ޚުޠުބާ: ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި ވާދަކޮށް، އެކަމަށް ތަރުބިއްޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވަވައިދެއްވައިފައިވާ ދޮރެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 10ސ
ޚުޠުބާ: ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި
ވާދަކޮށް، އެކަމަށް ތަރުބިއްޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް
މާތް الله ހުޅުއްވަވައިދެއްވައިފައިވާ ދޮރެއް!

ދަންނާށެވެ! މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން މާތް اللهއަށް ބިރުވެތިވެ، އެކަލާނގެ މަތީން ހަނދުމަކުރާށެވެ! ތިޔަބައިމީހުން الله ގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނޭ ދުވަހެއް އަންނާނޭކަން ދަނެ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ.

---  މާނައީ: "އެއީ އެއްވެސް ނަފުސެއް، އަނެއް ނަފުސަކަށް އެއްވެސް ކަމެއްކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެ ދުވަހުން، އަމުރުވެރިކަން މިލްކުވެވޮޑިގެންވަނީ (ހަމައެކަނި) اللهއަށެވެ."

މުސްލިމް އަޚުންނޭވެ! މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަހެވެ. ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ އެދުވަހުއެވެ. އެހެންވެ މޫސާގެފާނަށް ތަބާވީ މީހުން الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިއެވެ. މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތް الله އަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށް ޓަކައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ދެން ތިމަންރަސްކަލާނގެ   رسولންނާއި، إيمانވީ މީހުން ސަލާމަތްކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ޙައްޤެކެވެ."  

ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. ހަމަ އެހެންމެ މިއިން އެނގެނީ މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމެވެ. އަދި  މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނޭ ކަމެވެ.  

މުސްލިމް އަޚުންނޭވެ! މުޙައްރަމު މަހަކީ މާތް الله ޙުރުމަތްތެރިކުރައްވައިފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މައްސަރެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، الله ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، اللهގެ حضرةގައި ބާރަ މަހެވެ. އެއިގެ ތެރެއިން، ހަތަރު މަސް ޙުރުމަތްތެރިވެގެން ވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާނުކުރާހުށިކަމެވެ!" ލޮބުވެތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اَلسَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ ثَلَاثَةٌ مُتَوَالِيَاتٌ؛ ذُو الْقَعْدَةِ، وَذُو الْحِجَّةِ،  وَالْمُحَرَّمُ، وَرَجَبُ شَهْرُ مُضَرَ الَّذِيْ بَيْنَ جُمَادَى وَشَعْبَانَ)[1]  މާނައީ: "އަހަރުގައި އޮތީ ބާރަ މަހެވެ. އެއިގެ ތެރޭގައި ޙުރުމަތްތެރިވެގެންވާ ހަތަރު މަހެއް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމު މަހެވެ. ދެން ޖުމާދާ މަހާއި، ޝަޢުބާން މަހާ ދެމެދުގައި އަންނަ މުޟަރުވަންހައިގެ މީހުން މާތްކޮށްހިތާ  ރަޖަބު މަހެވެ."  

މާތް الله އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސް (رَضِيَ اللّٰهُ عَنْهُمَا) ވިދާޅުވާ ގޮތުގައި، ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގައި އުޅުނު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފަމުންދިޔައެވެ. މާތް ނަބިއްޔާ ﷺ، އެ ބައިމީހުން އެ ދުވަހު ރޯދަހިފަނީ ކީއްވެގެންތޯ އެ ބައިމީހުންނާ ސުވާލުކުރެއްވުމުން އެ ބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. މި އަދަކީ ބަނީ އިސްރާއީލު ބާގައިމީހުން އެ މީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވީތީ އެ މީހުންގެ ނަބިއްޔާ މޫސާގެފާނު ރޯދަފުޅު ހިއްޕެވި ދުވަހެވެ. އެ ހިނދު ރަސޫލުالله ﷺ ޙަދީޘްކުރެއްވިއެވެ.  ("فَأَنَا أَحَقُّ بِـمُوْسَى مِنْكُمْ" فَصَامَهُ وَأَمَرَ بِصِيَامِهِ)[2] މާނައީ: 

"މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ އެ ކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެން ޙަދީޘްކުރައްވައި އެކަލޭގެފާނު އެ ދުވަހު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.  

މުސްލިމް އަޚުންނޭވެ! ރަސޫލު ﷺ ޢާޝޫރާ ދުވަހު ރޯދަހިފުންވަނީ ސުންނަތެއްކަމުގައި ލައްވައިފައެވެ. މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުންނެވެ. ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބު ބަޔާންކޮށްދެއްވައި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكفِّرَ السَّنَةَ الَّتِيْ قَبْلَهُ)[3] މާނައީ:

"އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް اللهގެ ޙަޟުރަތުން ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." އަދިވެސް ރަސޫލުالله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَئِنْ بَقِيْتُ إِلَى قَابِلٍ لَأَصُوْمَنَّ التَّاسِعَ)[4]

މާނައީ: "މި އަންނަ އަހަރުގެ މި ދުވަހާ  ޖެހޭންދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހު ވެސް ރޯދަފުޅު ހިއްޕަވާހުށީމެވެ!"  

މުސްލިމް އަޚުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ ޢަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާ ﷺ ގެ ސުއްނަތުން އެނގެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صُوْمُوْا يَوْمَ عَاشُوْرَاءَ، وَخَالِفُوْا فِيْهِ الْيَهُوْدَ، صُوْمُوْا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)[5] މާނައީ: "ތިޔަބައިމީހުން عَاشُوْرَاء ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ޚިލާފުވާށެވެ! އެ ދުވަހާ އެކު އޭގެ އެއް ދުވަސް ކުރީން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސް ފަހުން (އެބަހީ: އެގާރަވަނަ ދުވަހު)  ތިޔަބައިމީހުން ރޯދަހިފާށެވެ!" ابن القيم رحمه الله ވިދާޅުވެފައި ވެއެވެ.

"(ޢާޝޫރާދުވަހު) ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް  ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ  ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.[6] ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވައިދެއްވައިފައިވާ ދޮރެކެވެ. އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުވުމަށް ފުރުޞަތުލިބެއެވެ. މާތް الله ފަރުޟުކުރެއްވި ކަންކަން ބަރާބަރަށް އަދާކުރުމާ އެކު ސުންނަތް ރޯދައާއި އެ ނޫން ވެސް ސުންނަތް އަޅުކަންކުރުމުގެ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާށިއެވެ! އާމީން! 

މުސްލިމް އަޚުންނޭވެ! ޢާޝޫރާ ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ޢިލްމުވެރީން ވިދާޅުވަނީ ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުން، އެ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށެވެ. عاشوراء ދުވަހު ރޯދަހިފުމަކީ އެދެވިގެންވާ ކަމެކެވެ. އިބުނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "މާތް الله ރުއްސުންލެއްވި ޙުސައިނުގެފާނު ޝަހީދުވުމާ ވިދިގެން މީސްތަކުން ބިދުޢަތަކެއް އީޖާދުކުރިއެވެ."[7] މީހަކު މަރުވުމުން އެ ކަމާ މެދު ހިތާމަކުރުމުގެ ގޮތުން ދީނާ ޚިލާފު ކަންކަން ކުރުމަކީ  ލޮބުވެތި ރަސޫލާ ﷺ ނަހީކުރައްވައިފައިވާ ކަމެކެވެ.  މީގެ ތެރެއިން ގިނަ ކަންތައްތަކަކީ، އިސްލާމްދީނާ ޚިލާފަށް އުޅޭ ބައެއް މީހުންނާއި މި ދީނުގެ ދުޝްމަނުން މި ދީނުގެ އަޞްލު އުޞޫލުތައް އޮޅުވައިލުމަށް ޓަކައި ދީނުގެ ނަމުގައި ތަޢާރުފުކޮށްފައިވާ ކަންތައްތަކެކެވެ.  އަދި މި ނޫނަސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހާ ގުޅުވައި، އިސްލާމީ ޝަރީޢަތާ ޚިލާފު އެތައް ކަމެއް ބައެއް ފަރާތްތަކުން ކުރެއެވެ. އަދި މި ފަދަ ބައެއް ކަންކަން ޒަމާނީ މީޑިއާގެ ތެރެއިން މުސްލިމް މުޖުތަމަޢުތަކަށް ފޭދިގެންދިއުމާ އެކު މި ކަހަލަ ބައެއް ފިކުރުތަކަށް މުޖުތަމަޢު ވަންނަތަން ފެނެއެވެ. މިފަދަ ޢަމަލުތަކާއި، ބިދުޢަތަކާ ދުރުހެލިވުމަށް ތިޔަ އެންމެތަކުންނަށް ގޮވައިލަމެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَحْدَثَ فِيْ أَمْرِنَا هَـٰذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)[8] މާނައީ: "މި ދީނުގައި ނުހިމެނޭ ކަމެއް މި ދީނުގެތެރެއަށް ވައްދައިފި މީހާ ދަންނާށެވެ! ފަހެ އެ ކަމެއް އެ މީހަކަށް ރައްދު ވެގެންވެއެވެ." ޢާޝޫރާ ދުވަހު، ރަސޫލާ ﷺ އެންގެވި ފަދައިން ރޯދަހިފައި މާތް الله ގެ ޙަޟުރަތާ ކުއްތަން ވެވޭތޯ މަސައްކަތް ކުރާށެވެ!

މިއަދު އޮންލައިން