ހެޔޮލަފާ އަންތބަކު ކަމަކާއިބެހޭ ގޮތުން ސުވާލުކުރުން ގިނަކޮށްފިނަމަ އެއީ ނުރައްކާތެރި އިންޒާރެކެވެ. އެކަމުން އަންގައިދެނީ ފިރިމީހާ ކުރަމުންދާ ކަންތައް އޭނާއަށް އެނގޭކަމެވެ. ބޭނުންވެގެން އެއުޅެނީ އިޢުތިރާފެވެ.
ފުރަތަމަ މިބުނެލަނީ އެގޮތަށް އެކަންވުމަށް މެދުވެރިވާ ސަބަބެވެ. އެގޮތަށް އެކަން ދިމާވަނީ ހެޔޮލަފާ އަންތބަކުނަމަ އޭނާގެ ވިސްނުމަކު މާގިނަ ކަންތައްތަކެއް ނުހުންނާނެއެވެ. ވިސްނުމުގައި ހުންނާނީ ފިރިމީހާއާއި ދަރިންގެ ކަންކަމެވެ. ގޭތެރެއާއި ދިރިއުޅުމުގެ ކަންކަމެވެ.
އެހެންވީމާ ޣައިބު ނުއެނގޭތީ މެދުވެރިވާންއުޅޭ ކަންތައް ނުއެނގުނު ނަމަވެސް ގޯހެއް ހިނގާނަމަ އެކަން އޭނާއަށް ވިސްނޭނެއެވެ. ޚާއްޞަކޮށް ރޭއަޅުކަންކުރާ އަނބިންނަށް މާބޮޑަށް ކުރިއަށް ކަންކަން ވިސްނޭނެއެވެ. އެއީ އޭނާގެ މޮޅުކަމަކުން ނޫނެވެ. ތަޤްވާވެރިކަން ބޮޑުވީމާ އެކަމުގެ ވިސްނުން އޭނާއަށް ލިބެނީއެވެ.
ވީމާ ހެޔޮލަފާ އަނބިމީހާއަށް ކަމެއް ސިއްރުކޮށްގެން ހުއްޓައި އެކަމަކާއިބެހޭ ގޮތުން ނުސީދާކޮށްވެސް ސުވާލުކުރަން ފަށައިފިނަމަ އެންމެ ރަނގަޅު ގޮތަކީ ކުށެއް ކުރެވޭނަމަ އެކަން ހުއްޓައިލުމެވެ. ނޫންނަމަ އެކަން ބޭޒާރުވުން އޮންނާނީ ދާދިގާތުގައެވެ.
މިއީ ދިރިއުޅެން ކުރާ މަސައްކަތަށްވެސް ސަމާލުކަންދޭ ހެޔޮލަފާ މީހުންނަށް މެދުވެރިވާ ކަމެކެވެ. ދެރަގޮތެއް މެދުވެރިވާން އުޅޭނަމަ ސިކުނޑިއަށް އެކަމުގެ ސިގްނަލްތަކެއް ލިބޭނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އަޅާނުލައި ނުހުންނާށެވެ. ރައްކައުތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ.
މީގެއިތުރުން ހެޔޮލަފާ މީހުންނަށް އެކުވެރިއެއްގެ ފަރާތުންވެސް ދެރައެއް ލިބެން އުޅޭނަމަ އެކަމުގެ ސިގްނަލްތަކެއް ސިކުނޑިއަށް ލިބެއެވެ. ގިނަ ފަހަރު ދެރަލިބެނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. މިބާވަތުގެ އެތައް ކަމަކުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން