- އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވުން
އިބްނު ޒުބައިރު ރަޟިޔަﷲ ޢަންހުއަކީ އަބޫބަކުރުގެފާނުގެ ކާފަދަރިކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޒުބައިރުގެފާނެވެ. މައިކަނބަލުންނަކީ އަސްމާގެފާނެވެ. ބޮޑުދައިތާފުޅަކީ ޢާއިޝަތުގެފާނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނަށްފަހު ޢާއިޝަތުގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ އިބްނު ޒުބައިރުދެކެ ކަމަށް ޞަޙީޙު ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. މުޢާވިޔަތުގެފާނު އަވަހާރަވުމަށްފަހު އިސްލާމީ ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވީ ޔަޒީދަށެވެ. ޔަދީޒުގެ ވެރިކަމުގައި އޭނާގެ ސިފައިންވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކާފަދަރިކަލުން ވަރަށް އިހާނެތިކޮށް ޝަހީދުކޮށްފައެވެ. މިދެންނެވި ހާދިސާއަށްފަހު އިބްނު ޒުބައިރު ޙިޖާޒުކަރައިގައި އެކަލޭގެފާނުގެ އަމިއްލަފުޅު ވެރިކަމެއް ޤާއިމުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔަޒީދު، އިބްނު ޒުބައިރުއާ ހަނގުރާމަ ކުރަން ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފައި ފޮނުއްވިއެވެ. ޔަޒީދުގެ ލަޝްކަރުކޮށް މައްކާ ޙިޞާރުކުރިއެވެ. އިބްނު ޒުބައިރު އާއި އެކަލޭގެފާނުގެ އެކުވެރިންނަށް ޙަމަލަދޭންފެށިއެވެ.
އިބްނު ކަޘީރު މިވާހަކަތައް ލިޔުއްވައިފައިވަނީ އަލްބިދާޔަތު ވައްނިހާޔަތުގެ ހިޖްރައިން 64 ވަނަ އަހަރު ހިނގައި ދިޔަ ހާދިސާތައް ބަޔާންކުރެއްވި ތަނުގައެވެ. ޔަޒީދުގެ ވެރިކަމުގެ ދުވަސްވަރު އޭނާ ޝާމުކަރައިން ބޮޑު ލަޝްކަރެއްގެ މައްޗަށް ޙުސައިން ބިން ނުމައިރު ވެރިކޮށްފައި ފޮނުވިއެވެ. އޭރު އިބްނު ޒުބައިރު ހުންނެވީ މައްކާގެއެވެ. އޭނާ ގޮސް ހަނގުރާމަކޮށް މަންޖަނީގު (catapult) ބޭނުންކޮށްގެން ބޮޑެތި ހިލަ މައްކާއަށް އުކިއެވެ. އެކަންތައްތަކުގެ ތެރޭގައި ކަޢުބާއަށްވެސް ހަމަލަތައް އަމާޒުވެ ވަރަށް ބޮޑަށް ގެއްލުންވިއެވެ. ހަމައެދުވަސްވަރު ގެފުޅުގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ގެފުޅުގައި އަލިފާން ހިފީ އަލިފާނަށްލައިގެން ދޮންކޮށްފައިވާ ހިލަ ގެފުޅާ ދިމާއަށް އުކުމުންނެވެ. ނަމަވެސް އެބައިމީހުން އެގޮތަށް އުކީ ގެފުޅު ތަޅާ ސުންނާފަތި ކުރާކަށް ނޫނެވެ. އިބްނު ޒުބައިރުގެ ދުވަސް ދުއްވައިލުމަށެވެ. އެކަމުގެ ސަބަބުން ގެފުޅުގެ ފާރުކޮޅުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޔަޒީދުގެ ސިފައިން މައްކާ ޙިޞާރު ކުރިތާ 17 ވަނަ އަށްވީދުވަހު ޔަޒީދު އަވަހާރަވެއްޖެއެވެ. އެހެންކަމުން އެބައިމީހުން އެނބުރި ޝާމުކަރައަށް ދިޔައީއެވެ. (އިބްނު ކަޘީރު،2012، ޞޞ 222-193).
މިވާހަކަ އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ. ރަސޫލާގެ ޒަމާނުގައި ކަޢުބާގެ އުސްމިނަކީ އަށާރަ މުށެވެ. އޭރު ގެފުޅުގައި އުރަކޮޅު ލެވިފައިވަނީ ޤިބްޠީ ފޭރާމުންނެވެ. އެންމެ ފުރަތަމަ ގެފުޅުގައި ދީބާޖުގެ ފޭރާމުން އުރަކޮޅެއް ލެއްވީ ޙައްޖާޖު ބިން ޔޫސުފެވެ. ރަސޫލާގެ ޒަމާނުގައި ގެފުޅު ބިނާކުރި ގޮތަށް ގެފުޅު އެހުރި ގޮތަށް އިބްނު ޒުބައިރުގެ ޚިލާފަތާ ހަމައަށް ހުއްޓެވެ. ޔަޒީދުގެ ޚިލާފަތުގެ ފަހުކޮޅުގައި އޭނާ ފޮނުވި ލަޝްކަރުކޮށް މައްކާ ޙިޞާރުކުރިއެވެ. އޭރު އިބްނު ޒުބައިރު ހުންނެވީ ޙިޖާޒުކަރައިގައި އެކަލޭގެފާނުގެ އަމިއްލަފުޅު ވެރިކަމެއް ގާއިމުކުރައްވައިގެންނެވެ. އެދުވަސްވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެފުޅަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނެވެ. ގެފުޅު މަރާމާތު ކުރެއްވުމަށްޓަކައި އިބްނު ޒުބައިރުގެފާނު ބިންގަލާ ހަމައަށް ގެފުޅު ތަޅާލައިފައި އަލުން ރޭނުއްވިއެވެ. އެކަލޭގެފާނު ގެފުޅު ރޭނުއްވީ ޤުރައިޝުން ރޭނުއްވި ގޮތާ ޚިލާފަށެވެ. އެކަލޭގެފާނު ގެފުޅު ރޭނުއްވީ އިބްރާހީމްގެފާނުގެ ބިންގަލުގެ މައްޗަށެވެ. ޙިޖްރު ނުވަތަ ޙަތީމް ގެފުޅުގެ ގެފުޅުގެ ތެރޭގައި ހިމެނުއްވިއެވެ. ޤުރައިޝުންވަނީ އެބައި ގެފުޅުގެ ތެރޭގައި ނުހިމަނާ ދޫކޮށްލައިފައެވެ. އެއީ އެވަރަށް އެބައިމީހުންގެ އަތުގައި ފައިސާ ނެތީމައެވެ. އެކަލޭގެފާނު ގެފުޅުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގައި ދޮރުކޮޅެއް ބެހެއްޓެވިއެވެ. މިދޮރުކޮޅު ބެހެއްޓީ ބިމާ އެއްލެވެއްލެއްގައެވެ. މިއީ ރަސޫލާ ގެފުޅު ބިނާކުރައްވަން ޤަޞްދުކުރެއްވި ގޮތެވެ. އިބްނު ޒުބައިރަށް އެކަން އެނގިވަޑައިގަތީ އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން އަޑުއެއްސެވި ޙަދީޘް ބަސްފުޅަކުންނެވެ.
އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވި ގޮތަށް ޢަބްދުލް މަލިކު ބިން މަރްވާނުގެ ޚިލާފަތާ ހަމައަށްހުއްޓެވެ. އޭނާގެ ޚިލާފަތުގައި ޙައްޖާޖު ބިން ޔޫސުފު ލަޝްކަރަކާއެކު ގޮސް އިބްނު ޒުބައިރުއާ ހަނގުރާމަކޮށް އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. އެއަށްފަހު އިބްނު ޒުބައިރު ބިނާކުރި ގެފުޅު ތަޅާލައިފައި ޤުރައިޝުން ބިނާކުރި ގޮތަށް ގެފުޅު ބިނާކުރިއެވެ.
އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. ޢަތާއު ވިދާޅުވެފައިވެއެވެ. ޔަޒީދު ބިން މުޢާވިޔަތުގެ ޚިލާފަތުގައި ގެފުޅު ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެފުޅަށް ގެއްލުންވިއެވެ. ކަޢުބާއަށް ލިބުނު ގެއްލުން މަރާމާތުނުކޮށް އެއަހަރުގެ ޙައްޖު މޫސުމާ ހަމައަށް އިބްނު ޒުބައިރު ބެހެއްޓިއެވެ. އެކަން އެގޮތަށް ކުރެއްވީ ޝާމުކަރައިގެ އުމަވީ ދައުލަތާ ދެކޮޅަށް މީސްތަކުން ހަނގުރާމައަށް ނެރުމަށް ބާރުއެޅުއްވުމުގެ ބޭނުމުގައެވެ. އެ އަހަރުގެ ޙައްޖަށް މީސްތަކުން އައުމުން، އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ. ކަޢުބާއާ ބެހޭގޮތުން އަހަންނަށް ލަފާދޭށެވެ. އެތަން ތަޅާލުމަށްފަހު އޭގެ ފުރަތަމަ ބިންގަލުގެ މައްޗަށް ބިނާކުރަންވީތޯއެވެ؟ ނުވަތަ ހަލާކުވެފައިވާ ތަން މަރާމާތު ކުރަންވީތޯއެވެ؟] އިބްނު ޢައްބާސްގެފާނު ވިދާޅުވިއެވެ. [ތިމަންނާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހަލާކުވެފައިވާތަން މަރާމާތު ކުރުމެވެ. މީސްތަކުން އިސްލާމްދީނަށް ވަތްއިރު އެތަން ހުރި ގޮތަށް އެތަން ހަދައިފައި ދޫކޮށްލުމެވެ.] އިބްނު ޒުބައިރުގެފާނު ވިދާޅުވިއެވެ. [މީހެއްގެ ގެއެއް އަނދައިފިނަމަ އެގެ އަލުން ރަނގަޅަށް ބިނާ ނުކުރެވެނީސް އޭނާ ހިތްހަމައެއް ނުޖެހޭނެއެވެ. އެހެންވީމާ الله ގެ ގެފުޅު އެގޮތަށް ދޫކޮށްލާނީ ކިހިނެއްތޯއެވެ؟ ތިމަންނާ ތިންދުވަސް ވަންދެން الله އަށް އިސްތިޚާރާ ކުރުމަށްފަހުން ގޮތެއް ނިންމާނަމެވެ.] ދެން ތިންދުވަސް ވުމަށްފަހު އެކަލޭގެފާނު ނިންމެވީ ގެފުޅު ތަޅާލައިފައި ބިނާކުރުމަށެވެ. ނަމަވެސް މީސްތަކުން އެގެފުޅު ތަޅާލަން ބިރުގަތެވެ. އެއީ ގެފުޅަށް ގެއްލުން ދިނުމުގެ ނިޔަތުގައި ގެފުޅުގެ ފާރުކޮޅުމަށް އަރައިފި މީހަކަށް ޢަޛާބު އައިސް ޖެހިދާނެތީއެވެ. ދެން އެތަނުން މީހަކު ގެފުޅުގެ މައްޗަށް އަރާ ގެފުޅުން ހިލަތައް ނައްޓަން ފަށައިފިއެވެ. އޭނާއަށް އެއްވެސް ގެއްލުމެއް ނުވާތަން ފެނުމުން މީސްތަކުން ގެފުޅު ތަޅާލުމުގައި ބައިވެރިވެއްޖެއެވެ. އެބައިމީހުން ގެފުޅު ތަޅާލައި ބިމާ ހަމަކުރިއެވެ. ގެފުޅު އެއްކޮށް މަރާމާތުކޮށް ނިމެންދެން އިބްނު ޒުބައިރު އެތަން ފަރުދާއަކުން ނިވާކޮށްލިއެވެ. އިބްނު ޒުބައިރުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިކަމަށް ޢާއިޝަތުގެފާނު ވިދާޅުވިއެވެ.
[ކަމަނާގެ ޤައުމުގެ މީސްތަކުން ޖާހިލިއްޔަ ޒަމާނާ ގާތުގައި ނުވާނަމަ ތިމަންކަލޭގެފާނު ގެފުޅު ތަޅާލައްވައި، އެގެފުޅުން އުނިކުރެވިފައިވާ ޙިޖްރުން ފެށިގެން ގެފުޅާ ދެމެދުގައިވާ ފަސްމުށުގެ ދިގުމިނުގައިވާ ބައި ގެފުޅުގެ ތެރޭގައި ހިމެނުއްވީމުހެވެ. އަދި ގެފުޅަށް ވަންނާނެ ދޮރަކާއި ނިކުންނާނެ ދޮރެއް ލެއްވީމުހެވެ.]
އިބްނު ޒުބައިރުގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނުގެ އަތުގައި ބޭނުންވާ ވަރަށް ފައިސާ އެބަ ހުއްޓެވެ. ތިމަންކަލޭގެފާނަކީ މީސްތަކުން ދެކެ ބިރު ގަންނަ މީހަކީމެއްނޫނެވެ.]
މިހެން ވިދާޅުވެފައި ޤުރައިޝުން ގެފުޅު ބިނާކުރުމުގައި ދޫކޮށްލި ބައި ގެފުޅުގެ ތެރޭގައި ހިމެނުއްވިއެވެ. އެއީ ޙިޖްރުން ފެށިގެން ގެފުޅާ ދެމެދުގައި ވާ ފަސްމުށެވެ. ގެފުޅުގެ އުސްމިނެއްކަމުގައިވީ އަށާރަ މުށެވެ. ނަމަވެސް އެވަރު ކުރު ކަމަށް ފެނިވަޑައިގެން ގެފުޅުގެ ކުރިމަތިން ދިހަ މުށް އިތުރު ކުރެއްވިއެވެ. އަދި ގެފުޅުގައި ދެ ދެ ދޮރު ލެއްވިއެވެ. އެއީ ގެފުޅަށް ވަންނަން އެއްދޮރު އަދި ގެފުޅުން ނިކުންނަން އެއްދޮރެވެ. (އިބްނު ކަޘީރު، 2003، ވޮލިޔުމް 1، ޞޞ 395-393.).
(ނުނިމޭ)