ދިރިއުޅުމުގަ ކުރިމަތިވާ ކަންކަމަށް އަޅާނުލައި ބައިވެރިޔާއަށް ފަރުވާކުޑަކުރުމަކީ އާޚިރަތުގަ ނުވަތަ ދުނިޔެއާ އާޚިރަތުގަ އެމީހަކު ޒިންމާ އުފުލަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިރިއުޅުމުގަ ކުރިމަތިވާ ކަންކަމަށް އަޅާނުލައި ބައިވެރިޔާއަށް ފަރުވާކުޑަކުރުމަކީ އާޚިރަތުގަ ނުވަތަ ދުނިޔެއާ އާޚިރަތުގަ އެމީހަކު ޒިންމާ އުފުލަންޖެހޭނެ ކަމެއް!

ގިނަ ކައިވެނިތަކުގައި މައްސަލަތައް ގިނަވެ ރޫޅިގެންދަނީ ކުރިމަތިވާ ކަންކަމަށް އަޅާނުލައި ހުންނާތީއެވެ. ކަންކަން އެންމެ ނުބައި ޙާލަތަށް ބަދަލުވާނީ ކުއްލިއަކަށް ނޫނެވެ. ކުރިމަތިވާ ކަންކަމަށް އަޅާނުލައި ގިނަދުވަސްތަކެއްވުމުންނެވެ.  

ވިސްނާށެވެ! އަޅާނުލައި ހުރުމަކީ ނިކަންފަސޭހައިން ކުރެވިދާނެ ކަމެކެވެ. މައްސަލައަކީ ތިބާ އަޅާނުލައި ހުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަލާއިކަތުން އެކަން އެމީހެއްގެ ފަތުގައި ލިޔުއްވަވާނެއެވެ. ޤިޔާމަތްދުވަހު ތިބާގެ ފަތް ތިބާގެ ކުރިމަތީގައި ހުޅުވައިލެވޭއިރު އެވާހަކަތައް ލިޔެވިފައިވާތަން ފެންނާނެއެވެ. މަސްއޫލިއްޔަތު ނުއުފުލިކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.  

ކައިވެނިކުރެވުމުން ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ޖެހޭ މައްސަލަތައް ޙައްލުކޮށް ދެމީހުން އެކުގައި ތަޤްވާވެރި ދިރިއުޅުމެއް އުޅުމަށެވެ. މައްސަލައެއް ޖެހޭއިރަށް ދެމީޙުން ވަކިވުމަކަށް ނޫނެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ބަސްފުޅު އޮތީވެސް ވަރަށް ސާފު ޢިބާރާތުންނެވެ.  

ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަމަށް އަޅާނުލައި ނުތިބޭށެވެ. އެކަން ޙައްލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ބަލަންވީ ކުށްވެރިއަކީ ކާކުތޯއެއްވެސް ނޫނެވެ. ބަލަންވީ މައްސަލަ ޙައްލުކުރާ މީހަކަށްވުމަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެއެވެ. ދެރަގޮތަކަށް ކަންކަން މެދުވެރިވިޔަސް އެމީހަކަށް ލައްވަވާ ރަޙުމަތް ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތިގެ ދަރުސަކުން

މިއަދު އޮންލައިން