ތިމާގެ ރަނގަޅުކަން ދައްކަން ބައިވެރިޔާއާމެދު ބުރަދަނެއް ނެތް ޝަކުވާކުރާނަމަ ފަޟީޙަތްވާނީ އެމީހަކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާގެ ރަނގަޅުކަން ދައްކަން ބައިވެރިޔާއާމެދު ބުރަދަނެއް ނެތް ޝަކުވާކުރާނަމަ ފަޟީޙަތްވާނީ އެމީހަކު!

އެއްދުވަހަކު ފިރިހެނަކު އައިސް ބުންޏެވެ.

"އަހުރެންގެ އަނބިމީހާ ކައްކަނީ ހަފްތާއަކު 2 ދުވަހުއެވެ. ގޭތެރެ ސާފެއް ނުކުރެއެވެ. އެކުގައި ބޭރަށްދާން އެދުނަސް ބޭރަކަށްވެސް ނުދެއެވެ."  

އޭނާގެ އަތުން އަނބިމީހާގެ ފޯނު ނަންބަރު ހޯދައިގެން އަހުރެން އޭނާއަށް ގުޅައި އެކަންކަމަށް ސުވާލުކުރުމުން ދިން ޖަވާބުވެސް ބުނެލާނަމެވެ.

"ތިއަ 3 ވާހަކައަކީވެސް ތެދެކެވެ. އޭނާ ހަފްތާއަކު ގޭގެ ޚަރަދަށް ދެނީ 100 ޑޮލަރެވެ. އެއިން ކެއްކެނީ 2 ދުވަހުއެވެ. އެހެންވެ ކެއްކޭވަރަށް ކައްކާފައި ފްރިޖަށްލަނީއެވެ. ގޭތެރެ ސާފުނުކުރެވެނީ ސާފުކުރަން ބޭނުންވާ ތަކެތި ހޯދައި ނުދޭތީއެވެ. އެކުގައި ބޭރަށްދާން ބުނަނީ އަހުރެން އޮލައިންކޮށް ކިޔަވާ ޤުރްއާން ކްލާސް ފެށެން އެންމެ ބައިގަޑިއިރަށްވުމުންނެވެ. އެއީ ކޮންމެ ހަފްތާއަކު އަހުރެން އެންމެ ބޮޑަށް އިންތިޒާރުކުރާ ވަޤުތެވެ. ވީމާ ޤުރްއާން ކްލާސް ދޫކޮށްލާފައި ބޭރަށްދާން އަހަރެން ބޭނުން ނުވަނީއެވެ."  

ކޮންމެ މީހަކު ޝަކުވާކުރިނަމަވެސް އެކަމުގެ ޙަޤީޤަތް ބަލަންޖެހެއެވެ. ހަމައެކަނި އެކަކު ދައްކާ ވާހަކައިގެ އަޑުއަހައިގެން ނުފުދޭނެއެވެ. ޝަކުވާ ލިބޭމީހާގެ ވާހަކަތައްވެސް އަޑުއަހަންޖެހެއެވެ. ޙަޤީޤަތް އެނގޭނީ އެއިރުންނެވެ. އަނބިމީހާ ދިން ޖަވާބުތައް އަޑުއިވި އެއީ ތެދުކަމަށް ފިރިމީހާ އެއްބަސްވުމުން އަންތަރީސްވިއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ކަންކަން ޙައްލުކުރާނީ ކިހިނަކުންހެއްޔެވެ؟ ދިރިއުޅޭއިރު ކުރިމަތިވާ ކަންކަމަށް ޝަކުވާކުރަންޖެހޭނީ އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށްފަހުގައެވެ. އެކަންކަން ނުކޮށް އަނެކާގެ ޝަކުވާކުރަމުން ހިނގިމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- ޝައިޚް މުޙައްމަދު ބާޖައުރު

މިއަދު އޮންލައިން