ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ވަޤްފު ފަންޑު ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ހުޅުމާލޭ އަމީން އެވެނިއު ކުރިމަތީގައި ބިނާކުރާ މި ޢިމާރާތަކީ ޕާކިންގއާއި ރިސެޕްޝަން ހިމެނޭހެން 13 ފަންގިފިލާއަށް ތަރައްޤީކުރާ ޒަމާނީ ޢިމާރާތެކެވެ. ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ ނޮވެމްބަރު 26 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް މެދުވެރިކޮށް ފައިނޭންސްކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ. މަޝްރޫޢުގެ ޢިމާރާތްކުރުމުގެ މަސައްކަތް ނިމުމަށްފަހު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތްތައް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ވެސް އާރްސީސީގެ ފަރާތުންނެވެ.
މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަޤްފު ފަންޑަށް ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. މި އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއެރުވުމަށާއި ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށެވެ.