މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއަދަކީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހެވެ. މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޢީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިގޮތުން ޙައްޖުމަސް ފެށުމާއެކު އެމަހުގެ ތޭރަވަނަދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވެއެވެ. މާތް ﷲ އެ ބޭކަލުންނަށް ރުއްސުންލެއްވި އިބުނު ޢުމަރުގެފާނާއި، އަބޫ ހުރައިރަތުގެފާނު ޙައްޖު މަސް ފެށުމާ އެކު ބާޒާރުމައްޗަށް ނިކުމެވަޑައިގެން އަޑުހަރުކޮށް ތަކުބީރުވިދާޅުވެއެވެ. މީސްތަކުން އެ ދެ ބޭކަލުންގެ ފަހަތްޕުޅުން ތަކުބީރުކިޔާ ކަމުގައި އިމާމު ބުޚާރީ ރަޙިމަހު ﷲ ރިވާކުރައްވައިފައި ވެއެވެ.[1] ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުންފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަދުވަހުގެ ޢަޞްރުނަމާދާ ހަމަޔަށް ކޮންމެ ފަރުޟުނަމާދެއްގެ ފަހުގައި ތަކުބީރުކިޔުން ސުންނަތް ވެގެންވެއެވެ.
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އަޟުޙާޢީދުގައި ކަތިލެވޭ އުޟްޙިޔާއިން މާތް ﷲގެ ޚަލީލު އިބްރާހީމު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމު ވެވަޑައިގަތް ޤުރުބާނީގެ މަތީން ހަނދާންއާކޮށްދެއެވެ. އިބުރާހީމް ޢަލައިހިއްސަލާމު އިމްތިޙާނުކުރެއްވުމަށް ޓަކައި، ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނު ޤުރުބާންކުރެއްވުމަށް މާތް ﷲ އިބުރާހީމުގެފާނަށް އަމުރުކުރެއްވިއެވެ. އެ އަމުރުފުޅަށް އެކަލޭގެފާނު މާތް ﷲއަށް ކިޔަމަންވެވަޑައިގަތް މިންވަރާއި ދަރިކަލުން މާތް ﷲގެ އަމުރުފުޅަށް ބޯލެންބެވި މިންވަރާއި، ބައްޕާފުޅަށް ކިޔަންތެރިވެވަޑައިގަތް މިންވަރުގެ ބޮޑުކަން މި ހާދިސާއިން ހާމަވެއެވެ. އެ ދެ ބަފައިކަލުންނަށް އަމުރުކުރެވުނު ކަންތައްކުރެއްވުމަށް އަޒުމު ކަނޑައަޅުއްވައި އެ ކަމަށް އަވަސްވެވަޑައިގަތް ހިނދު އެ ކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފަހެ، އެ ދެ ބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރި ވަތަށް ބޭއްވެވި ހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބުރާހީމުގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙުސާންތެރީންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނުކަން ކަށަވަރެވެ. އަދި ޤަދަރު ބޮޑުވެގެންވާ ޛަބީޙާއެއް (އެބަހީ: ކަތިލައްވާނޭ ކަންބަޅިއެއް) ދެއްވައި ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ."
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އުޟުޙިޔާ ކަތިލުމަކީ އިބުރާހީމު ޢަލައިހިއްސަލާމުގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން، އިސްލާމީ ޝަރީޢަތުގައި ވެސް އެ ކަން ވަނީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވައިފައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. (ضَحَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ، فَرَأَيْتُهُ وَاضِعًا قَدَمَهُ عَلَى صِفَاحِهِمَا يُسَمِّيْ وَيُكَبِّرُ، فَذَبـَحَهُمَا بِيَدِهِ.)[2] މާނައީ: "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހުދުކުލައާއި ކަޅުކުލަ ހިމެނޭ ދެ ކަންބަޅި އުޟުޙިޔާގެ ގޮތުގައި ކަތިލެއްވިއެވެ. އެކަލޭގެފާނު އެ ދެ ކަންބަޅި އަރިއަކަށް ބާއްވަވައި، އޭގެ ކަނދުރާގައި ފައިންޕުޅު އަޅުއްވައި (بِسْمِ اللَّهِ، اَللهُ أَكْبَرُ) ވިދާޅުވެ އެކަލޭގެފާނުގެ އަތްޕުޅުން އެ ދެ ބަކަރި ކަތިއްލެވި މަންޒަރު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.