ޢާއިޝަތު ރަފާޙް ޢަލީ
އަމިއްލަ ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި ވޭނަށް ކެތްކުރުމަކީ ކުޑަކަމެއް ނޫނެވެ. ޔަޢުޤޫބްގެފާނު އެ ދަރިންގެ ކިބައިން އެތައް ކަމަކަށް ކެތްކުރެއްވެވިއެވެ. އެއީ ހަމައެކަނި އެކަލޭގެފާނުގެ ލޯބިފުޅުވާ ދަރިކަލުން (ޔޫސުފްގެފާނު) ވަގަށް ނަގައި، ވަޅަކަށް އެއްލައިލުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އެ ދަރިން އެކަލޭގެފާނަށް ދޮގުހަދައި، އެކަލޭގެފާނުގެ ހިތާމައަށް މަލާމާތްކުރިއެވެ. އަދި އެކަލޭގެފާނަކީ "މުސްކުޅިވެ، ބުއްދިފިލައި، ކަމަކާ ނުލައި ހިތާމަކުރާ" މީހެއްގެ ގޮތުގައި ސިފަކުރިއެވެ. "ތިޔަ ހިތާމައިން މިންޖުވެ، ތިޔަކަން ހަނދާން ނައްތާނުލެވެނީ ކީއްވެގެން ހެއްޔޭ" ބުނެ ފުރައްސާރަކުރިއެވެ.
އެހިނދު ﷲ ތަޢާލާ ބަޔާންކުރައްވަނީ ކީކޭ ހެއްޔެވެ؟ އެކަލޭގެފާނު ރޮއެ ރޮއެ ހިތާމައިން ލޯފަންވިއެވެ. ﷲގެ ހަޟްރަތުގައި ދަންނަވައި ރޮއެ ހިތާމަކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ އެކަލޭގެފާނު އެ ހުރިހާ ހިތާމައެއް "ދިރުއްވައިލެއްވި" ކަމަށެވެ (އެބަހީ ބޭރަށް ނުދައްކަވައި ހިފެހެއްޓެވިއެވެ). އެކަލޭގެފާނު އަމިއްލަ އިހުސާސްތަކާއި ވޭންތައް ހިފަހައްޓަވައި، އެ ހުރިހާ ކަމެއް ﷲގެ ހަޟްރަތަށް އުފުއްލެވިއެވެ.
ޔޫސުފްގެފާނުގެ ކެތްތެރިކަމާއި ހިތުގެ ސިއްރު:
ސުބުޙާނަﷲ، މިއީ ކިހާ ފުން އަސަރުގަދަ ވާހަކައެއް ހެއްޔެވެ؟ މިތަނުންވެސް ފެންނަނީ އެބޭކަލުންނަކީ "އައްވާހް" (މަޑު ހިތްތަކެއްގެ ވެރި) އަދި "ޙަލީމް" (ވަރަށް ބޮޑަށް ކެތްކުރައްވާ) ބޭކަލުން ކަމެވެ. ޔޫސުފްގެފާނަށް ބަލާއިރު، ބޭބެއިން ފެނިވަޑައިގެންނެވި ވަޤުތު، ވަގުތުން ބަދަލު ނުހިއްޕަވައި ހިފެހެއްޓެވުމަކީ އާދައިގެ ކެތްތެރިކަމެއް ނޫނެވެ. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ވާހަކައިގެ އެންމެ ފަހުން ޔޫސުފްގެފާނު ބޭބެއިންނަށް މަޢާފްކުރެއްވި ވާހަކައެވެ. ނަމަވެސް އާދައިގެ އިންސާނަކަށް، އެތައް އަހަރެއްގެ ފަހުން، ތިމާ ވަޅަށް އެއްލައިލި މީހުން ބާރާއި ނުފޫޒު ލިބިފައިވާ މަޤާމެއްގައި ހުއްޓާ ފެނިއްޖެނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ވަގުތުން މިސްރުގެ ސިފައިން ގާތު ބުނާނެއެވެ: "މިތިބީ ތިމަންނާ ވަޅަށް އެއްލައިލި މީހުންނެވެ. މޫދު ކައިރިއަށް ގެންގޮސް މޫދަށް ނައްތާލާށެވެ!" ވަގުތުން ބަދަލުހިފަން ބޭނުންވާނެއެވެ.
ނަމަވެސް ޔޫސުފްގެފާނު އެ ހުރިހާ އިހުސާސެއް އެތެރެއަށް ހިފަހައްޓެވިއެވެ. ބޭބެއިންނަށް ކެތްކުރެއްވިއެވެ. އޭގެ ފަހުންވެސް (އެކަލޭގެފާނަކީ ކާކުކަން ނޭނގި ތިބެ) އެ ބޭބެއިން އެކަލޭގެފާނަށް އިހާނެތިކޮށް ވާހަކަދެއްކިއެވެ. އެހިނދުވެސް ކެތްކުރެއްވިއެވެ.
އަދި އެކަލޭގެފާނުގެ ހިތުގެ ޝަކުވާ ﷲއަށް މިސްރާބުކުރެއްވި ވަރުން، އެކަލޭގެފާނު ހިތާހިތުން ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ރެކޯޑްކުރެއްވިއެވެ. މިއަދު ބިލިއަނުން މީހުން އެ ވާހަކަ ދުލުން ކިޔަވައެވެ. ޔޫސުފްގެފާނު ހިތާހިތުން ވިދާޅުވިއެވެ: ޔޫސުފް ސޫރަތުގެ 77 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَاللَّهُ أَعْلَمُ بِمَا تَصِفُونَ ﴿٧٧﴾
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް اللَّه ދެނެވޮޑިގަތުން ބޮޑެވެ. (77)
މިއީ ކިހާ އަޖާއިބެއްފަދަ ކަމެއް ހެއްޔެވެ! އިންސާނަކު އޭނާގެ ހިތާމައިގެ ވަގުތު ހިތާހިތުން ދެންނެވި ބަސް، މުޅި ދުނިޔެއަށް އިވޭނޭހެން ޤުރްއާނުގައި ލެއްވިއެވެ. މިއީ މުއުމިނަކު ﷲއަށްޓަކައި ހިތާމަތައް ހިފަހައްޓައި، ހިތާހިތުން ކުރާ ޝަކުވާ ﷲގެ ހަޟްރަތުގައި ގެއްލިގެން ނުދާނެކަމުގެ އެންމެ ބޮޑު ހެތްކެވެ.
ޝައިޠާނާގެ ވަސްވާހާއި ނަބީބޭކަލުންގެ ގޮތް;
ޝައިޠާނާ އައިސް ކަލޭގެ ސިކުނޑިއާ ކުޅޭނެއެވެ: "ކަލޭ ތިހެނQ ހުންނާނީ ހެއްޔެވެ؟ ރައްދު ނުދީފިއްޔާ ހަގީގަތް ހާމައެއް ނުވާނެއެވެ. ކަލޭވެސް އެމީހުންނަށްވުރެ ބާރަށް ހަޅޭއްލަވައި، އެމީހުންނަށްވުރެ ހަރުކަށިވާށެވެ!" ނަމަވެސް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދައްކަވައިދެއްވަނީ (ޒަކަރިއްޔާގެފާނު ބައިތުލް މަޤްދިސްގެ ކަނެއްގައި ހުންނަވައިގެން ކުރެއްވި ސިއްރު ދުޢާ ފަދައިން) މުއުމިނަކު ﷲއަށްޓަކައި ހިތާމަތައް ދިރުވާލައި، ހިތުގެ އަޑިން ކުރާ ސިއްރު ދުޢާތައް ﷲ އަޑުއައްސަވާ، އެކަމަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެ ކަމެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- -މިއަދުނޫސް