ ތަޅުމުގައި މޮޕްލާށެވެ. މަސައްކަތްކުރަމުންދިއައީ ލޮލުން ކަރުނަބާލަމުންނެވެ. މަންޒަރު ފެނުމާއިއެކު ދުވެގޮސް ދަރިފުޅުގެ އަތުން މޮޕްއަތުލައި ދަރިފުޅުގެނެސް އުގައްލައި ލޯބިދިނެވެ. ދަރިފުޅުގެ ހިތްހަމަޖައްސައިދިނެވެ.  

އަނބިމީހާ ގެނެސް އަމުރުކުރީ އެވަޤުތުން ފެށިގެން ދަރިފުޅުގެ އެއްވެސް ކަމަކާއި ނުބެހުމަށެވެ. އެއްވެސް ކަމެއް ކޮށްވެސް ނުދިނުމަށެވެ. އަދި ދަރިފުޅުލައްވައި އެއްވެސް ކަމެއްވެސް ނުކުރުވުމަށެވެ.

ދެމީހުންގެ ކައިވެންޏަކީ ފަސޭހައިން ރޫޅައިލެވެން އޮތް ކައިވެންޏެއް ނޫނެވެ. އަނބިމީހާގެ ކުށެއް ނެތި ފިރިމީހާ ބޭނުންވެގެން ކައިވެނިރޫޅައިލާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީއެވެ. އެހެންވެ ފިރިމީހާ މައްސަލަ ހުށަހެޅީ ކޯޓަށެވެ.  

މައްސަލަ ބެލުމަށްފަހު ކޯޓުން ޙުކުމްކުރީ އެއީ އިންސާނިއްޔަތުކަން ކުޑަ އަންހެނަކު ކަމަށެވެ. އަމިއްލަ ދަރިން ބަލަންވެސް ޙަވާލުނުކުރުމަށެވެ. އަދި ދަރިންނަށް އަނިޔާވެރިވާ އަންހެނަކު ވަރިކުރިނަމަވެސް ބަދަލުދޭން ނުޖެހޭނެ ކަމަށެވެ. އެއިގެ އިތުރުން ދޮންދަރިފުޅަށް ދީފާނެ ދެރައަކަށްޓަކައި އެއް ގެއެއްގައި ނުގެންގުޅުމަށްވެސް އަމުރުކުރިއެވެ.  

އަނބިމީހާއަށް ޖެހުނީ ހުސްއަތާ އެކަނި ގެއިން ނުކުމެގެންދާށެވެ. ލިބިފައި ތިބި ދެދަރިންވެސް ދޫކޮށްފައެވެ. ލިބުނު ތަނަވަސް، ވަފާތެރި، ލޯބިވާ ބައިވެރިޔާއާއި ތަނަވަސް ދިރިއުޅުންވެސް ގެއްލިގެންދިއައީއެވެ.

މިޙާދިސާގެ ވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހެޅީ މިއީ ދޮންދަރިން ބަލަންޖެހިއްޖެނަމަ ކޮންމެ މީހަކުވެސް ސަމާލުކަންދޭންޖެހޭ ކަމަކަށްވާތީއެވެ. ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅަކަށްވާތީއެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން