ޚުޠުބާ: ސުންނަތް: ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރަންޖެހޭ ފަދައިން ޤުރްއާނާ ސުންނަތް ޤަބޫލުކޮށް ޢަމަލުކުރަންޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 25ސ
ޚުޠުބާ: ސުންނަތް: ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރަންޖެހޭ ފަދައިން ޤުރްއާނާ ސުންނަތް ޤަބޫލުކޮށް ޢަމަލުކުރަންޖެހޭ!

މުސްލިމް އަޚުންނޭވެ! އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ ދީނަކީ އިސްލާމްދީނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ." އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ކާމިޔާބުލިބުމެއް ނުވެއެވެ. ރަސޫލު ﷲ  ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنِ لَنْ تَضِلُّوْا مَا تَـمَسَّكْتُمْ بـِهِمَا كِتَابَ اللهِ وَسُنَّةَ نَبِيِّهِ)[1]

މާނައީ: "ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ."  

މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަލާނގެ ވަނީ އަމުރު ކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިޔަބައިމީހުން اللهއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ!" ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ." 

މުސްލިމް އަޚުންނޭވެ! ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވެއެވެ. ޝަރުޢީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަމެއްކަމުގައި މި ފަދަ މީހުން ދެކެއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި މުސްލިމުން ޢަމަލުކުރާން ޖެހޭ ހުރިހައި ކަމެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭނެއެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެކެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދެވެ. މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އެބައޮތެވެ. ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެނީ ރަސޫލާ zގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެއެވެ. ކީރިތި ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "(އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ." 

މުސްލިމް އަޚުންނޭވެ! އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރުއާންވީ ފަދައިން، ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ އެ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރެވެ. ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުމެވެ. އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން  ޤުރްއާނާއި ސުންނަތް ވެސް ވަތްކެއްނުކުރެވޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެކެވެ. އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތަށްދާންދެން ރައްކާތެރިކުރައްވާނޭ ކަމަށް ވަޢުދުވެވޮޑިގެންފައެވެ. ކީރިތި ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރިކުރައްވާހުށީމެވެ." ކީރިތި ރަސޫލާގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި އަޞްޙާބުބޭކަލުންގެ އަރިހުންނެވެ. މި އާޔަތުގައި އެވާ ޛިކުރަކީ ޤުރްއާނާއި ސުންނަތުގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ޝަރީޢަތެވެ. އެހެންކަމުން ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ.  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ޤަދަރުކޮށް އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ!

މުސްލިމް އަޚުންނޭވެ! جَابِر رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِيْ كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. "ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. ތިޔައިގެ ތެރެއިން، އެބަހީ: މި އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘް އިވޭ ހިނދު، ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ ﷲގެ ފޮތެވެ. ފަހެ ޙަލާލުކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ނަމަ ޙަލާލުކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. އަދި ޙަރާމްކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ޙަރާމްކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ z ޙަރާމްކުރައްވައިފައިވާ ކަންކަމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ."[2] عِمْرَان بْنُ حُصَيْن رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ. ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް އެކަލޭގެފާނު ވިދާޅުވެދެއްވުމުން އަޑުއަހަންތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. ތިޔަ ވިދާޅުވާ ޙަދީޘްތަކަކީ ޤުރްއާނުން އެއިގެ އެއްވެސް އަޞްލެއް ފެންނާން ނެތް ޙަދީޘްތަކެކެވެ. އެ ހިނދު ޢިމްރާން ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. ތިބާ ޤުރްއާން ކިޔެވިންހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން، ޢިމްރާން ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ ޤުރްއާނުގައި ޢިޝާ ނަމާދުގައި ވަނީ ހަތަރު ރަކުޢަތްކަމަށާއި މަޣުރިބް ނަމާދުގައި ވަނީ ތިން ރަކުޢަތްކަމަށާއި ފަތިސް ނަމާދުގައި ވަނީ ދެރަކުޢަތްކަމަށާއި މެންދުރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތްކަމަށާއި ޢަޞުރު ނަމާދުގައި ވަނީ ހަތަރު ރަކުޢަތްކަމުގައި އެބަވޭހެއްޔެވެ؟  އޭނާ ނޫނެކޭ ދެންނެވުމުން ޢިމްރާން ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ މި ވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބަޔެއްގެ ފަރާތުންހެއްޔެވެ؟ އަހަރެމެންގެ ފަރާތުންނޫންހެއްޔެވެ؟ އަދި އަހަރެމެން އެ ކަންތައް އުނގެނުނީ ރަސޫލުﷲ ﷺ ގެ އަރިއަހުންނެވެ. އަދި ޤުރްއާނުގައި ކޮންމެ ސާޅީސް ބަކަރީން ބަކަރިއެއް ޒަކާތަށް ނެރޭށޭ އެބައޮތްހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށޭ އެބައޮތްހެއްޔެވެ؟ އަދި މިވެނި ވަރަކުން ދިރުހަމެކޭ އެބައޮތްހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވުމުން ޢިމްރާން ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ މި ވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބަޔެއްގެ ފަރާތުންހެއްޔެވެ؟ އަހަރެމެންގެ ފަރާތުން ނޫންހެއްޔެވެ! އެ ކަންތައް އަހަރެމެންނަށް އެނގުނީ ރަސޫލު ﷲ ﷺ ގެ އަރިއަހުންނެވެ. އަދި ވިދާޅުވިއެވެ.

ޤުރްއާނުގައި ----[3] މާނައީ: "ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طوافކުރާހުށިކަމެވެ! " މިފަދައިން އައިސްފައިވާ ހިނދު، ގެފުޅުވަށައިގެން ޠަވާފުގެ ހަތް ބުރުޖަހައި، އެއަށް ފަހު، މަޤާމުއިބްރާހީމުގެ ފަހަތުގައި ދެރަކުޢަތް ނަމާދެއް ކުރާށޭ ޤުރްއާނުގައިވޭހެއްޔެވެ؟ ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވައިފައިވާ މި ބަސްފުޅު ތިޔަބައިމީހުން ނާހަނީހެއްޔެވެ. ----މާނައީ: "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!" މިހެން ވިދާޅުވެފައި ޢިމްރާން ވިދާޅުވިއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭނގޭ ކިތަންމެ އެއްޗެއް އަހަރަމެންވަނީ ރަސޫލު ﷲ zގެ އަރިހުން ދަސްކޮށްފައެވެ."[4] ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّ أُمَّتِيْ يَدْخُلُوْنَ الْجَنَّةَ اِلَّا مَنْ أَبَى، قِيْلَ: يَا رَسُوْلَ اللهِ وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِيْ دَخَلَ الْجَنَّةَ، وَمَنْ عَصَانِيْ فَقَدْ أَبَى)[5] މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބުބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ދެކޮޅުހަދަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅުހަދައިފިއެވެ!"

މިއަދު އޮންލައިން