ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެން އިބްރާހީމްގެފާނަކީ "އަބުލް އަންބިޔާ" (ނަބީބޭކަލުންގެ ބަފާކަލުން) ގެ ގޮތުގައި ސިފަކުރާއިރު، އޭގެ މާނައަކީ އެކަލޭގެފާނު ދަސްކޮށްދެއްވި ސާފު ތައުޙީދުގެ އަޤީދާ ޖީލުން ޖީލަށް ފޯރައިގެން ދިއުމެވެ. އެކަމަކު އޭގެ އިތުރުން، އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި ސިފަތައްވެސް ވާރުތަވިއެވެ. ޔަޢުޤޫބްގެފާނާއި ޔޫސުފްގެފާނަށް ދިމާވި ދަތިތަކާއި، މީހުންގެ ފަރާތުން ލިބުނު އަނިޔާތަކާ ކުރިމަތިލެއްވި ގޮތް ބަލާއިރު، އެބޭކަލުން ގެންގުޅުއްވި ޚާއްޞަ މަންހަޖެއް (ގޮތްތަކެއް) ވެއެވެ. އެ މަންހަޖު އައީ މުނިކާފަ އިބްރާހީމްގެފާނުގެ ކިބައިންނެވެ.
ﷲ ތަޢާލާ ވަނީ އެބޭކަލުން އެބޭކަލުންގެ އަމިއްލަ އިހުސާސްތައް މެނޭޖްކުރެއްވި ގޮތް ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވަވައިފައެވެ. މިހިސާބުން ސުވާލެއް އުފެދެއެވެ. އިހުސާސްތައް ހިފަހައްޓައިގެން އުޅުމަކީ ސިއްހީގޮތުން ރަނގަޅު ކަމެއް ހެއްޔެވެ؟
މި ތިން ބޭކަލުންގެ ކިބައިން ފެންނަ ވަރަށް އަޖާއިބުވާފަދަ ރީތި ސިފައެއް ވެއެވެ. އެއީ މި ތިން ބޭކަލުންނަށްވެސް އެންމެ ބޮޑު ހިތާމައެއް ދިނީ އެބޭކަލުންގެ އަމިއްލަ އާއިލާގެ މީހުންނެވެ.
ބައްޕަ، ދަރިން، އަދި އެއްބަނޑުއެއްބަފާ މީހުން! އެންމެ ލޯބިދޭންޖެހޭ މީހުންގެ ފަރާތުން ލިބުނު އަނިޔާއެވެ. ޤުރްއާނުގައި ﷲ ތަޢާލާ އިބްރާހީމްގެފާނުގެ ސިފަ ބަޔާންކުރައްވަނީ މިފަދައިންނެވެ.
ހޫދް ސޫރަތުގެ 75 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
" إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ ﴿٧٥﴾ " (ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. (75.)
މިއީ އިންސާނެއްގެ ސިފަ ބަޔާންކޮށްދޭ އެންމެ ރީތި އެއް ޢިބާރާތެވެ.
1. ޙަލީމް (الحَلِيم): އެކަލޭގެފާނަކީ ވަރަށް ކެތްތެރި ބޭކަލެކެވެ. މުޅި މުޖުތަމައާއި އާއިލާއިން އެކަލޭގެފާނަށް ދިން ހިތާމަތަކާއި ވޭންތަކަށް ކެތްކުރެއްވިއެވެ. އަލިފާންގަނޑަށް އެއްލައިލެވުނުއިރު، އެހީތެރިވާނެ އެއްވެސް އިންސާނަކު ނެތެވެ. ފެންނަން އޮތީ ހަމައެކަނި ނަފުރަތާއި މަލާމާތެވެ.
2. އައްވާހް (أَوَّاه): އެކަލޭގެފާނަކީ މަޑުވައި ހިތެއްގެ ވެރިއެކެވެ. އެތެރެއިން ވަރަށް ބޮޑަށް ދެރަވެ، ރޮއެ، ހިތާމަ ކުރެއްވިއެވެ. ނަބީބޭކަލުންނަކީ ދުނިޔެއަށް ފޮނުއްވުނު ރަޙްމަތެކެވެ. އަދި އެބޭކަލުންނަކީ އެންމެ މަޑު ހިތްތަކުގެ ވެރިންނެވެ.
3. މުނީބް (مُنِيب): އެކަލޭގެފާނު އެ ހުރިހާ ހިތާމައަކާއި ތަދެއް ބަދަލުކޮށްލެއްވީ ﷲއަށް ކުރެއްވި އަޅުކަމާއި ދުޢާއަށެވެ. އެނބުރި ވަޑައިގަތީ ﷲގެ ހަޟްރަތަށެވެ.
މި ތިން ސިފަ (ޙަލީމް، އައްވާހް، މުނީބް) ޔަޢުޤޫބްގެފާނާއި ޔޫސުފްގެފާނުގެ ކިބައިންވެސް ފެނެއެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް