ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރަން މަސައްކަތްކުރާއިރުވެސް ޚުޝޫޢަތްތެރި ނުވެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބު ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރަން މަސައްކަތްކުރާއިރުވެސް ޚުޝޫޢަތްތެރި ނުވެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބު ކުރެވޭނެ! އިން ޝާ ﷲ

ކުރާ ނަމާދު ނަމާދަކަށްވާނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރެވިއްޖެނަމައެވެ. އެހެންވެ ޚުޝޫޢަތްތެރިވާން މަސައްކަތްކުރާއިރުވެސް ނުވެވޭތީ ކަންބޮޑުވެ ގިނަ ބައަކު ސުވާލުތައް ކުރެއެވެ. އަހުރެމެންނަށް އޮތީ ސަމާލުކަންދީގެން ނަމާދުކުރަން މަސައްކަތްކުރުމެވެ. އެގޮތަށް މަސައްކަތްކުރުމަށްފަހު ދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލްކުރުމެވެ.  

ތިރީގައިވާ ލިޔުމަކީވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންވާ މީހާއަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

"ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ނިޔަތް ޢަޒުމް ކަނޑައަޅައިގެން ނަމާދުކުރަން ފެށިނަމަވެސް ނަމާދުކުރަން ފަށާއިރަށް ތަފާތު ޚިޔާލުތައް ކުރެވެން ފަށައެވެ. ވީމާ ނަމާދަށް ހުންނައިރު ހިތަށްވަންނަ ވަސްވާސްތަކުން ސަލާމަތްވެހުރެ ނަމާދުކުރެވޭނީ ކިހިނަކުންތޯ؟"

ކިޔުންތތެރިޔާގެ މިސުވާލުގައިވާ މައްސަލައަކީ ވަރަށް ގިނަ ބައަކަށް އޮތް މައްސަލައަކަށްވުމުން ތަފާތު ޢިބާރާތްތަކުން މިފަދަ ސުވާލުތައް ކުރެއެވެ.  

އެއީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ! އެކަމުންވެސް އެނގެނީ ނަމާދުގައި ޚުޝޫޢަތްތެރިވާން ބޭނުންވާ މިންވަރެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ކިޔުންތެރިންގެ ސުވާލުތަކަށް ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.  

لحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

އިންސާނާގެ އެންމެ ބޮޑު އަދުއްވަކީ ޝައިޠާނާ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނީ އިންސާނުން މަގުފުރެއްދުމަށް އޭނާއަށް ކުރެވުނުކޮންމެކަމެއް ކުރުމަށް އޭނާވަނީ ވަޢުދުވެފައެވެ. ލައުނަތްލެއްވިގެންވާ ޝައިޠާނާގެ ނުބައި ވާސްވާސްތަކުން ސަލާމަތްވުމަށްޓަކައި ގިނަގިނައިން ﷲ ޛިކުރުކުރަންޖެހެއެވެ. ﷲ އެންގެވި މަގުގައި ފައިތިލަ ޘާބިތުކޮށް، އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާ މީހަކަށް ޝައިޠާނާގެ ކިބައިން ސަލާމަތްވެވޭނޭ މަގު ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. 

މާތް ﷲ ވަޙީކުރެއްވިއެވެ.  

﴿ يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ ﴾ (سورة البقرة ٢٠٨) 

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން އެކުއެކީގައި އިސްލާމްދީނަށް ވަންނާށެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ. ހަމަކަށަވަރުން އޭނައަކީ ތިޔަބައިމީހުންނަށްޓަކައި ބަޔާންވެގެންވާ ޢަދުއްވެކެވެ."  

"…ނަމާދުގައިވެސް ޝައިޠާނާއަށް ވަސްވާހުގެ ދޮރުވަނީ ހުޅުވާލެވިފައެވެ. ނަމާދުކޮށް ނިމުނުއިރު އޭނާއަށް ނަމާދުގައި ކިޔުނު އެއްޗެއް ނޭނގި ހިނގައިދާނެއެވެ. އެހެންނަމަވެސް ނަބިއްޔާ صلى الله عليه وسلم ވަނީ މިކަމުގެ ފަރުވާ އަޅުގަނޑުމެންނަށް އަންގަވާ ދެއްވާފައެވެ. “أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيم” މާނައީ: “ލައުނަތްލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ރައްކާތެރިކޮށް ދެއްވުން އެދި ﷲ ޙަޟްރަތުގައި ދަންނަވަމެވެ.”  މިފަދައިން ކިޔައި އޭނާގެ ވައަތް ފަރާތަށް ތިންފަހަރު ފުމެލާނީއެވެ.

(މިތާގައި ފުމެލުން ތަރުޖަމާކޮށްފައިމިވަނީ ޢަރަބި ލަފުޒެއްކަމަށްވާ "التَّفْلُ" އިން. މިލަފުޒުގެ ޙަޤީޤީ މާނައަކީ ކުޑަކުޑަކޮށް ތެތްކަމެއް އަންނާނޭ ފަދައިން ފުމުން.)  

މިފަދައިން މީހަކު ޢަމަލުކޮށްފިނަމަ، ﷲ ތަޢާލާގެ އިރާދަފުޅާއެކު، އޭނާއަށް ކުރިމަތިވީ ކަންތައް ހައްލުވާނެއެވެ. މީހަކު ނަމާދަށް ފަށާއިރު އޭނާ ކޮޅަށް އެހެރީ ﷲ ތަޢާލާއާ ކުރިމަތިލައިގެންކަން އީމާން ވާންޖެހޭނެއެވެ. އޭނާ އެމުނާޖާދަންނަވަނީ ﷲ ތަޢާލާއާއިއެވެ. "اللهُ أَكْبَرُ" ކިޔުމާއި ﷲ ތަޢާލާއަށް ޙަމްދުޘަނާކިޔުމާއި އެއަށްފަހު ﷲ ތަޢާލާގެ ކަލާމްފުޅު ކިޔެވުމުން އަދި ނަމާދުގައި ދުޢާކުރެވޭ ހިސާބުތަކުގައި ދުޢާކުރުމުގެ ޒަރީއާއިން އޭނާއަށް އެކަލާނގެއާއި ކުށްތަންވޭނެއެވެ. މި އިޙްސާސް މީހެއްގެ ކިބައިގައިވާނަމަ އޭނާ ﷲ ތަޢާލާއާއި ކުރިމަތިލާނީ ޙުޝޫއަތްތެރިކަމާއި ކިޔަމަންތެރިކަމާއެކުއެވެ. އެކަލާނގެ ޙަޟްރަތުންވާ ހެޔޮކަންތައްތަކަށް އޭނާ ލޯބި ކުރާނެއެވެ. އަދި ﷲ ތަޢާލާ އޭނާގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއް އޭނާ ދޫކޮށްލައިފިނަމަ، އެކަލާނގެ ޙަޟްރަތުންވާ ޢަޛާބަށް އޭނާ ބިރުވެތިވާނެއެވެ.”  

ދުޢާއަކީ ﷲ ތަޢާލާ އެންމެހާ މުސްލިމުންނަށް ހެޔޮ ރަޙްމަތްލައްވާ ފާފަފުއްސަވައި ޝައިޠާނާގެ އެންމެހާ އުނދަގޫތަކުން ރައްކާތެރިކޮށްދެއްވުމެވެ.

 

- އަލްއުޚްތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން