ކަންކަން ދިމާވަނީ އަނބިމީހާގެ ސުންޕާކަމުން ކަމަށް ބުނުމަކީ ކުރެވޭ އެންމެ ބޮޑު ނުބައި ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކަންކަން ދިމާވަނީ އަނބިމީހާގެ ސުންޕާކަމުން ކަމަށް ބުނުމަކީ ކުރެވޭ އެންމެ ބޮޑު ނުބައި ކަންތައް!

ފުރަތަމަ ކަމަކީ އެއްވެސް ކަމެއް ކުށަކަށްވާނީ ޤަޞްދުގައި އެކަމެއް ކުރުމުން ކަމެވެ. ނުވަތަ އިހުމާލުވުމުން ކަމެވެ. ﷲ ތަޢާލާ ކަމެއް މިންވަރުކުރެއްވެވުމުން އެއީ މިވެނި މީހެއްގެ ސުންޕާކަމުން ނުވަތަ ނުބައިކަމުން މެދުވެރިވި ކަމެއްކަމަށް ބުނުމުގެ ހުއްދަ ލިބެނީ ކޮންގޮތަކުން ހެއްޔެވެ؟ 

އަހުރެން މިރޭ ފާހަގަކޮށްލަން މިއުޅެނީ އަނބިންގެ އެއްވެސް ކުށެއް ނެތިވެސް އޭނާގެ ބޮލުގައި ބޮޑުވެގެންވާ އިލްޒާމެއް އަޅުވައި ނިކަމެތިކުރަމުންދާ ކަމެއްގެ ވާހަކައެވެ. ބައިފަހަރު ފިރިމީހާ ވަރިނުކުރަން ހުއްޓައި ޢާއިލާއިން ބާރުއަޅައިގެން ވަރިވެސް އެބަވަރިކުރުވައެވެ. އަޑުއަހާށެވެ!

ބައެއް މީހުން އައިސް އެބަ ބުނެއެވެ. "އަހަރެންގެ ދަރިފުޅު މަރުވެއްޖެއެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ޅިޔަނުން، ފަހަރިން ބުނަނީ އެއީ އަހަރެންގެ ނުބައިކަމުން މެދުވެރިވި ކަމެއް ކަމަށެވެ." 

މިފަދަ ބަހެއް އެއްވެސް މީހަކު ބުނެފިނަމަ އެބަސް އެމީހަކަށް ރައްދުކުރާށެވެ. ބުނާށެވެ! "ތިއަހެން ތިއަ ބުނަނީ ތިބާގެ ހުރި ނުބައިކަންބޮޑުކަމުންނެވެ."  

ހަމައެކަނި ދަރިއަކު މަރުވުމެއް ނޫނެވެ. ހަމަ އެއްވެސް ކަމެއް މެދުވެރިވުމުން އެކަމެއް މެދުވެރިވީ މިވެނި މީހެއްގެ ހުރި ނުބައިކަމުން ކަމަށް ބުނެގެން ނުވާނެއެވެ. މީހަކު ނުބައިކަމެއް ޤަޞްދުގައި ކުރުމުން މެނުވީ އެފަދަ ބަހެއް ބުނެގެން ނުވާނެއެވެ. އެހެނީ ކިތަންމެ ބާރު ގަދަ މީހެއް ނަމަވެސް އަދި ކިތަންމެ ނުބައި މީހެއް ނަމަވެސް ތަޤްދީރުގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުހިންގޭނެއެވެ. ވީމާ ޤުދްރަތީ މަރަކުން ކުއްޖަކު ނުވަތަ މީހަކު މަރުވުމުން އެއީ މިވެނި މީހެއްގެ ކިބައިގައި ހުރި ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ބުނުމަކީ ކިހިނަކުން ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟  

ދަރިފުޅު ބެލެހެއްޓުމުގައި މައިން އިހްމާލުވެފައިވާނަމަ އެއީ ކުރިން ބުނި ފަދައިން މުޅިން ތަފާތު މައްސަލައެކެވެ. އިހްމާލުވެފައި ނުވާނަމަ އެފަދަ އިލްޒާމެއް އެޅުވުންވާނީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށެވެ.

ހިތާމައަކީ ދެރަކަމެއް މެދުވެރިވުމުން މިފަދަ ބަސްތައް ބުނެވޭކަމެކެވެ. ޚާއްޞަކޮށް ބައެއް ޅިޔަން ފަހަރިންނަކީ މިފަދަ ބަސްތައް ބުނުމުގައި ވަރަށް ކުރީގައި ތިބޭ ބައެކެވެ. ހަމައެކަނި ބަސްތައް ބުނަނީއެއްވެސް ނޫނެވެ. ބައެއް ފަހަރު ޝައިޠާނެއްގެ ދަރަޖަ ދީ ޢާއިލާއިން ބާކީވެސް އެބަކުރެއެވެ. މިއީ ކިހިނަކުން ކުރަން ހުއްދަވާނެ ކަމެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! މިކަންކަމަށް ވިސްނާށެވެ! ނުބައިކަމެއް މީހެއްގެ ކިބައިން ނުފެންނަހައި ހިނދަކު އެއްވެސް މީހަކީ ނުބައި މީހެއްކަމަށް ނުބުނާށެވެ! އެކަމުން ގެއްލުން ލިބޭނީ އެހެން ބުނާ މީހަކަށެވެ. ޙައްޤަކާއި ނުލައި މީހެއްގެ ބޮލުގައި އިލްޒާމް އަޅުވައި ހިތުގައި ޖައްސައިފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ދުވަސް އޮތީ ކުރިއަށް ކަމަށް ވިސްނައި ބިރުވެތިވާށެވެ!

 

-  ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން