ގިނަ ބައަކު ދުޢާކުރާއިރު އެދޭނީ އެކަމެއް ތިމާއަށް ހިންމަވައި ދެއްވެވުމަށެވެ. އެއީވެސް ދުޢާކުރަން އޮތް ގޮތެކެވެ. ނަމަވެސް ދުޢާ ޢިޖާބަކުރެއްވެވުން ލަސްވަމުން އަންނަމަ ބަދަލުކުރަން ފައިދާހުރި ގޮތެއް ބުނެފާނަމެވެ.
މިޘާލަކަށް ތިބާ ދުޢާކުރަނީ އަތްމަތިދަތިވެގެންނެވެ. ތިބާއަށް ތަނަވަސްކަން ދެއްވެވުން އެދިގެންނެވެ. ނަމަވެސް ޢިޖާބަ ނުކުރައްވަވައި ލަސްވަމުން އަންނަނީއެވެ. އެހެންކަމަށްވެއްޖެނަމަ ޢިބާރާތް ބަދަލުކޮށްލާށެވެ!
ދަންނަވާށެވެ! "ޔާ ﷲ! މިއަޅާއަށާއި މިއަޅާފަދައިން ދަތިޙާލުގައިވާ އެންމެންނަށް ތަނަވަސްކަން ދެއްވަވާނދޭވެ!" މިގޮތަށް ދުޢާކުރުމުން ކުރާނެ ފައިދާއަކީ އެތައް މިލިއަން ބައަކަށް އެމީހުން ނުއެނގި ތިއްބައި ދުޢާކޮށްދެއްވަވަނީއެވެ. އެއީ އެދުޢާއަށް މަލާއިކަތުން އާމީން ވިދާޅުވާ ކަމެކެވެ. ވީމާ އެދުޢާގެ ފައިދާ ތިބާއަށް އަވަހަށް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
ބައްޔަކުން ޝިފާލިބުން އެދިގެން ދުޢާކުރިނަމަވެސް އަދި އެހެން ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް މިމަގުން ދުޢާކުރާށެވެ! ލައްވަވާ ރަހްމަތް ބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން