ގިނަ ބައަކަށް ފާޙިޝް ޢަމަލުތައް ކުރެވެން މެދުވެރިވާ އެންމެ ބޮޑު ސަބަބަށް ބިރުވެތިވެ ރައްކައުތެރިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ގިނަ ބައަކަށް ފާޙިޝް ޢަމަލުތައް ކުރެވެން
މެދުވެރިވާ އެންމެ ބޮޑު ސަބަބަށް ބިރުވެތިވެ ރައްކައުތެރިވަމާ!


ބައެއް މީހުންނަށް ވިސްނެނީ ކޮޓަރީގައި އެކަނި ހުރެވޭއިރު މިހުރެވެނީ އެކަނި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިބާއާއިއެކުގައިވާ މަލާއިކަތުން ތިބާއާއިއެކުގައިވާނެއެވެ. ތިބާ ފާފައެއްކުޜާނަމަ ރަޙުމަތުގެ މަލާއިކަތުން ތިބާ ދޫކުރައްވަވައި ދުރަށް ވަޑައިގަންނަވާނެތެވެ. ނަމަވެސް ތިބާގެ ފަތް ލިޔުއްވަވާ މަލާއިކަތުން ތިބާއާއިއެކުގައި ވާނެއެވެ.

ދެން އޮތީ އެންމެ ބޮޑަށް ވިސްނަން އޮތް ކަންތަކެވެ. އެއީ ތިބާކުރާ ހުރިހާ ޢަމަލުތަކެއް ހަމަ ވަޤުތުން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. އެހެންކަމަށްވާނަމަ ކޮޓަރީގައި އެކަނި ހުރެވޭކަމަށް ޤަބޫލުކޮށްގެން ހޯދޭނީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟  

ޝައިޠޯނާއަކީ މީސްތަކުންގެ އެންމެ ބޮޑު ދުޝްމިނެވެ. އެހެންވެ ޙަރާމް ކުރެއްވެވި ހުރިހާ ކަންކަން ވަރަށް ރީތިކޮށް ގިރިޓީކޮށްފައި ދައްކާނެއެވެ. އެކަންކަމަކީ ފާފައެއް ނޫންކަމަށް  ވަސްވާސްދީ ވިސްނައިދޭނެއެވެ. އެވަރުންވެސް ފާފަ ނުކޮށްފިނަމަ ތައުބާވުމުން ފާފަފުއްސަވައިދޭނެކަން ވިސްނައިދީގެންވެސް ފާފަކުރުވަން މަސައްކަތްކުރާނެއެވެ.  

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ޒިނޭ އާއި އެއްގޮތަކަށްވެސް ކައިރިނުވާށެވެ! އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑުވެގެންވާ ފާފައެކެވެ. އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާ ފާފައެކެވެ. ވީމާ ކެތްތެރިވާށެވެ!  

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ހަމައެކަނި އަޅުކަމަކީ އަޅުކަމުގައި ހިމެނޭ ޢަމަލުތައް ކުރުން ކަމަށެވެ. އެކަން އޮތީ އެހެނެއް ނޫނެވެ. ކެތްތެރިވުމަކީވެސް އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ. "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ވަހީކުރައްވަވާފައި އޮތުމުން އެކަމުގެ ދަލީލު ނުލިބެނީ ހެއްޔެވެ؟  

ޒިނޭ ކުރުމުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވީމާ ފުރަތަމަ ކަމަކީ ކެތްތެރިވުމެވެ. ކެތްތެރިވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ބެލުންތައް ތިރިކުރުމެވެ. ބެލުންތައް ތިރިކުރުމުގެ މާނައަކީ ހަމައެކަނި ލޮލަށް ފެންނަ މީހުންނަށް ނުބެލުމެއް ނޫނެވެ. ފާހިޝް ކަމަކަށް މަގުފަހިވެދާނެ ފަދަ އެއްވެސް މަނަޒަރެއް ނުބެލުމެވެ.  

ބައެއް މީހުން މަގުމަތީގައި ބެލުންތައް ތިރިކޮށްފާނެއެވެ. ނަމަވެސް އެކަނި ވެވޭ ވަގުތު ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން މަގުމަތިން ފެނުނު މަންޒަރުތަކަށްވުރެ މާ ނުބައިކަން ބޮޑު މަންޒަރުތައް ބެލުމުން އެއީ ބެލުންތައް ތިރިކުރުން ކަމަކަށް ނުވާނެއެވެ. ބެލުންތައް ތިރިކުރުމަކީ ހަމަލޮލުންވެސް ތަސްވީރަކުންވެސް ފިލްމަކުންވެސް އެފަދަ އެއްވެސް މަންޒަރެއް ނުބެލުމެވެ. ވީމާ ބެލުންތައް ތިރިކުރުމުގެ މާނަ ހަމައެކަނި ލޮލަށް ޢާންކޮށް ފެންނަ މަންޒަރުތައް ނުބެލުމާއި ހަމައިން ނިންމައިނުލާށެވެ! ނޫންނަމަ ދެވޭނީ ހަމަ ޒިނޭއާއި ކައިރިއަށެވެ.  

އަނބިފިރިވަންތަކަމަށް ބޭނުންވާނަމަ ތިބާގެ ކިބައިގައި ކުޅަދާނަކަން ހުރިނަމަ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނިކުރެވެން ނެތް ނަމަ ރޯދަހިފުން ގިނަކުރާށެވެ. ކީރިތި ޤްރުއާން ކިޔެވުން ގިނަކުރާށެވެ! ކެތްތެރިކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ! ﷲ ތަޢާލާ ތިބާއަށް ކެތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ  

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން