މާފުކުރުމަކީ ވަރަށް އަގުބޮޑު އަދި ކުރަންޖެހޭ ކަމެއް ނަމަވެސް އެކަމަކުން ދިރިއުޅުމަށް އަސަރުކުރާ، ހިތްދަތިކަން ލިބޭ ކަންކަމުގައި މާފުކުރަންޖެހޭނީ ވަކިވަރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މާފުކުރުމަކީ ވަރަށް އަގުބޮޑު އަދި ކުރަންޖެހޭ ކަމެއް ނަމަވެސް އެކަމަކުން ދިރިއުޅުމަށް އަސަރުކުރާ، ހިތްދަތިކަން ލިބޭ ކަންކަމުގައި މާފުކުރަންޖެހޭނީ ވަކިވަރަކަށް!

އަހުރެމެންނަށް އޮތީ އަބަދުވެސް އެހެން މީހުންނަށް މާފުކުރުމެވެ. ޚާއްޞަކޮށް ބައިވެރިޔާއަށެވެ. މާފުކުރުމަކީ ރިވެތިއަޚްލާޤްގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އަހުރެމެންގެ ދީންވެސް ބާރުއަޅަނީ މާފުކުރުމަށެވެ. 

މާފުކުރުމަކީ ވަރަށް ހިތްވަރުގަދަ މީހުންނަށް އެކަނި ކުރެވޭނެ ކަމެކެވެ. އެހެނީ މާފުކުރުމަކީ ވަރަށް ޢަޒުމް ވަރުގަދަ މީހުންގެ ކިބައިގައި ހުންނަ ސިފައެކެވެ. ޢަޒުމެއް ނެތް، ހިތްވަރުދެރަ މީހަކަށް މާފުކުރުންވާނީ ވަރަށް ބޮޑު ކަމަކަށެވެ.  

ކޮންމެއަކަސް ތިމާއަކީ ޢަޒުމް ވަރުގަދަ، ހިތްވަރުގަދަ މީހަކުނަމަވެސް މާފުކުރުމުގައި ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން މާފުކުރުމަކީ ވަރަށް އަގުބޮޑުކަމެއްކަން ދަންނަންވާނެއެވެ. 

މާފުކުރުމުން އެކަމުގެ އަގު ވަޒަންނުކުރެވޭ މީހަކަށް މާފުކުރިނަމަވެސް ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އަދި ކިތަންމެ ގިނައިން މާފުކުރިނަމަވެސް ކުރާނެ ފައިދާއެއްވެސް ނެތިދާނެއެވެ. އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ މާފުކުރުމުގައި އިންތަކެއް ގެންގުޅެންޖެހޭނެ ކަމަށެވެ.  

އެއިގެ މާނައަކީ އެކަމަކުން ދިރިއުޅުމަށް އަސަރުނުކުރާ، ގެއްލުން ނުވާ ކަންތައްތަކުގައި ކިތަންމެ ގިނައިންވެސް މާފުކުރާށެވެ. ނަމަވެސް އެކަމަކުން ދިރިއުޅުމަށް އަސަރުކުރާ، ހިތްދަތިކަން ލިބޭ ކަންކަމުގައި މާފުކުރަންޖެހޭނީ ވަކިވަރަކަށެވެ. ކޮންޓްރޯލް ދޫކޮށްލައި އިމެއްނެތި މާފުކުރާނަމަ އެއްވެސް ކަމެއް އިޞްލާޙެއް ނުވާނެއެވެ. އަދި ކުށްކުރަން ބިރެއްވެސް ނުގަންނާނެއެވެ. ކުށްނުކުރަން ފަރުވާތެރިއެއްވެސް ނުވާނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! "އައިއޭމް ސޮރީ" ބުނެލަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް މާފުކުރަންޖެހޭ މީހާއަށް އަބަދު މާފުކުރަންޖެހޭނަމަ ނުވަތަ އަބަދު މާފަށް އެދެންޖެހޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ވަކިހިސާބަކުން މާފުނުކުރެވެންފަށާނެއެވެ. އެހިސާބަށް ކަންކަން ދިއަ ނުދޭށެވެ.  

ވީމާ މާފަށް އެދުމުގައިވެސް އަދި މާފަށް އެދުމުގައިވެސް އިންތަކެއް ކަނޑައަޅަންވާނެއެވެ. އެއިންތަކުގައި ހިފަހައްޓައިގެން ނޫނީ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ. އެކަން ކޮންމެ ދެމަފރިއަކަށްވެސް ޤަބޫލުކުރެވިގެން ނޫނީ އުފާވެރިކަމެއް ނުލިބޭނެއެވެ.  

ހަމައެކަނި ދެމަފިރިންނެއްވެސް ނޫނެވެ. ވަޒީފާގެ މާޙައުލުގައިވެސް މިއުޞޫލުތައް ހިފަހައްޓަންވާނެއެވެ. ނޫންނަމަ މައްސަލަތައް ދާނީ ތަކުރާރުވަމުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން