ޚުޠުބާ: ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 26ސ
ޚުޠުބާ: ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެ!

މާތް ﷲގެ އަޅުތަކުންނޭވެ! ދުނިޔޭގައި މާތް ﷲ ލައްވައިފައިވާހައި ތަކެއްޗަކީ އެކަލާނގެ ރަޙުމަތްފުޅުން އަހަރެމެންގެ ޚިދުމަތުގައި ލައްވައިފައިވާ ތަކެއްޗެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މާތް ﷲގެ އަޅުތަކުންނޭވެ! ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ  سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މުދަލަކީ އަހަރެމެންނަށް ޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲއެވެ. އެއީ އަހަރެމެން އިމްތިހާނުކުރެއްވުމަށްޓަކައި އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ "އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެއްޗެއްގެ ވެރިކަން ވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ހައްދަވަތެވެ. އަދި ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."  

މުސްލިމް އަޚުންނޭވެ! މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރާންވާނެއެވެ. ހަމަ އެހެންމެ މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ. މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ. މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެއެވެ. ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހެނީ ކިތައް ފަހަރުތޯއެވެ؟ މި ފަދަ ކަންކަމާ މެދު ވިސްނައި، އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރާށެވެ!  

މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވެއެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައްވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ "ދެން އެ ދުވަހަކުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ." 

މުސްލިމް އަޚުންނޭވެ! އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމެވެ. އަދި މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވެއެވެ. އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއިއުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަ ކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ." ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُوْا وَاشْرَبُوْا وَتَصَدَّقُوْا وَالْبَسُوْا، مَا لَـمْ يُـخَالِطْهُ إِسْرَافٌ أَوْ مَـخِيْلَةٌ)[1]  މާނައީ: "އިސްރާފުކުރުމެއް ނުވަތަ ބޮޑާކަމެއް ނެތި، ތިޔަބައިމީހުން ކައިބޮއި،ޞަދަޤާތްކޮށް، ފޭރާންލައިއުޅޭށެވެ!" 

މުސްލިމް އަޚުންނޭވެ! ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނެއެވެ. ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހެއެވެ. 

މުސްލިމް އަޚުންނޭވެ! ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ކީރިތި ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ  بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)[2] މާނައީ: "ހަމަކަށަވަރުން މާތް ﷲ ދެއްވައިފައިވާ މުދާ، ޙައްޤު ނޫން ގޮތުގައި ހޭދަކުރާ ބަޔަކު ވެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ!"  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމީ އުޞޫލުތަކުގެ މަތީގައި މުދާ ހޯދައި ހޭދަކުރާބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި އަޅަމެންނީ އިޤުތިޞާދުކޮށް ދިރިއުޅުން ބައްޓަންކުރާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!

މުސްލިމް އަޚުންނޭވެ! އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހެއެވެ! ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެއެވެ. އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރާށެވެ!

މިއަދު އޮންލައިން