ރާހީގެ ސަބަބުން މީހަކަށް އެއްވެސް ބަދަލެއް ނުއަންނާނެ! މައްސަލައަކަށްވަނީ އެކަން ޤަބޫލުކޮށް މީހުން ބަދަލުވުން!: ޑރ. ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ރާހީގެ ސަބަބުން މީހަކަށް އެއްވެސް ބަދަލެއް ނުއަންނާނެ! މައްސަލައަކަށްވަނީ އެކަން ޤަބޫލުކޮށް މީހުން ބަދަލުވުން!: ޑރ. ޢުމަރު ސުލައިމާން

ރާހި ޤަބޫލުކުރާ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވަކި ރާއްސެއްގައި އުފަންވެއްޖެނަމަ އެމީހެއްގެ ކިބައިގައި ވަކިސިފަތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. އެކަން މެދުވެރިވާ ގޮތަކީ މީހުންނަށް އެކަން ޤަބޫލުކުރެވި އެގޮތަށް އުޅެވެންފެށުމެވެ.  

އެއީ އެމީހާ ތާއީދުކުރާ މީހުންގެ ހުންނަ ސިފަތައް ކޮޕީކުރެވުން ފަދަ ކަމެކެވެ. އެމީހާއަށް ރީތިވާ ކުލައާއި އެމީހާ ކުރާކަންކަން ކަމުދާ ފަދައިންނެވެ.  

ވަރަށް ގިނައިން ދިމާވާ ކަމެއް ބުނެފާނަމެވެ. "ވަކިރާއްސެއްގައި އުފަންވުމުން ރުޅިގަދަވާނެ ކަމަށް ޤަބޫލުކޮށްފާނެއެވެ. ހަމައެގޮތަށް ވަކިރާއްސެއްގައި އުފަންވުމުން ސެކްސީވާނެކަމަށް ޤަބޫލުކޮށްފާނެއެވެ. އެގޮތަށް ޤަބޫލުކުރެވުމުން މެދުވެރިވާ ގޮތަކީ ރުޅިއައުމުން ރުޅިކޮންޜޯލްކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ރާއްސާއި ގުޅުވައި އެކަން ނިންމައިލަނީއެވެ. ހަމައެގޮތަށް އަހުރެންގެ ރާހީގެ މީހުން ސެކްސީވާނެ ކަމަށް ބަލައި އަމިއްލައަށް ސެކްސީވެވެނީއެވެ. އަދި މިނޫންވެސް އެފަދަ ސިފަތައް ގައިގައި އަމިއްލައަށް ހަރުލައްވުވަނީއެވެ.  

ވަކިރާއްސެއްގައި އުފަންވުމުން ވަކިސިފައެއް ހުންނަން ޖެހޭނެ ގޮތަށް އޮތްނަމަ އެސިފައެއް އެމީހާގެ ކިބައިގައި ހުރެގެން ކުރެވޭ ކަންކަމުގެ ޒިންމާ އުފުލާކަށް އެމީހަކަށް ނުޖެހޭނެތާއެވެ. އެޒިންމާ އުފުލަންޖެހޭނީ ރާހިނޫންހެއްޔެވެ؟

ލޮނުވެތި އެކުވެރިންނޭވެ! އެއްވެސް ކަމެއް ޜާއްސާއި ނުގުޅުވާށެވެ. އަދި ހަށިގަނޑުގެ ސިފަޢާއިވެސް ނުގުޅުވާށެވެ. ވަކިސިފައެއްގައި ހަށިގަނޑުހުރުމަކީ ވަކިސިފައެއް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމެއްނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެސިފައަށް ނޫންހެއްޔެވެ؟ އެއިރުން މައްސަލަ ގޮސްހުއްޓޭނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

ކޮންމެ ރާއްސެއްގައި އުފަންވިޔަސް، ހަށިގަނޑު ކޮންމެ ގޮތަކަށް ހުރިނަމަވެސް އެންމެން އެއްގޮތެއް ނުވާނެއެވެ. އެންމެން އުޅޭނީ އެއްގޮތަކަށް ނޫންހެއްޔެވެ؟ ފިރުއަޢުނާއި އަބޫޖަހުލު އުފަންވި ރާހީގައި އުފަންވި އެންމެން އެމީހުންހައި ނުބައިނުވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އަބޫޖަހުލު އުފަންވި ރާހީގައި އުފަންވި މީހުންގެ ތެރޭގައި އެންމެ މަތިވެރި ޞަހާބީންވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމަށްވާއިރު ރާއްސާއި މީހުން އުޅޭގޮތާއި ހުރީ ކޮންގުޅުމެއް ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! މިހުރީ ވިސްނުމުގައި އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ. މިހުރީ މުޅިން ބާޠިލް ޢަޤީދާތަކެވެ. އަހުރެމެންނަށް އޮތީ މިބުނި ފަދަ ވިސްނުންތަކާއި ދުރުހެލިވެ ﷲ ތަޢަލާ އަންގަވާފައިވާ މަގުން އުޅުމެވެ. އެއިރުން ދެދުނިޔެވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން