މާތް ރަސޫލާ ﷺ ގެ ޒަމާނުގައި ގެފުޅު ބިނާކުރުން ޞަފިއްޔުއް ރަޙްމާން މުބާރަކު ޕޫރީ އޭނާގެ ސީރަތު ފޮތްކަމުގައިވާ އައްރަޙީޤުލް މަޚްތޫމުގައި ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ގެފުޅު ބިނާކުރިއެވެ. އެއީ ފެންބޮޑުވުމުގެ ސަބަބުން ގެފުޅުގެ ބިއްކޮޅުތަކަށް ގެއްލުން ލިބިގެންނެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ގެފުޅު ބިނާކޮށްފައިވަނީ ބޮޑެތި ހިލައިންނެވެ. ގިނަ ދުވަސްވުމުގެ ސަބަބުން އޭރު ގެފުޅުގެ ބިތްކޮޅުތައްވަނީ ކަނޑަކަނޑައިގެން ގޮސްފައެވެ. އިސްމާޢީލުގެފާނުގެ ޒަމާނުގައި ގެފުޅު ބިނާކުރެވިފައިވާ އުސް މިނަކީ ގާތްގަނޑަކަށް 6.30 މީޓަރެވެ. އޭރު ބިނާކުރެއްވުމުގައި ގެފުޅުގެ ފުރާޅުކޮޅެއް ލައްވައިފައެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން ފުރާޅު މަތީން ވަގުން އަރައިގެން ގެފުޅުގެ ޚަޒާނާތައް ވަގަށް ގެންދާކަމުގައިވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރުކުރީން، އައި ވަރުގަދަ ވިއްސާރަގަނޑެއްގައި، ފެންބޮޑުވެ، ގެފުޅަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެހެންކަމުން ޤުރައިޝުން ގެފުޅު ބިނާކުރުމަށް ނިންމިއެވެ. އެބައިމީހުން އެއްބަސްވީ، ގެފުޅު ބިނާކުރުމުގައި އެއްވެސް ޙަރާމް ފައިސާއެއް ބޭނުންނުކުރުމަށެވެ. އެބައިމީހުންނަށް ގެފުޅުގެ ބިއްތައް ތަޅާލަން ނުކެރިގެން އުޅޭން ފެށުމުން އެކަމަށް އިސްނެގީ ވަލީދު ބިން މުޣީރަތެވެ. މީނާ ގެފުޅުގެ ބިއްތައް ތަޅަންފެށުމުން އެއްވެސް ގެއްލުމެއް ނުލިބުނެވެ. (މިފަދައިން ޤުރައިޝުން ބިރުން އުޅުނީ ގެފުޅާ ދިމާކުރަން ނުވަތަ ގެއްލުންދޭން އަންނަ މީހުން މާތްﷲ ހަލާކު ކުރައްވާތީއެވެ).
ދެން ޤުރައިޝުންވެސް ވަލީދުއާ ބައިވެރިވެ، ގެފުޅުގެ ބިއްތައް ތަޅަންފެށިއެވެ. ގެފުޅުގެ ބިއްތައް ތަޅަމުން ގޮސް އިބްރާހީމުގެފާނު އެޅުއްވި ބިންގަލާ ހަމައަށް ތަޅައިލުމަށްފަހު އަލުން އެބައިމީހުން އެބިންގަލުންގެ މަތީގައި ގެފުޅު ބިނާކުރަމުން ގެންދިޔައެވެ. ގެފުޅު ބިނާ ކުރަމުން ގެންދިޔައީ ޤަބީލާތަކަށް ބަހައިލައިގެންނެވެ. އެބައިމީހުން ގެފުޅު ބިނާކުރަމުން ގެންދިޔައީ ރޫމީންގެ ރާނާ މީހެއްކަމުގައިވާ ބާޤޫމުގެ ބެލުމުގެ ދަށުންނެވެ. ގެފުޅު ބިނާކުރަމުން ގޮސް ޙަޖަރުލް އަސްވަދު ބަހެއްޓުމާ ހަމައަށް ދިޔުމުން އެބައިމީހުންގެ މެދުގައި ދެބަސްވުން އުފެދުނެވެ. ހަތަރު ދުވަހަށް މި އަރާރުން ގަނޑު ދެމިގެން ދިޔައެވެ. އެހިނދު އެބައިމީހުންގެ ތެރޭގައި ހުރި ޙިކުމަތްތެރި މީހެއްކަމުގައިވާ އަބޫއުމައްޔަތު ބުނުލް މުޣީރަތު ބުންޏެވެ. މި މައްސަލައިގައި ގޮތެއް ނިންމާނީ ދެން އެންމެ އަވަހަށް މިސްކިތުގެ ދޮރުން ވަދެގެން އަންނަ މީހެކެވެ. މާތްﷲ ގެ އިރާދަފުޅުން އެ ދޮރުކޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭކަލަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ފެނުމުން އެބައިމީހުން ވަރަށް އުފާކޮށް ބުނަމުން ގެންދިޔައެވެ.
[ރުހިއްޖައީމުއެވެ. މިވަޑައިގަންނަވަނީ މުޙައްމަދުލް އަމީނުއެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެން އެތަނަށް ބޮޑު ފޮށައެއް ގެންނަވައި އޭގައި ޙަޖަރުލް އަސްވަދު ބޭއްވިއެވެ. ބޭއްވުމަށްފަހު ކޮންމެ ޤަބީލާއަކުން މީހަކު އައިސް އެފޮށާގެ ވަށައިގެން ހިފުމަށް އެންގެވިއެވެ. އެއަށްފަހު އެ ހިލަ ބާއްވަންވީ މަގާމާ ހިސާބަށް ގެންދިޔުމުން، އެ ހިލަ އެ ފޮށާއިން ނަންގަވައި އޭގެ މަގާމުގައި ބޭއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަތްޕުޅުންނެވެ. ޤުރައިޝުން ގެފުޅު ރޭނިއިރުގައި އެބައިމީހުންގެ އަތުގައި ހުރި ޙަލާލު ފައިސާ މަދުވުމުގެ ސަބަބުން، ގެފުޅުގެ އުތުރުން 6 މުށް އެތެރެއަށް ޖެއްސިއެވެ. އިބްރާހީމުގެފާނު ބިނާކުރެއްވި ބިންގަލަށްވުރެ 6 މުށް އެތެރެއަށް ޖެއްސި ބަޔަށް އަލްޙިޖްރު ނުވަތަ އަލްޙަޠީމު އޭ ކިޔައެވެ. އެބައިމީހުން ގެފުޅުގެ ދޮރުކޮޅު ބިމުން މައްޗަށް ދެމީޓަރު އުފުލިއެވެ. އެއީ އެބައިމީހުން ރުހޭ މީހަކު ގެފުޅަށް ވެއްދުމުގެ ބޭނުމުގައެވެ. އެބައިމީހުން ގެފުޅުގެ ފާރުކޮޅުތައް 15 މުށުގެ ދިގު މިނަށް ހިއްލިއެވެ. އެއަށްފަހު ހަ ތަނބުޖަހައި ފުރާޅުވެސް ލިއެވެ. (މުބާރަކް ޕޫރީ، 1996، ޞޞ 64-63).
އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަމަނާ، ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވީމެވެ. [އަލްޙަޠީމުއަކީ ގެފުޅުގެ ބައެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާނއެކެވެ.] ދެން ތިމަންކަމަނާ ދެންނެވީމެވެ. [ގެފުޅުގެ ތެރޭގައި އެބައި ނުހިމަނަކީ އޮތީ ކީއްވެތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އެއީ ގެފުޅު ބިނާކުރިއިރު ކަމަނާގެ ޤައުމުގެ މީހުންގެ އަތުގައި އެވަރަށް ފައިސާނެތީމައެވެ.] ތިމަންކަމަނާ ދެންނެވީމެވެ. [ގެފުޅުގެ ދޮރުކޮޅު އުސްކޮށްފައިވަނީ ކީއްވެތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އެބައިމީހުން އެގޮތަށް ކަންތައްކުރީ އެބައިމީހުން ބޭނުންވާ މީހަކު ގެފުޅުގެ ތެރެއަށް ވެއްދުމަށެވެ. އެބައިމީހުން ބޭނުންނުވާ މީހަކު ގެފުޅުން ބޭރުކުރުމަށެވެ. ކަމަނާގެ ޤައުމުގެ މީސްތަކުން ޖާހިލިއްޔަ ޒަމާނާ ގާތުގައި ނުވާނަމަ ތިމަންކަލޭގެފާނު ގެފުޅު ތަޅާލައްވައި، އެގެފުޅުން އުނިކުރެވިފައިވާ ބައި ގެފުޅުގެ ތެރޭގައި ހިމެނުއްވީމުހެވެ. ތިމަންކަލޭގެފާނު ގެފުޅުގެ ދޮރުކޮޅު ބިމާ އެއް ލެވެލްއަކަށް ތިރިކުރެއްވީމުހެވެ.]
އިބްނު ކަޘީރު ތަފްސީރުގައި ބަޔާން ކުރައްވައިފައެވެ. އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ. ރަސޫލާގެ އުމުރުފުޅުން ތިރީސް ފަސް އަހަރު ފުރުތަނާ ޤުރައިޝުން އެއްވެ ކަޢުބާ އަލުން ބިނާކުރުމަށް މަޝްވަރާ ކުރިއެވެ. އޭގެ ތެރޭގައި ގެފުޅުގެ ފުރާޅު މަރާމާތު ކުރުންވެސް ހިމެނެއެވެ. ނަމަވެސް އެބައިމީހުން ތިބީ އެތަން ތަޅާލަން ބިރުންނެވެ. އެދުވަސްވަރު ކަޢުބާ ހުރީ މީހަކު ކޮޅަށް ހުންނަ އިރު ކޮނޑަށްވުރެ ކުޑަ ތަންކޮޅެއް މަތިކޮށެވެ. އެހެންކަމުން ކަޢުބާގެ ފުރާޅު މަރާމާތުކޮށް އުސްކުރުމަށްވެސް އެބައިމީހުން ބޭނުންވިއެވެ. ކަޢުބާގެ ޚަޒާނާތައް ކުރިން ބަޔަކު ވަނީ ވަގަށް ނަގާފައެވެ. އެ ޚަޒާނާތައް ހުންނަނީ ކަޢުބާގެ ތެރޭގައިވާ ވަޅެއްގެ ތެރޭގައެވެ. ފަހުން އެބައިމީހުންނަށް އެ ޚަޒާނާތައް ދުވައިކު އޭ ކިޔުނު މީހެއްގެ ގެއިން ފެނުނެވެ. އޭގެ އަދަބެއްގެ ގޮތުން ޤުރައިޝުން އޭނާގެ އަތް ކަނޑައިލިއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ޚަޒާނާތައް ވަގަށް ނެގީ އެހެން މީހެކެވެ. އެމީހަށް ވަގަށް ނެގުމަށްފަހު ދުވައިކުގެ ގޭގައި ފޮރުވީއެވެ.
ދުވަސްކޮޅެއްފަހުން ޖިއްދާގެ ބަނދަރަށް ބޮޑު ބޯޓެއް އުރިއްޖެއެވެ. އެބޯޓަކީ ރޫމީ ވިޔަފާރިވެރިއެއްގެ ބޯޓެކެވެ. ޤުރައިޝުން އެބޯޓުގެ ލަކުޑިތައް ކަޢުބާގެ ފުރާޅު މަރާމާތު ކުރުމަށްޓަކައި އެއްކުރިއެވެ. އެ ލަކުޑިތައް ކީހާ އެބައިމީހުން ބޭނުންވާ ގޮތަށް ހަދައިދިނީ އޭރު މައްކާގައި ހުރި ޤިބްޠީ ވަޑިއެކެވެ. އެބައިމީހުން ގެފުޅު ތަޅާލަން ފެށުމުގެ ގޮތުން ވަލީދު ބްނު މުޣީރަތު ގެފުޅުގެ ފާރުން ހިލައެއް ނައްޓައިލިއެވެ. އެހިލަ ނައްޓާލުމާއެކު އަލުން އެހިލަ އޮތްތަނަށް އަނބުރާ ދިޔައެވެ. އެހިނދު އޭނާ މީސްތަކުންނަށް މުޚާތަބުކޮށް ބުންޏެވެ. [އޭ ޤުރައިޝުންނޭވެ. ޙަލާލު ގޮތަކަށް ހޯދި އެއްޗެއް މެނުވީ ގެފުޅު މަރާމާތު ކުރުމަށް ބޭނުން ނުކުރާށެވެ. ހަށިވިއްކައިގެން ލިބޭ ލާރިއެއް، ރިބާގެ ފައިސާއެއް، އަނިޔާވެރި ގޮތުގައި ހޯދައިގަތް މުދަލެއް ގެފުޅު ހެދުމަށް ބޭނުން ނުކުރާށެވެ.] ޤުރައިޝުންގެ ކޮންމެ ޤަބީލާއަކަށް ކަޢުބާގެ ބައެއް ބިނާ ކުރުމަށް ހަވާލުކުރިއެވެ. އެބައިމީހުން ގެފުޅު ތަޅާލަން ފަސްޖެހުނެވެ. އެހިނދު ވަލީދު ބްނު މުޣީރަތު ބުންޏެވެ. [ތިމަން ގެފުޅު ތަޅާލަން ފަށާނަމެވެ.] އޭނާ ކޯރާޑިއެއް ހިފައިގެން ކަޢުބާގެ ގާތަށް ގޮސް ބުންޏެވެ. [އޭ الله އެވެ. ތިމަންމެން މިއުޅެނީ ގެފުޅަށް ގެއްލުން ދޭކަށްނޫނެވެ. ތިމަންމެން މިއުޅެނީ އެތަން މަރާމާތު ކުރާށެވެ.] އެއަށްފަހު އޭނާ އެތަނުގެ ބިއްތައް ތަޅަން ފެށިއެވެ. މީސްތަކުން އެރޭވަން ދެން މަޑުކޮށްގެން ތިބެފައި ބުންޏެވެ. [ތިމަންމެން މާދަންވަންދެން މަޑުކުރާނީއެވެ. އޭނާއަށް ކަމެއް އައިސް ޖެހިއްޖެނަމަ ތިމަންމެން ގެފުޅު ތަޅާނުލާ އެތަން ހަދާނީއެވެ. އޭނާއަށް ކަމެއް ނުވެ ސަލާމަތުން ހުރެއްޖެނަމަ އަހަރެމެން މަޝްވަރާ ކުރިގޮތަށް ގެފުޅު ތަޅާލައިފައި މަރާމާތު ކުރާނީއެވެ.] އަނެއް ދުވަހު ހެނދުނު ވަލީދަށް އެއްވެސް ކަމެއްނުވެ ސަލާމަތު ހުރެއްޖެއެވެ. ދެން މީސްތަކުން އޭނާއާ އެކު ގެފުޅު ތަޅާލައި ގެފުޅުގެ ބިންގަލާ ހަމަކުރިއެވެ. އެ ބިންގަލަކީ އިބްރާހީމްގެފާނު ގެފުޅު ބިނާކުރެއްވި ބިންގަލެވެ. އެތަނުން މީހަކު އެބިންގަލުގެ ދަށަށް ފަކީރާ ލައްވައިފައި މަތާލުމުން މުޅި މައްކާ ގުޑިގެން ދިޔައެވެ. ދެން އެބައިމީހުން ބިރުން އެތަން ހުރި ގޮތަށް ދޫކޮށްލިއެވެ. އެއަށްފަހު އެބިންގަލުގެ މަތީގައި ގެފުޅު ބިނާކުރަމުން ގޮސް އެއްކޮށްނިންމާލިއެވެ. ދެން އިބްނު ކަޘީރު ގެންނަވައިފައިވަނީ އިސްވެދިޔަ އައްރަޙީޤުލް މަޚްތޫމުގައި ޞަފިއްޔުއްރަޙްމާން މުބާރަކް ޕޫރީ ގެންނަވައިފައިވާ ވާހަކަތަކެވެ. (އިބްނު ކަޘީރު، 2003، ވޮލިޔުމް 1، ޞޞ 392-391).
މިދެންނެވި ރިވާޔަތްތަކުން ދޭހަވަނީ އިބްރާހީމްގެފާނުގެ ބިނާކުރެއްވި ގެފުޅަށް އެންމެ ފުރަތަމަ ބަދަލު ގެނައީ ޤުރައިޝުންކަމުގައެވެ. އެބައިމީހުންވަނީ ގެފުޅުގެ ތެރޭގައި ހިމެނޭ ބައެއް ގެފުޅުގެ ތެރޭގައި ނުހިމަނާ ދޫކޮށްލައިފައެވެ. އެބަޔަކީ ޙިޖްރު ނުވަތަ ޙަތީމްއެވެ. ގެފުޅުގެ ކައިރީގައި ހަނދުފަޅިއެއްގެ ބައްޓަމަށް އެހުރީ އެތަނެވެ. ދެން ގެނައި ބަދަލަކީ ގެފުޅުގެ ދޮރުކޮޅު މައްޗަށް އުފުލުމެވެ. ތިރީގައިވާ ފޮޓޯއަކީ ސައުދީޕެޑިއާ (https://saudipedia.com/en/hijr-ismail) އިން ނަގައިފައިވާ ފޮޓޯއެކެވެ. އެފޮޓޯގައި ހަނދުފަޅީގެ ބައްޓަމަށް ކަޢުބާ ކައިރިން އެފެންނަކީ ޙަތީމް ނުވަތަ ޙިޖްރުއެވެ. ޙިޖްރަށް ޙިޖުރު އިސްމާޢީލު އޭ ވެސް ކިޔައެވެ.
