ދަމުނަމާދު ކުރުމަށް އޮތް ވަރަށް ލުއިފަސޭހަ މަގެއް!: ފަޟީލަތުއްޝައިޚް އަޒީޒް ބިން ފަރްޙާން އަލްޢަންޒީ

ކިޔުމަށް ހޭދަވާނީ 2މ 58ސ
ދަމުނަމާދު ކުރުމަށް އޮތް ވަރަށް ލުއިފަސޭހަ މަގެއް!: ފަޟީލަތުއްޝައިޚް އަޒީޒް ބިން ފަރްޙާން އަލްޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

ދަމުނަމާދު ކުރުމަކީ މުއުމިނުންނަށް ލިބިގެންވާ މަތިވެރި ޝަރަފެއްކަމުގައި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. އަދި ދަމުނަމާދުކޮށް އުޅޭ އަޅުތަކުންނަށް މާތް الله ވަނީ ވަރަށް ބޮޑަށް ޘަނާވިދާޅުވެފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައި، އެބައިމީހުންނީ ރޭގަނޑުގެ އަރާމު ނިދި ދޫކޮށް، ބިރުވެތިކަމާއި އުންމީދާއެކު އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާ މީހުންނެވެ. މީގެއިތުރުން، ރޭގަނޑުގެ ބައެއްގައި ތަހައްޖުދު ނަމާދު ކުރުމަށް އަމުރުކުރައްވައި، އޭގެ ސަބަބުން މަޙްމޫދުވެގެންވާ (ޚާއްޞަ) މަޤާމަކަށް އެ އަޅަކު އުފުއްލަވާނެކަމުގެ އުފާވެރި ޚަބަރު މާތް الله ވަނީ ދެއްވާފައެވެ. 

ނަބިއްޔާ ﷺ ރޭގަނޑުގެ އަޅުކަން ކުރެއްވުމުގައި ގެންގުޅުއްވި މަންހަޖަކީ އެންމެ ފުރިހަމަ އަދި އެންމެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު ރޭގަނޑުގެ ކުރީކޮޅުގައްޔާއި، މެދުތެރޭގައްޔާއި، އަދި ފަހުބައިގައިވެސް ނަމާދު ކުރެއްވިއެވެ. ނަމަވެސް އެންމެ ގަވާއިދުން ނަމާދު ކުރެއްވީ ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބައިގައެވެ. އުންމުލް މުއުމިނީން ޢާއިޝަތުގެފާނު ރިވާކުރައްވާފައިވާ ގޮތުގައި، ރަމަޟާން މަހާއި އެނޫން މަސްތަކުގައިވެސް އެކަލޭގެފާނު ޢާންމުކޮށް ކުރައްވަނީ 11 ރަކުޢަތެވެ. ބައެއް ޙާލަތްތަކުގައި 13 ރަކުޢަތަށްވެސް ކުރައްވައެވެ.

މީގެ މާނައަކީ ވަކި ޢަދަދަކަށް ނަމާދު ކުރުން ލާޒިމުވުމެއް ނޫނެވެ. ނަބިއްޔާ ﷺ ނަމާދުގައި ކިޔަވާ ވިދާޅުވުން ދިގުކުރައްވާ މިންވަރުން، އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވެއެވެ. އެހެންކަމުން، ތިޔަ އުޚުތާވެސް ބޭނުންފުޅުނަމަ 11 ރަކުޢަތް ކުރެވިދާނެއެވެ. ނުވަތަ އެއަށްވުރެ މަދުން 3، 5، 7، ނުވަތަ 9 ރަކުޢަތްވެސް ކުރެވިދާނެއެވެ. އަދި 20 ރަކުޢަތަށްވުރެ ގިނައިން ކުރެއްވި ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވަނީ ރޭގަނޑުގެ ނަމާދު ވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުން ކަމަށެވެ. ޞަޙާބީ ބޭކަލުންވެސް ތަފާތު ޢަދަދުތަކަށް ރޭގަނޑުގެ ނަމާދު ކުރެއްވިކަން ސާބިތުވެއެވެ. 

މި އަޅުކަމުގައި އެންމެ މުހިންމީ މީހާގެ ކުޅަދާނަކަން ހުރި މިންވަރެކެވެ. މުޅި ރޭގަނޑު ނިދި ދޫކޮށް ނަމާދުގައި ހޭދަކުރުމުގެ ބަދަލުގައި، އަމިއްލަ ހަށިގަނޑަށާއި އަހުލުވެރިންނަށް ދޭންޖެހޭ ޙައްޤުތައް ދީގެން، ތިމާއަށް ކުރެވޭ މިންވަރަކުން ނަމާދު ކުރުމަށް ނަބިއްޔާ ﷺ ވަނީ އިރުޝާދު ދެއްވާފައެވެ. ވަރުބަލިވެ ކަންނެތްވާ މިންވަރަށް ނަމާދު ދިގުކުރުމުގެ ބަދަލުގައި، ހީވާގިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މިންވަރަކަށް ކުރުން މާ ފުރިހަމަވެގެންވެއެވެ. 

ރޭގަނޑުގެ ނަމާދު ފެށުމުގައި ލުއި ދެ ރަކުޢަތުން ފެށުމަކީ ނަބިއްޔާ ﷺ ގެ ސުންނަތެކެވެ. މީގެ ބޭނުމަކީ ނަމާދުގެ ތެރެއަށް ވަނުމަށް ހަށިގަނޑާއި ހިތް ތައްޔާރުކޮށްލުމެވެ. ކޮންމެ ރަކުޢަތެއްގައި ފާތިޙާ ސޫރަތާއި ޤުރުއާނުން ފަސޭހަ މިންވަރެއް ކިޔަވަންވާނެއެވެ. ބައެއް މީހުން މުޞްޙަފު ބަލައިގެން ކިޔަވައިގެން ރޭގަނޑުގެ އަޅުކަމުގެ ތެރޭގައި ޚަތިމު ކުރެއެވެ. 

އަދި ނަމާދު ކުރާނެ ގޮތުގެ ތަފާތު ސިފަތައް ސުންނަތުން ސާބިތުވެއެވެ. އޭގެ ތެރޭގައި އެއް ރަކުޢަތުން، ނުވަތަ ތިން ރަކުޢަތް، ފަސް ރަކުޢަތް، ހަތް ރަކުޢަތް ނުވަތަ ނުވަ ރަކުޢަތް މެދުގައި ނުއިށީނދެ ވިދިވިދިގެން ކުރުން ހިމެނެއެވެ. ތިޔަ އުޚުތާއަށް އެންމެ ފަސޭހަ، އަދި ހިތަށް އެންމެ ބޮޑަށް މަޑުމޮޅިކަން ލިބޭ ގޮތަކަށް ނަމާދު ކުރިއަށް ގެންދަވާށެވެ. ބައެއް މީހުންނަށް ގިނަ ރަކުޢަތްތަކެއް ކުރުމަށްވުރެ، މަދު ރަކުޢަތްތަކެއްގައި ކިޔެވުން ދިގުކޮށްލުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ. އެހެންކަމުން، ތިމާގެ ޙާލަތަށް ބަލައި އެންމެ މުނާސަބު ގޮތެއް އިޚްތިޔާރު ކުރެއްވުން އަޢުލާވެގެންވެއެވެ. 

- ފަޟީލަތުއްޝައިޚް އަޒީޒް ބިން ފަރްޙާން އަލްޢަންޒީގެ ދަރުސަކުން 

- މިއަދުނޫސް              

މިއަދު އޮންލައިން