ޖީބުހުސްވުމާ ބައިވެރިޔާގެ ކިބައިން ލޯބިނުލިބުމުގެ މައްސަލަ ޙައްލުކުރަން ބޭނުންވާ މީހުން ނިކަން މިދެކަންތަކަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޖީބުހުސްވުމާ ބައިވެރިޔާގެ ކިބައިން ލޯބިނުލިބުމުގެ މައްސަލަ ޙައްލުކުރަން ބޭނުންވާ މީހުން ނިކަން މިދެކަންތަކަށް ސަމާލުކަންދީބަލަ!

ދުނިޔެއިން އަހުރެމެން ޙާޞިލުކުރަންޖެހޭ 2 ކަމެއްވެއެވެ. އެއީ ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތެވެ. އެހެންވެ އަހުރެން ބަހެއް ބުނެލަން މިއުޅެނީ ގިނަ ބައަކަށް ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތް ގެއްލިގެންދާ 2 ކަމެކެވެ. އަހުރެންގެ މިވާހަކަކޮޅު ބޮޑަށް އަމާޒުމިކުރަނީ ފިރިހެނުންނަށެވެ.  

ފިރިހެނުން އެމީހުންގެ ނަފްސް ކޮންޓްރޯލްކުރަން މަސައްކަތްކުރާނަމަ މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތަކެއް ޙައްލުވެގެންދާނެއެވެ. އަދި ތިމާއަކީ ކާމިޔާބު މީހަކަށްވުމަށްޓަކައި ތިމާގެ ނަފްސް ކޮންޓްރޯލްކުރުމަކީ ކޮންމެ މީހަކަށްވެސް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ. މިގޮތުން ދެކަމެއް ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ އެއީ ކިތަންމެ ނުބައިކަން ބޮޑު ކަމެއް ނަމަވެސް ކޮންމެވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ބޭނުންކުރާ މީހުން ގިނަވެއްޖެއެވެ. ގިނަ މީހުން އެފަދަ ޢަމަލުތައް ކުރަނީ ގެއިން ބޭރުގައެވެ. ސިކުނޑި ތަޣައްޔަރުކޮށްގެން ހުރެ ގެއަށް ދެވުމުން އަނބިދަރިންނާއިމެދު ޢަމަލުކުރެވެނީ ރަނގަޅަކަށް ނޫނެވެ. އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް އަންނަނީ އުފެދެމުންނެވެ.  

ތިމާ އެފަދަ ކަމެއް ނުކުރަން ޢަޒުމް ކަނޑައަޅައިގެން ހުރިނަމަ އެފަދަ ކަމެއް ކުރުވުމަކީ އެހެން މީހަކަށް ކުރުވޭނެ ކަމެއް ނޫނެވެ. އެފަދަ ކަންކަންކުރާ މީހުންނާއިއެކު ނުއުޅޭނަމަ އެފަދަ ކަމެއް ކުރަން އެއްވެސް މީހަކަށް ބާރެއްވެސް ނުއެޅޭނެއެވެ.  

ދެން ފާހަގަކޮށްލަން ބޭނުންވަނީ ފާޙިޝް ޢަމަލުތައް ކުރުމެވެ. ކައިވެނީގެ ބޭރުން އެއްވެސް އަންހެނަކާއި ގުޅުން ނުހިންގަން ޢަޒުމް ކަނޑައަޅައި އެގޮތުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރާ މީހެއްގެ މައްޗަކަށް އެއްވެސް އަންހެނަކަށްވެސް ނުފޫޒެއް ނުފޯރުވޭނެއެވެ. ރީތި، މީހުން އަޅަގަންނަފަދަ ސިފަތައް ހުންނަ އަންހެނުންނަށް ފިރިހެނުންގެ މައްޗަށް ނުފޫޒު ހިންގެނީ ފިރިހެނުންގެ ކިބައިގައި ހަރުދަނާކަމެއް ނެތުމުންނެވެ.  

ދެން ބަލައިލަންވީ މިބަޔާންކުރި ދެކަންތަކުގެ ސަބަބުން ތިމާއަށް ލިބޭ މާލީ ގެއްލުންތަކަށެވެ. މިބަޔާންކުރި 2 ކަންތައް ކުރާ މީހަކު ނަމަވެސް އެކަންކަން ކުރަން ވަރަށް ގިނަ ފައިސާ ޚަރަދުކުރަން ޖެހޭނެއެވެ. އެފައިސާއަކީ ބުރަ މަސައްކަތްކޮށްގެން ހޯދޭ އެއްޗެކެވެ. އަދި އެފައިސާއަކީ ތިމާ އާއި ތިމާގެ އަނބިދަރިންގެ ބޭނުންތަކަށް ޚަރަދުކުރަން ހުންނަ ފައިސާއެވެ. ބޭކާރު ގޮތުގައި ޚަރަދުކުރުމުން އަތްމަތިދަތިވެއެވެ. ޢާއިލާއަށް ދަތިޙާލުގައި އުޅެންޖެހެއެވެ.  

ކޮންމެ ފިރިހެނަކުވެސް ހަމައެކަނި މިދެކަންތަކަށް ސަމާލުކަންދިނަސް ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އުފާވެރިކަން ލިބޭނެއެވެ. ތަނަވަސްކަންވެސް އިތުރުވާނެއެވެ.  ހަމަޖެހިލައިގެން ޢާއިލާއާއިއެކު ދިރިއުޅެވޭނެއެވެ. އަދި އާޚިރަތް ކާމިޔާބުކުރަންވެސް މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން