ކުރާ ކަންކަން ކާމިޔާބުވެ އުފަލުގަ ދިރިއުޅެވޭނެ ހަމައެކަނި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކުރާ ކަންކަން ކާމިޔާބުވެ އުފަލުގަ ދިރިއުޅެވޭނެ ހަމައެކަނި ގޮތް-

ކަންކަން ކުރާއިރު ބައެއް މީހުންނަށް ބެލެނީ ގިނަ ބައެއްގެ ރުހުން ލިބި ތިބާގެ މަޝްހޫރުކަން އިތުރުވާނެ ގޮތަށެވެ. ނުވަތަ ތިމާއަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތަށެވެ.  

މިޙާލަތުގައި ގިނަ ބައަކަށް އެމީހުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ޤަބޫލުކުރެވެނީ ދުނިޔޭގައި އެމީހުންނަށް އެންމެ ބޮޑު މަންފާއެއް ކުރާނެ ގޮތެކެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އެންމެ ބޮޑު ފައިދާއަކަށްވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް އެކަމެއް ކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ މީސްތަކުންގެ ރުހުން ލިބިގެންދާނެއެވެ. އެމީހަކަށް ދެރައެއް ނިކަމެތިކަމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ޢާއިލީ ކަންކަމުގައި ބަލަންޖެހޭނީ ޢާއިލާގައި ހުރި އެންމެ ބާރާ ނުފޫޒުގަދަ މީހާ ރުއްސުމަކަށް ނޫނެވެ. ހަމައެފަދައިން މަސައްކަތްކުރާ މާޙައުލުގައި ނަމަ ބަލަންޖެހޭނީ ވެރިމީހާ ރުއްސުމަކަށް ނޫނެވެ. އަދި ދެމަފިރިންގެ މެދުގައި ނަމަ ބަލަންޖެހޭނީ ބައިވެރިޔާ ރުއްސުމަކަށްވެސް ނޫނެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ބަލަންޖެހޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބޭނެ ގޮތަށް ކަންކަން ކުރުމަށެވެ.  

މިވާހަކަ ދައްކަންޖެހޭ ސަބަބުވެސް ބުނެލާނަމެވެ. ޢާއިލީ ކަންކަމުގައި އެންމެ ނުފޫޒުގަދަ މީހާ ރުއްސަން ޢާއިލާގަހުރި އެންމެ ނިކަމެތި މީހާގެ ޙައްޤު އެބަ ނަގައިލެވެއެވެ. ވެރިމީހާ ރުއްސަން ދީނުގައި ނަހީކުރެއްވެވި ކަންކަން އެބަކުރެވެއެވެ. އަދި ބައިވެރިޔާ ރުއްސަން ދެމްފިރިންކަމުގައިވިޔަސް ކުރުން ނަހީކުރައްވަވާފައިވާ ކަންކަން އެބަކުރެއެވެ.  

އެކަންކަން އެގޮތަށް ކުރަނީ ތިމާކުރާ ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމާއި ތިމާގެ ފަތުގައި ލިޔުއްވަވާކަން ނުއެނގޭތީހެއްޔެވެ؟ ހަމަހިލާ އެހެނެއް ނުވާނެއެވެ. ތިމާކުރި ކޮންމެ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހި ނުދާނެކަން އެއީ ޔަޤީން ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން