ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 6 ވަނަ ޙައްޖު ކޮންފަރެންސްގެ ހަވާސާގެ ތެރެއިން، 1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާ ގުޅޭ މައިގަނޑު އަހަރީ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އުސާމް މުޙައްމަދު ސައީދުއެވެ. އަދި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި އުމްރާއާ ބެހޭ ވަޒީރުގެ ނައިބު ޑރ. އަބްދުލް ފައްތާޙް މަޝާތްއެވެ.
މިއީ ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ދިވެހި ޙައްޖާޖީންނަށް ފުރިހަމަ، ލުއިފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި، ޙައްޖަށް މީހުން ފޮނުވާ ހުރިހާ ޤައުމަކާއެކު ވެސް ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ޤާއިމުކުރާ މުހިންމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ޙައްޖު މޫސުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ޚާއްޞަ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޙައްޖުގެ އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ހަރުދަނާ ނިޒާމުތަކާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިމެނެއެވެ. މީގެ އިތުރުން، ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ އެންމެހައި ކަންކަން ގާތުން ބަލައި ވިލަރެސްކުރުމަށްޓަކައި ސައުދީ އަރަބިއްޔާގައި ޚާއްޞަ "މޯލްޑިވްސް ޙައްޖު މިޝަން" އެއް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކުވެސް ވެވޭ މި އެއްބަސްވުމުގެ ސަބަބުން، ދިވެހި ޙައްޖާޖީންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދީ، ދަތުރާއި ތިބުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެއެވެ.