ހުކުރަށް ދިއުމަށާ ހުކުރުނިމިގެން ފައިބާއިރު ޝައިޠޯނާ ދޭ އެންމެ ބޮޑުދެރަ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހުކުރަށް ދިއުމަށާ ހުކުރުނިމިގެން ފައިބާއިރު ޝައިޠޯނާ ދޭ އެންމެ ބޮޑުދެރަ!

ޢާންމުކޮށް ހުކުރަށްދާ މީހުންގެ ގާތުގައި ހުކުރަށް ނުދާކަށް ޝައިޠޯނާ ނުބުނާނެއެވެ. މަސައްކަތްކުރާނީ ވަސްވާސްދީގެން ހުކުރަށް ދިއުން ލަސްކުރުމަށެވެ. އިމާމް މީހާ ޚުޠުބާ ކިޔަންފަށާފަހުން ހުކުރަށް ހިނގައްޖެނަމަ އެމީހަކަށް އެއޮތީ ދެރަ ލިބިފައެވެ. އެއީ އެދުވަހު ހުކުރަން ދިއަ މީހުންގެ ލިސްޓުގައި މަލާއިކަތުން އެމީހެއްގެ ނަން ނުލިޔުއްވަވާނެތީއެވެ.  

ދެން އޮތީ ހުކުރު ނިމިގެން މިސްކިތުން ފެއިބުމެވެ. ހުކުރުނަމާދު ނިންމައި ސަލާމްދޭއިރަށް މިސްކިތުން ފައިބަން ގިނަބައަކު އަވަސްވެގަނެއެވެ. ސުވާލަކީ އެހައި އަވަސްއަރުވާލައިގެން ތިއަ ފައިބަނީ ކޮންތަނަކަށް ނުދެވިގެން ހެއްޔެވެ؟  

ޖަވާބުގައި ތެދަށް ބުނާނަމަ ބުނަން ޖެހޭނީ އެއްވެސް ތަނަކަށް ނުދެވިގެނެ ނޫންކަމަށެވެ. އެމީހާގެ ބުރަކަށީގައި ޝައިޠޯނާ އަތްއަޅައި ކޮއްޕައި ނެރެލަނީއެވެ. ޙަޤީޤީ ސަބަބެއް މެދުވެރިވެގެން ފައިބަނީ ވަރަށް މަދުމީހެކެވެ.   

ވީމާ ކޮންމެހެން ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް ނެތްނަމަ އަވަސް އަރުވާލައި މިސްކިތުން ފައިބާ މީހަކަށް ނުވާށެވެ! އެންމެ މަދުމިނުން 15 މިނިޓް ވަރު މަޑުކޮށްލާށެވެ!  

ޛިކްރް ތަސްބީޙަ ކިޔައިލާށެވެ. ފަހު ސުންނަތް ކޮށްލާށެވެ. ގެއަށް ގޮސް 2 ރަކްޢަތް ނުކުރެވޭނެ ނަމަ ރަނގަޅީ މިސްކިތުގައި 4 ރަކްޢަތް ކޮށްލުމެވެ. މަދުވެގެން 2 ރަކްޢަތްކޮށްލާށެވެ! އެއަށްފަހު މައިންބަފައިންނަށާއި ޢާއިލާއަށާއި ގާތް އެކުވެރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި ތިމާ އެދޭ ކަންކަމުގެ ވާހަކައިން ވެސް ދަންނަވައި ދުޢާކުރާށެވެ! މީސްތަކުންނަށް ނުއަންގައި އެމީހުންގެ މައްޗަށް ދުއާކުރުމުން ހަމަ އެކަމެއް ތިބާއަށް ދެއްވެވުން އެދި މަލާއިކަތުން ތިބާއަށްޓަކައި ދުޢާކޮށް ދެއްވަވާނެތެވެ! މި މަތިވެރި ނިޢްމަތް ދޫކޮށްނުލާށެވެ!  

ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި މިހާރު ހުންނަ ގޮތުން ހުކުރުން ފޭބުމަށްފަހު ގިނަ މީހުން އުޅޭނީ ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެންނެވެ. ވީމާ ހުކުރު ނަމާދުގެ ކުރިން ކަހްފި ސޫރަތް ނުކިޔެވޭ މީހުން ހުކުރު ނަމާދަށްފަހު ކިޔަވައި ނިންމައިލާށެވެ! ކަހްފި ސޫރަތް ކިޔަވާފައިވާނަމަ މިސްކިތުން ފޭބުމުގެ ކުރިން އެންމެ މަދުމިނުން ކީރިތި ޤްރުއާނުން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވައިލާށެވެ!  

ޚާއްޞަކޮށް ދަރިން ގޮވައިގެން މިސްކިތަށް ދާ މީހުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިމުހިންމު އާދަ އެކުދިންގެ ކިބައިގައި އަށަގަންނުވޭނީ މައިންބަފައިން އެކަމުގައި ނަމޫނާ ދައްކައިދިން ވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން