ހިލޭ އަންހެނުންނާ ފިރިހެނުން ލޮލަށްނުފެނިތިބެ ސޯޝަލްމީޑިއާގައި އުފައްދަމުން އަންނަ ގުޅުމުގެ ސަބަބުން ކައިވެނި ރޫޅުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ހިލޭ އަންހެނުންނާ ފިރިހެނުން ލޮލަށްނުފެނިތިބެ ސޯޝަލްމީޑިއާގައި އުފައްދަމުން އަންނަ ގުޅުމުގެ ސަބަބުން ކައިވެނި ރޫޅުން ގިނަވެއްޖެ!

"އަޅުގަނޑުގެ ފިރިމީހާ ހިލޭ އަންހެނުންނަށް ޚަރަދުކުރާކަމަށް ތުހުމަތުކުރެވެން ފެށުމުން ވަރަށް ރީތި އަންހެންކުއްޖެގެ ފޮޓޯލާފައި ފޭސްބުކް އެކައުންޓެއް ހުޅުވީމެވެ. ރިކްއެސްޓެއް ފޮނުވާލާއިރަށް ގުޅިއްޖެއެވެ. ގުޅުމުގެ ތެރެއިން ފައިސާވެސް ހޯދީމެވެ. އެންމެ ބޮޑަށް ޙައިރާންވީ ގެއަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތްކަމަށް ބުނަމުންވެސް ހާހުން ދެހާހުން ފައިސާ ފޮނުވީތީއެވެ.  

އެފައިށާ ބޭނުންކުރީ ގޭގެ ޚަރަދުތަކަށެވެ. ނަމަވެސް އެއީ ދިރިއުޅެވޭނެ ގޮތެއް ކަމަށް ޤަބޫލުނުކުރެވޭތީ ވަރިވާނެ ގޮތަކަށް ވިސްނަމުންދަނިކޮށް އަޅުގަނޑުގެ ވަގުއެކައުންޓު ދެކެވާލޯބި ބޮޑުވެ އަޅުގަނޑު ވަރިކުރީއެވެ. ވަރިކުރި ފަހަކުން ފައިސާއަކަށް ނުއެދެމެވެ. އެކަމަކު ޢިއްދަހަމަވިފަހުން ޙަޤީޤަތް ބުބެލާފައި އެކައުންޓް ޑިލީޓްކޮށްލީއެވެ."  

މިހުރީވެސް ހިނގަމުންދާ ކަންކަމެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިކޮށް ބައްދަލުނުކުރަން ދީނުގައި އޮތީ މުހިންމު ސަބަބުތަކަކަށްޓަކައެވެ. މިކަމަށް މުސްލިމުން ސަމާލުކަން ދެމުން ދަނިކޮށް ޝައިޠޯނާ މިހާރު މިވަނީ އެކަހެރި ބައްދަލުވުމަކީ ކޮބައިކަން އޮޅޭނެ ގޮތަށް ކަންތައް ކޮށްފައެވެ.  

ތަފްޞީލަށް ދިއުމުގެ ކުރިން ބުނެލާނަމެވެ! ހިލޭ އަންހެނަކާއި ފިރިހެނަކު ރެސްޓޯރަންޓެއްގައި މޭޒެއްގެ ދެފަރާތުގައި ތިބެގެންނަމަވެސް ބައްދަލުކުރާނަމަ އޮތީ އިތު މީހަކު ބެއިންދުމެވެ. އެކަމުގެ ބޭނުމަކީ ދެމީހުން ދައްކާ ވާހަކަތަކަށާއި ކުރާ ޢަމަލުތަކަށް ހެކިވެރިއަކު ހުރުމެވެ. 

ދެން މިހާރު މިވާގޮތަކީ ސޯޝަލްމީޑިއާގައި ދެމީހުން ބައްދަލުކުރަނީއެވެ. ވާހަކަދައްކަނީއެވެ. މެސެޖްކުރަނީއެވެ. ވީޑިއޯ ކޯލްތައްވެސް ކުރަނީއެވެ. ދެމީހުންވެސް އެކަންކުރަނީ އެކަނި ތިބެއެވެ. ވީއިރު އެއީ ކުރަން ހުއްދަ ކަމެއްކަމަކަށް އަހުރެން ނުބުނާނަމެވެ.  

މިހިސާބުން ކުޑަ ވާހަކައެއްވެސް ކިޔައިދޭނަމެވެ. ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިއެއްގެ ކައިވެނި ދާދިފަހުން ވަނީ ރޫޅިފައެވެ. ސަބަބަކަށްވީ އަނބިމީހާ ސޯޝަލްމީޑިޢާގައި ގުޅުން އުފެއްދި މީހަކާއި ވާހަކަދެއްކުމުގެ ތެރެއިން އޭނާ ދެއްކި ހުވަފެންތައް ޤަބޫލުކުރެވުނީއެވެ. 

ވަރިވެގެން ގޮސް އޭނާއާއި ފުރަތަމަ ފަހަރަށް ބައްދަލުކޮށް ދެއްކި ވާހަކަތަކުން ޝައްކެއް އުފެދިގެން ކަންކަމުގެ ޙަޤީޤަތް ހޯދާބަލައިލިއިރު އޭނާގެ ކިބައިގައި ހުންނަކަމަށް އޭނާ ދެއްކި ރިވެތި އެއްވެސް ސިފައެއް އޭނާގެ ކިބައިގައި ހުންނަ ކަމަކަށް ނުވެއެވެ. އޭނާއަކީ އަންހެނުން އޭނާގެ ދަލުގައި ޖައްސުވަމުން ދުވާ މީހެކެވެ.  

އޭނާއަށް ކުރެވުނު ކުށް ވިސްނި ފިރިމީހާގެ ގާތަށް ގޮސް ކައިވެނި ރުޖޫޢަކުރަން އެދުމުން ފިރިމީހާ އޭނާ ގޮވައިގެން އަހުރެންގެ ގާތަށް އައެވެ. ފާޙީޝް ޢަމަލެއް ކޮށްފައި ނެތުމުން ދެވަނަ ފުރުޞަތެއްދީ ކައިވެނި ރުޖޫޢަކުރަން އަހުރެން ބާރުއެޅީމެވެ. އެއީ އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ކުރެވުނު ކުށް ޤަބޫލުކޮށް އިޞްލާޙްވެއްޖެނަމަ ދެވަނަ ފުރުޞަތު ދިނުމުން ކުރާނެ ފައިދާ ގިނަ ފަހަރަށް ބޮޑުވާނެތީއެވެ.  

އަހުރެންގެ އިލްތިމާސަކީ ސޯޝަލްމީޑިއާގައިވިޔަސް އެކަހެރި ބައްދަލުވުންތައް ބާއްވައި ގުޅުން ނުހިންގާށެވެ! ގިނަ ކައިވެނިތައް މިހާރު ރޫޅެމުން އެދަނީ އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ. ޙަޤީޤަތް ނުއެނގޭ މީހުންގެ މަޅީގައި ޖެހެވޭތީއެވެ.  

ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި އޮތް ގޮތް އިޚްތިޔާރުކުރާށެވެ! ހުރިހާ ގޮތަކުންވެސް ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން