އަނބިމީހާގެ އިޙްޞާޞްތައް އަޑުއަހަން ބޭނުންނުވުމަކީ ލޯބިނުވާކަމުގެ އެންމެ ބޮޑު ހެއްކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަނބިމީހާގެ އިޙްޞާޞްތައް އަޑުއަހަން ބޭނުންނުވުމަކީ ލޯބިނުވާކަމުގެ އެންމެ ބޮޑު ހެއްކެއް!

ހެޔޮލަފާ އަނބިންނަކީ ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭ ބައެކެވެ. އެމީހުންނަށް ބައްދަލުވާނީ ގޭގައި އުޅޭ ބައަކާއިއެވެ. އެމީހުންގެ އިޙްޞާޞްތައް ގޭގައި އުޅޭ އެންމެންނަށް ކިޔައިދޭކަށް ބޭނުމެއްނުވާނެއެވެ. ބޭނުންވާނީ ބައިވެރިޔާއަށް ކިޔައިދޭށެވެ.

އަނބިމީހާ ކަންބޮޑުވެގެން އުޅެނީ މާބޮޑުކަމަކާއިކަމަށް ތިބާއަށް ނުވިސްނިދާނެއެވެ. އެހެންވެ ބައެއް ފަހަރު މާބޮޑު ސަމާލުކަމެއްނުދީ ދޫކޮށްލައެވެ. އެވާހަކަ ދައްކަން ފުރުޞަތުވެސް ނުދީ އެބަ އުޅެއެވެ. އަދި ދެއްކިޔަސް ޖަވާބުނުދީ އެބަދޫކޮށްލައެވެ.

އެގޮތަށް އެކަންކުރާނަމަ އެކަމުން އަންގައިދެނީ އަނބިމީހާދެކެ ލޯބިނުވާކަމެވެ. ދެމީހުން ލޯބިވެގެން އުޅޭއިރު ކަންބޮޑުވެވޭނީ ވާހަކައެއް ނުދައްކާނަމައެވެ. ކުރިމަތިވާ ކަންކަން ކިޔައިނުޑޭނަމައެވެ. ކިޔައިދިނުން ލަސްވިޔަސް ޝަކުވާކުރެވެއެވެ. އެހެންކަމަށްވާއިރު ކައިވެންޏަށްފަހުވެސް ލޯބިވާނަމަ މިފަދަ ބޮޑު ބަދަލެއް އަންނަންވީ ކީއްވެގެން ހެއްޔެވެ؟  

ބައެއް ފިރިން ފާހަގަކުރާ އެއްކަމަކީ ނިދަން އޮށޯވެފައި މާގިނަ ވާހަކަދައްކާ ކަމެވެ. އެކަން ދިރާސާކުރަން ކުރިމަސައްކަތުން އަހުރެންނަށް އެނގުނީ އެގޮތަށް މެދުވެރިވަނީ އެއިގެ ކުރިން ވާހަކަ ދައްކައިލާނެ ފުރުޞަތު ނުލިބޭތީކަމެވެ. އެކަމަށް އޮތް ޙައްލަކީ ނިދުމުގެ ކުރިން އަނބިމިހާއާއިއެކު ވަޤުތުކޮޅެއް ހޭދަކުރުމެވެ. މިބުނަނީ ސިޓީންގެރޫމުގައި އެންމެންގެ ތެރޭގައި ތިބުމުގެ ވާހަކައެއް ނޫނެވެ. ދެމީހުން އެކަނި ވަޤުތުކޮޅެއް ހޭދަކުރުމުގެ ވާހަކައެވެ.  

އަހުރެން ބުނާނީ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. ބައެއް އަންހެނުން ދެކޭ ގޮތުގައި ބަލިވުމުން ޑޮކްޓަރަށް ދައްކައިގެން ބޭސްފަރުވާކޮށްދިނުމަށްވުރެ އެމީހުންގެ އިޙްޞާޞްތަކުގެ އަޑުއެހުމުން ލިބޭ ހިތްހަމަޖެހުން މާބޮޑެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން 

- މިއަދުނޫސް

މިއަދު އޮންލައިން