ޢީދުދުވަހަކީ އެންމެ މާތް ދުވަސް! ޢީދުއުފާ ޙާޞިލުކުރަން ނަހީއަކަށް އަރައިނުގަންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ޢީދުދުވަހަކީ އެންމެ މާތް ދުވަސް! ޢީދުއުފާ ޙާޞިލުކުރަން ނަހީއަކަށް އަރައިނުގަންނާތި!

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޢީދު ދުވަހަކީ މުޅިއަހަރުގައި  ވެސް އަންނާނެ އެންމެ މާތް ދުވަސްކަމަށް ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވައެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ -تَبَارَكَ وَتَعَالَى- يَوْمُ النَّحْرِ، ثُـمَّ يَوْمُ الْقَرِّ)[3]

މާނައީ: "ހަމަކަށަވަރުން މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ ޢީދު ދުވަހެވެ. ދެން އެޔާ ޖެހުނު ދުވަހެވެ." މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް ޢީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެކެވެ. ނަމަވެސް ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު،  އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޢީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެކެވެ. ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާކިޔައި، ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރާށެވެ! އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައިނުލާށެވެ! ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރާށެވެ! މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަޞްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރާށެވެ! މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެންމެން، އަންހެނުންނާއި ފިރިހެނުން، މުސްކުޅިންނާއި ކުޑަކުދީން ޖަމާވެ މި ތިބި ބޮޑުޖަމާޢަތަށް ބަލައި ވިސްނާށެވެ! އަދި އެތައް މިލިޔަން މުސްލިމުންނެއް ޖަމާވެތިބި މައްކާގެ މަތިވެރިބިމަށް ބަލާށެވެ! ޤިޔާމަތް ދުވަހު މާތް ﷲގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށްތިބޭނޭ ދުވަސްމަތީން ހަނދާންނުވޭހެއްޔެވެ؟ އެތައް މިލިޔަން މޭލެއްދުރުން މި އަދު ފެންނާން އިރު ހުރިއިރު، މި އަދު މި އިހުސާސްކުރަމުންދާ ހޫނާއި، ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ! މި ޖަމާޢަތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމާއެކު ސަލާންގަލާންކޮށް ހިނިތުންވާށެވެ! ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލާށެވެ! އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ވެއެވެ. އަދި  ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއްނެތްކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ. اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.

 

 

 

މިއަދު އޮންލައިން