ޤިޔާމަތްދުވަހު ރަސޫލް ޞޢޥ އާއި އެންމެ އަރިއަހުގަ ވުމަށް އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-: ޑރ. އުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 2މ 52ސ
ޤިޔާމަތްދުވަހު ރަސޫލް ޞޢޥ އާއި އެންމެ އަރިއަހުގަ ވުމަށް އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-: ޑރ. އުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަބޫ ޠަލްޙާ އަލްއަންޞާރީ ރަޟިޔަﷲ ތަޢާލާ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "އެއްދުވަހަކު ރަސޫލުﷲ ﷺ ހޭފުޅުލެއްވިއިރު، އެކަލޭގެފާނުގެ މޫނުފުޅުމަތިން ނުހަނު އުފާވެރިކަމާއި ތާޒާކަން ފާޅުވާން ހުއްޓެވެ. އެހިނދު ޞަޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ: 'އޭ ﷲގެ ރަސޫލާއެވެ! މިއަދު ކަލޭގެފާނު ހޭފުޅުލެއްވިއިރު ތިޔަހުންނެވީ ނުހަނު އުފާފުޅުންނެވެ. އަދި ކަލޭގެފާނުގެ މޫނުފުޅުން އެކަން ނުހަނު ބޮޑަށް ފާޅުވާން އެބަހުއްޓެވެ.' 

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: 'އާދޭހެވެ. އެހެނީ ޖިބްރީލްގެފާނީ ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ: އިބަ ރަސޫލާގެ އުންމަތުގެ މީހަކު، އިބަ ރަސޫލާގެ މައްޗަށް އެންމެ ފަހަރަކު ޞަލަވާތް ކިޔަވައިފިނަމަ، އެމީހަކަށްޓަކައި މާތްﷲ ދިހަ ހެޔޮކަން ލިޔުއްވާނެއެވެ. އަދި އެމީހެއްގެ ކިބައިން ދިހަ ފާފަ ފުއްސަވައިދެއްވާނެއެވެ. އަދި އެމީހެއްގެ ދަރަޖަ ދިހަ ގުނައަށް އުފުއްލަވައިދެއްވާނެއެވެ. ހަމައެހެންމެ، އެމީހަކު ޞަލަވާތް ކިޔެވުމުގެ ސަބަބުން، މާތްﷲ އެމީހެއްގެ މައްޗަށް ރަޙްމަތްލައްވާނެއެވެ (ޞަލަވާތް ފޮނުއްވާނެއެވެ).' 

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ: 'ހަމަކަށަވަރުން، ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ފޮނުއްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ފޮނުވުން ގިނަކުރާށެވެ. އަދި ފުރިހަމަވެގެންވާ ސަލާމަކުން ސަލާމް ދަންނަވާށެވެ.' 

މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ މައްޗަށް އެއްވެސް ކަމެއް ލާޒިމުކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ އެކަލާނގެ އަމިއްލަ ޒާތުފުޅަށް މެނުވީއެވެ. އެހެންނަމަވެސް، ﷲ ތަޢާލާ ވަނީ އެކަލާނގެ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ފޮނުއްވާކަން ބަޔާންކުރައްވާފައެވެ. އަހަރެމެންގެ ތެރެއިން މަލާއިކަތް ބޭކަލުންނަށްވުރެ މާތް މީހަކު ހުރީ ކާކު ހެއްޔެވެ؟ އެހެނަސް، މާތްﷲ ވަޙީކުރައްވަނީ ހުރިހާ މަލާއިކަތް ބޭކަލުންވެސް ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ފޮނުއްވާ ކަމަށެވެ.  

"މީހަކު އަމިއްލަ ނަފްސަށް އަނިޔާވެރިވާ ފަދައިން، ތިމާގެ އަމިއްލަ ނަފްސަށް ދަހިވެތިވާ މީހަކަށް ތިބާ ނުވާށެވެ. އަމިއްލަ ނަފްސަށް ދަހިވެތިވުމަކީ އެމީހަކު އަމިއްލަ ނަފްސަށް ދެވޭ ބޮޑު އަނިޔާއެކެވެ. މާތް ނަބިއްޔާ ﷺ ގެ އިސްމުފުޅު އިވޭހިނދު، އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔެވުމަކީ ވާޖިބު ކަމެކެވެ. އެފަދަ ވަގުތެއްގައި ސަލަވާތް ނުކިޔަވައި ހުރުމަކީ، ތިމާގެ އަމިއްލަ ނަފްސަށް ލިބެން އޮތް ބޮޑު ސަވާބާއި ދަރުމައިން މަޙްރޫމްވުމެވެ.  

އިސްލާމްދީނުގެ މަތިވެރި ހިދާޔަތް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވީތީ، އެކަލޭގެފާނަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ސަލަވާތް ކިޔަވަން ނުޖެހޭ ހެއްޔެވެ؟ އެހެންކަމުން، އެކަލޭގެފާނުގެ އިސްމުފުޅު އިވުމުން ސަލަވާތް ނުކިޔަވާ މީހަކީ އަމިއްލަ ނަފްސަށް ދަހިވެތިވެ، އަނިޔާވެރިވާ މީހެކެވެ.

މީގެ އިދިކޮޅަށް، ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅަކަށް ބަލާލަމާ ހިނގާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ގޮތުގައި، ގިޔާމަތް ދުވަހު އެކަލޭގެފާނާ އެންމެ އަރިސްވާނޭ މީހަކީ، އެކަލޭގެފާނުގެ މައްޗަށް އެންމެ ގިނައިން ސަލަވާތް ކިޔަވާ މީހާއެވެ. އެހެންކަމުން، އަބަދުވެސް ސަލަވާތް ކިޔަވަމުންދާ މީހާގެ ދަރަޖަ އުފުލިގެންދާނެ މިންވަރު ތަޞައްވުރު ކޮށްލައްވާށެވެ. ކޮންމެ ފަހަރަކު ސަލަވާތެއް ކިޔެވުމުން ސުވަރުގޭގެ ދަރަޖަތައް މަތިވެ، އެންމެ ފަހުން އެކަލޭގެފާނުގެ އަރިހަށް އެމީހަކަށް ދެވޭނެއެވެ. އިން ޝާ ﷲ 


- ޑރ. ޢުމަރު ސުލައިމނުގެ ދަރުސަކުން  

- މިއަދުޏޫސް

 

                   

މިއަދު އޮންލައިން