ދެމަފިރިންގެ ގުޅުން ރަނގަޅުކޮށް ލޯބިންއުޅުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެއް! އެފުރުޞަތު ދޫކޮށްލުމަކީ ކުރެވޭ ބޮޑު މޮޔަކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދެމަފިރިންގެ ގުޅުން ރަނގަޅުކޮށް ލޯބިންއުޅުމަކީ
ސުވަރުގެ ލިބުމަށް އޮތް މަގެއް! އެފުރުޞަތު ދޫކޮށްލުމަކީ ކުރެވޭ ބޮޑު
މޮޔަކަމެއް!

 

ގިނަ ބައަކަށް ކައިވެންޏާއިމެދު ވިސްނެނީ އެއީ

އުފަލުގައި ދުނިޔޭގައި އުޅެން ކުރަން އޮތް ކަމެއް ކަމަށެވެ. އެއީވެސް ރަނގަޅު ވިސްނުމެކެވެ. ދުނިޔޭގައި އުފަލުގައި އުޅެވުމަކީވެސް ކައިވެނީގެ ތެރެއިން ޙާޞިލުކުރަން ކަމެކެވެ. ނަމަވެސް ދެން އޮތް މަޤުޞަދުގެ ފައިދާ މާބޮޑެވެ.

މިހެން ބުނަންޖެހެނީ ކައިވެންޏާއިމެދު ގިނަ ބައަކަށް ވިސްނޭ ގޮތުގައި މައްސަލައެއް އުޅޭތީއެވެ. ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ އަނެކާގެ ކިބައިން އެދޭ ކަންތައްތަކެއް ޙާޞިލްކުރަން ކުރާ ކަމެއް ކަމަށެވެ. ނުވަތަ ތިމާގެ އަމިއްލަ އުފަލަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ. ނުވަތަ އަނެކާގެ ކިބައިން ތިމާ ބޭނުންވާ އުފާވެރިކަން ޙާޞިލްކުރަން ކުރާ ކަމެއް ކަމަށެވެ.  

ނަމަވެސް ކައިވެނީގެ ޙަޤީޤީ މަޤްޞަދު މުޅިންތަފާތެވެ. މިބުނަނީ ކައިވެނިން ޙާޞިލުކުރަން އޮތް މަޤްޞަދުގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ! ކައިވެންޏަކީ ތިމާއަށް ސުވަރުގެ ޙާޞިލުކުރެވެން އޮތް މަގެކެވެ. ބައިވެރިޔާއަށް ލޯބިދީ އަޅާލައި އަދި ހެޔޮކޮށް ހިތައިގެންނެވެ.  

ރަނގަޅަށް އަޑުއަހާށެވެ! ކައިވެނި ކުރުމަކީ އަޅުކަމެކެވެ. ހެޔޮގޮތުގައި ކައިވެނި ދެމެހެއްޓުމަކީވެސް އަޅުކަމެކެވެ. ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިން އަނބިން ފިރިންނަށް ކިޔަމަންތެރިވުމަކީވެސް އަޅުކަމެކެވެ. ފިރިން އަނބިންނަށް އަޅާލައި ރަޙުމްކޮށް އަނބިންގެ ޙައްޤުތައް އަދާކުރުމަކީވެސް އަޅުކަމެކެވެ. އަދި ދަރިން ލިބުމުން ހެޔޮގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރުމަކީވެސް އަޅުކަމެކެވެ.  

ނަމަވެސް މިބުނި މަގުތަކުން ޘަވާބުހޯދުމަކީ އެކަމަށް ސަމާލުކަން ނުދޭ މީހަކަށް ލުއިކަމަކަށް ނުވާނެއެވެ. ކުރަން ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ. އަދިކިއެއްތަ؟ ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓަން މަސައްކަތްކުރުން ވެގެންދާނީ ވެވޭނެ ވަރަށް ބޮޑު ޤުރްބާނީއަކަށެވެ. އެޤުރްބާނީ ވުމަކީ ތެދުވެރިކަމެއް، އިޚްލާޞްތެރިކަމެއް ނެތް މީހަކަށް ކުރަން އެހައި ފަސޭހަކަމަކަށް ނުވާނެއެވެ.

އެހެން ނަމަވެސް އެކަމުން ﷲ ދެއްވަވާނެ ޘަވާބަށް ވިސްނައިފި މީހަކަށް އެއީ ކުރަން އެއްވެސް ބުރަކަމެއް ނޫނެވެ. ކުރަން އެންމެ ފަސޭހަ އެއްކަންތަކެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ދުނިޔަވީ ގޮތަކަށް ބަލައިފިނަމަ ކައިވެނި ކުރެވެނީ ދެމީހުންގެ އަމިއްލަ އުފަލަށެވެ. ތިމާ ބޭނުންވާ އެތައް ކަމެއް ޙާޞިލުކުރާށެވެ. ނަމަވެސް އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ލައްވަވާފައި އެވަނީ ކައިވެނިކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. ސުވަރުގެ ވަދެވެން އޮތް މަގެއްގެ ގޮތުގައެވެ. ވީމާ ބުއްދީގެ ބޭނުންކޮށް ފުރުޞަތުގެ ބޭނުން ހިފާށެވެ! ސުަވރުގެ ވަނުމަށް ދެމީހުން އެކުގައި މަސައްކަތްކުރަން އަވަހަށް ފަށާށެވެ! މިއީ ނަގާލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ!

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން