ޢާއިޝަތު ރަފާޙް ޢަލީ
ސުވާލު: "އަލަށް ދިރިއުޅުމެއް ފަށަން ގަސްތުކުރާ ރަޙުމަތްތެރިއަކު އެބަހުއްޓެވެ. އޭނާ ކައިވެނިކުރުމަށް ހުށަހެޅުނު އަންހެން ކުއްޖަކީ މާޝާﷲ، ދީންވެރި، ސީދާ މަގުގައި ހުރި، އަދި ޞައްޙަ ޢަޤީދާގެ މަތީގައި ހުރި ކުއްޖެކެވެ. ނަމަވެސް، އޭނާގެ ކިބައިގައި ހުރި ހަމައެކަނި އުނިކަމަކީ ބޭރުފުށުގެ ރީތިކަން ކުޑަވުމެވެ. މި ސަބަބާހުރެ ރަޙުމަތްތެރިޔާ ކައިވެނިކުރަން ފަސްޖެހެނީއެވެ. މިކަމުގައި ދެއްވާނީ ކޮން ނަސޭހަތެއްތޯއެވެ؟"
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ:
"ލޮބުވެތި އަޚް ޢަބްދުﷲ އެވެ! މާތްﷲ ތިބާއަށާއި ތިބާގެ ރަޙުމަތްތެރިޔާއަށް ބަރަކާތް ލައްވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެ ފަދަ ޞާލިޙު، ދީންވެރި އަނބިކަނބަލަކު މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.
ކައިވެނީގެ މައުޟޫޢުގައި މާތް ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ: 'އަންހެނަކާ ކައިވެނިކުރެވެނީ ހަތަރު ކަމަކަށް ބަލައިގެންނެވެ. އެއީ އޭނާގެ މުދާވެރިކަމަށާއި، އޭނާގެ ނަސަބަށާއި، އޭނާގެ ރީތިކަމަށާއި، އަދި އޭނާގެ ދީންވެރިކަމަށެވެ. ފަހެ، ދީންވެރިކަމަށް އިސްކަންދީގެން ކާމިޔާބު ހޯދާށެވެ! “(ނޫންނަމަ) ތިބާގެ ދެއަތް ހިރަފުހާ ފޭރޭނެއެވެ (ނިކަމެތިވާނެއެވެ).'
ޢާންމު އުޞޫލުން މީހަކު ކައިވެންޏަކަށް ތައްޔާރުވާއިރު، އަންހެން ކުއްޖާގެ ޢާއިލީ ނަސަބާއި، ރީތިކަމާއި، މުދާވެރިކަމަށް ބެލުމަކީ އިންސާނީ ތަބީޢަތުގައި ހުންނަ، އިސްލާމްދީން މަނާކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް، ރަސޫލާ ﷺ ބާރުއަޅުއްވާފައިވަނީ މި ހުރިހާ ސިފަތަކުގެ ތެރެއިން އެންމެ އަސާސީ ސިފަކަމުގައިވާ ދީންވެރިކަމަށެވެ. އެހެނީ، އަންހެން މީހާގެ ކިބައިގައި ހުރެދާނެ އެހެނިހެން އުނިކަންކަން ފޫބައްދައިދޭނެ އެންމެ ވަރުގަދަ ބަހާއަކީ ދީންވެރިކަމެވެ.
ދީންވެރި އަނބިމީހާއަކީ އޭނާގެ އަމިއްލަ ނަފްސާއި، ފިރިމީހާގެ މުދަލާއި، ދަރިންގެ ތަރުބިއްޔަތާއި، ގޭތެރޭގެ އަމާންކަން ރައްކާތެރިކުރާނެ މީހެކެވެ. އޭނާގެ މާތް އަޚްލާޤާއި ދީންވެރިކަމުގެ ސަބަބުން، ބޭރުފުށުގެ އުނިކަންކަން ފޮރުވި، އޭނާއަކީ ލޮލުގެ ފިނިކަންކަމުގައި ވެގެންދާނެއެވެ.
މިއާ ޚިލާފަށް، ހަމައެކަނި ރީތިކަމަށް ބަލައި، ދީންވެރިކަމަށް އިހުމާލުވާ މީހުންނަށް ދިރިއުޅުމުގައި ހިތްދަތި ކަންކަމާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނުންނާ ކައިވެނިކޮށްގެން އުޅޭއިރުވެސް، ދީންވެރިކަން ނެތުމުގެ ސަބަބުން ނުތަނަވަސްކަމުގައި އުޅޭ މީހުން މަދެއް ނޫނެވެ. ހަމައެފަދައިން، ހަމައެކަނި މުދަލަށް އިސްކަންދޭ މީހާ، ބައެއްފަހަރު އަންހެން މީހާގެ މުދަލުގެ ނުފޫޒުގެ ދަށުވެ، ނިކަމެތިވާން ޖެހެއެވެ.
އަޚްލާޤީ ގޮތުން ފުރިހަމަ، ބުއްދިވެރި، އަދި ދީންވެރި އަންހެނަކީ ލިބުން މަދު އަގުބޮޑު ޖަވާހިރެއް ފަދަ މީހެކެވެ. ރީތިކަމަކީ ބޭނުންތެރިކަމެއް ނަމަވެސް، އެއީ ދާއިމީ އެއްޗެއް ނޫނެވެ. ދީންވެރިކަން ނެތް ތަނެއްގައި ރީތިކަމަކުން ހަގީގީ އުފަލެއް ނުލިބޭނެއެވެ.
އެހެންކަމުން، އަޅުގަނޑުގެ ނަސޭހަތަކީ، އެ އަންހެން ކުއްޖާގެ ދީންވެރިކަމާއި އަޚްލާޤަށް އިސްކަންދީ، ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އިސްތިޚާރާ ކުރާށެވެ. މާތްﷲ އެކަމުގައި ހެޔޮ ގޮތް މިންވަރުކުރައްވައި، ކާމިޔާބާއި ފަސޭހަކަން ލައްވާނެއެވެ. ހަނދާންކުރާށެވެ! އެންމެ މުހިންމު ކަމަކީ ދީންވެރިކަމެވެ."
ޝައިޚް ޢަޒީޒް ފަރުހާން އަލް-ޢަންޒީގެ ދަރުސަކުން
- މިއަދުނޫސް