މީސްތަކުންނަށް މާފުކުރުމަކީ ސުވަރުގެ ދެއްވަވާ ކަމެއް! ޢަދާވާތްތެރިވެގެން ހުންނަން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މީސްތަކުންނަށް މާފުކުރުމަކީ ސުވަރުގެ ދެއްވަވާ
ކަމެއް! ޢަދާވާތްތެރިވެގެން ހުންނަން ހެޔޮވެދާނެތަ؟


ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ހުރިހާ އެންމެންނަށް މާފުކުރައްވާ ކަމަށްޓަކައި ޞަޙާބީއަކު ދިރި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ.  

މިޙަދީޘްފުޅުންވެސް އެނގިގެންދަނީ މީސްތަކުންނަށް މާފުކުރުމަކީ ސުވަރުގެ ލިބިގަތުމަށް އޮތް ވަސީލަތެއް ކަމެވެ. އަދި އެއީ ކުރަން އެހައި ފަސޭހަވެސް ކަންތައް ކަމެކެވެ.  

އެނގިގެންމިދިއައީ ސުވަރުގެ އެދޭމީހާއަކީ މީސްތަކުންނަށް މާފުކުރުމުގެ ބާރު ލިބިގެންވާ، މީސްތަކުންނަށް މާފުކުރަމުންދާ މީހަކަށްވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ މީސްތަކުންނަށް މާފުކުރެއްވެވުމުގައި ﷲ ތާޢާލާއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. ﷲ ތައާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަންކަމުގެ ތެރޭގައި މީސްތަކުންނަށް މަޢާފްކުރެއްވެވުން ހިމެނެއެވެ.  

ވީމާ ސުވަރުގެ ލިބިގަތުމަށްޓަކައި ސީދާ ތެދުމަގުގައި ތިބެ މަސައްކަތްކުރަމުންދާ މީހުންނަކީވެސް އެހެން މީހުންނަށް މާފުކުރާ މީހުން ކަމުގައި ވާންވާނެއެވެ. މީސްތަކުންނަށް މާފުކުރާ މީހުންނަށް ﷲ ތަޢާލާ މަޢާފް ކުރައްވަވަތެވެ. ވީމާ މީސްތަކުންނަށް މާފުކުރާ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އަބަދުވެސް ދާނީ އޮހެމުންނެވެ. އެފަދަ މީހުންނަށް ސީދާވެގެންވާ ތެދުމަގު ދާނީ ލިބެމުންނެވެ.  

މީހަކު ތިމާއަށް ނުބައި ބަހެއް ބުނުމުން ނުވަތަ ނުބައި ކަމެއް ކުރުމުން ނުވަތަ ގެއްލުމެއް ދިނުން ފަދަ ކަމެއް ކުރުމުން އެމީހާއަށް މާފު ނުކުރެވޭތަނުގައި "އޭނާއަށް އަހރެން މާފުކުރާނީ ކިހިނަކުން" ކަމާއިމެދު އެބަ ސުވާލު ކުރެއެވެ. އެކަމުގައި ރޭގަނޑުގެ ނިދި އެބަ ނަގައިލެވެއެވެ. މިދުނިޔޭގައި ބަދަލު ނުހިފުނު ނަމަވެސް ޤިޔާމަތް ދުވަހުން ޙައްޤު ލިބިގަންނާނެ ކަމަށް އެބަ ބުނެއެވެ.

 އެންމެ ރަނގަޅު ގޮތަކީ މީސްތަކުންނަށް

މާފުކުރުމެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށް މާފު ކުރައްވަވާނެތެވެ. އެކަމުގެ ފައިދާ މާބޮޑު ނޫން ހެއްޔެވެ؟  

މީހަކަށް މާފުކުރަން އުނދަގޫވެއްޖެނަމަ އަމަލުކުރަން ވަރަށް ރަނގަޅު ގޮތެއް ބުނެދެން ހެއްޔެވެ؟ މީކަށް މާފުކުރަން އުނދަގޫވެއްޖެ ނަމަ ހިތަށް ގެންނަންވީ އެމީހާއަށް މާފުކުރުމުން ތިމާއަށް ސުވަރުގެ ދެއްވަވައިފާނެ ކަމެވެ. އަހަރެންނަށް ސުވަރުގެ ލިބެން މަގުފަހހިކުރާނީ ހެއްޔެވެ؟ ނޫންނަމަ އޭނާއަށް ހަސަދަވެރިވެގެން އުޅޭނީ ހެއްޔެވެ؟  

އެގޮތަށް ވިސްނުމަށް ގެނެސްފިނަމަ ކިތަންމެ ބޮޑު ނުބައިކަމެއް ކޮށްގެން ހުރި މީހާއަށް ވެސް މާފުކުރުން ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ. އެގޮތަށް ވިސްނައި އަމަލުކުރަން ޖެހޭ ސަބަބަކީ މީސްތަކުންގެ ކުށްތަކަށް މާފުކުރާ މީހާގެ ކުށްތައް ﷲ ތަޢާލާ ޢަފޫ ކުރައްވަވާތީއެވެ.  

ކަން މިހެން އޮތް އިރު މިއަދު މިއުޅެނީ ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކުގައި، ނުވަތަ ޢާއިލާގެ ތެރޭގައި ޖެހޭ ކުދިކުދި މައްސަލަތަކުގައިވެސް އެކަކު އަނެކަކަށް މާފު ނުކުރެވިގެންނެވެ. އެހެންކަމަށްވާއިރު އެފަދަ މީހުން މިބުނި ކަންކަމަށް އިތުރަށް ވިސްނައިލުން ކިތަންމެހައިވެސް ބުއްދިވެރިއެވެ. ބުއްދިވެރިންނަކީ ސުވަރުގެ ލިބިގަތުމަށް އަވަސްވެގަންނަ މީހާއެވެ. ވީމާ އަވަސްވެގަންނަންވީ އިސްވެ މާފުކުރާ މީހަކު ކަމުގައި ވުމަށެވެ.

--ޝައިޚް ޢަބްދުލްބާރީ ޔަޙްޔާ

 

މިއަދު އޮންލައިން