"ބޭވަފާތެރިވުން" މިލަފުޒުގެ މާނަ އޮޅުވައިނުލާށެވެ! ބޭރުން ހަކުރުލައި ފޮނިކުރަން ނުއުޅޭށެވެ! ގިރިޓީކޮށް އޮފްއަރުވަންވެސް ނުއުޅޭށެވެ. އެއިން އެއްވެސް ކަމަކުން އެކަމުގެ ނަޖިސްކަމެއް ނުފިލުވޭނެއެވެ. ދުވާ ކުނިވަހެއްވެސް ނުފިލުވޭނެއެވެ.
ޒަވާޖީ ހަޔާތުގައި ކުރެވޭ ކުށަކަށްވާނީ އޮޅިގެންކުރެވޭ ކަންކަމާއި ހަނޑާން ނެތިގެން ދިމާވާ ކަންކަމެވެ. ޤަޞްދުގައި ކުރާ ކަންކަމަކީ ކުރެވޭ ކުށެއްނޫނެވެ! އެއީ ކުރާ ކުށެވެ! ވީމާ ޤަޞްދުގައި ކުރާ ކަންކަމަކީ ކުރެވޭ ކަންކަމުގެ ގޮތުގައި މާނައެއް ނުކުރެވޭނެއެވެ.
ހިލޭ މީހަކާއި އިއްތިފާޤަކުން ބައްދަލުވެވިދާނެއެވެ. ނަމަވެސް ދެމީހުން އެކުގައި ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ކުރުމަކީ އިއްތިފާޤަކުން ކުރެވޭ ކަމެއް ނޫނެވެ. އެއީ ދުރާލައި ރާވައިގެން ކުރެވޭ ކަންކަމެވެ. ޤަޞްދުގައި ކުރާ ކަންކަމެވެ.
ވީމާ ބޭވަފާތެރިވެފައި އެއީ ކުރެވުނު ކުށެއް ކަމަށް ބުނުމަކީ ހަދާ ބޮޑު ދޮގެކެވެ. ދެމީހުން އެކަހެރިކޮށް ތަނެއްގައި ބައްދަލުކުރަނީ ދުރާލައި ރާވައިގެންނެވެ. ކުރާ ނުބައި ކަންކަން ކުރަނީ އެކަންކުރަންވެސް ކުރިއަށް ވިސްނައިގެންނެވެ. ވީމާ މިހުރިހާ ކަމަކީވެސް ޤަޞްދުގައި ކުރާ ކަންކަމެވެ.
ބޭވަފާތެރިވުމަށްފަހު އެކަން ފަޅާއެރުމުން މާފަށް އެދެއެވެ. މާފުނުކުރިނަމަ ރުޅިވެސް އައުދެއެވެ. މާފުނުކުރުމުން އެކަންވެސް ކުށްވެރިކުރެއެވެ. އެކަމަކު އަނެކާ ތިމާއަށް ބޭވަފާތެރިވިނަމަ ތިމާއަށްކުރާނެ އަސަރާއި ތިމާ ކަންކަން ކުރާނެ ގޮތަކާއިމެދު ވިސްނައިވެސް ނުލައެވެ.
އަހުރެންގެ ނަޞީޙަތަކީ ހަމައެކަކުވެސް ބޭވަފާތެރިނުވުމެވެ. ބޭވަފާތެރިވެ ކުރާކަންކަން ފަޅައިނުއަރާތީ ނުވަތަ ބޭޒާރުނުވާތީ ސއްރުކުރެވިފައި އޮވެދާނެއެވެ. ނަމަވެސް އެނގެންވާ ފަރާތަށް ސިއްރެއް ނުކުރެވޭނެއެވެ. އެކަމަށް ޙައްޤު އަދަބު ދާނީ އެމީހަކަށް ލިބެމުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން