ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖެއްގައި، ހަކުރު ބައްޔާ ދެކޮޅަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފިއެވެ.
މެޑަމް ސާޖިދާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ގިނަ ބަޔަކު މި ބައްޔާއެކު އުޅެމުންދާއިރު، އެއީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގެ ކަންކަން ވަކި އުސޫލަކުން ބަލަހައްޓައި، ޞިއްޙަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކޮށްގެން މުޅި އުމުރަށް ފަރުވާ ހޯދަންޖެހޭ ކަމެއް ކަމަށެވެ. އަދި ބައެއް މީހުންނަށް މި ބަލީގެ ސަބަބުން ނުރައްކާތެރި ޞިއްޙީ ހާލަތްތަކާ ކުރިމަތިލާންޖެހި، ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތަކާ ކުރިމަތިވާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ހަކުރުބަލީގެ ދުވަހު މިފަދަ ތަފާތު ތަޖުރިބާތައް ބަލައިގަނެ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބައްޔާ ގުޅިގެން އުފުލަންޖެހޭ ވޭނާއި ދަތިތައް ލުއިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ، ހަކުރު ބަލި ތަހައްމަލުކުރަމުންދާ ގާތް މީހުންނަށް ބޭނުންވާ ފަރުވާ ހޯދުމަށާއި، ޤަވާއިދުން ސްކްރީން ކުރުމަށް ބާރުއެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އިޚްތިޔާރުކުރުމަށް އެހީތެރިވެދިނުމަކީ ކޮންމެ މީހެއްގެ ފުރާނައާއި ޞިއްޙަތަށްޓަކައި ކުރެވޭ ނުހަނު މުހިންމު މަސައްކަތެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.