އެކި ސަބަބުތަކާހެދި ބާތިލްކޮށްފައިވާ 25 މަޝްރޫޢަކަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ ތެރެއިން 136 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައި ނުވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2019 އިން 2023 އާ ދެމެދު އެ ވުޒާރާއިން ޖުމްލަ 634 މަޝްރޫޢެއް ހިންގާފައިވެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 23.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރޭގައި އެއާޕޯޓް، ބްރިޖް، ބަނދަރު، މަގުހެދުން، ބޯހިޔާވަހިކަން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްޤީއާ ގުޅުންހުރި އެހެނިހެން މަޝްރޫޢުތައް ހިމެނެއެވެ.
ނަމަވެސް، މި މުއްދަތުގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހެދި ބާތިލުކުރި 25 މަޝްރޫޢަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 180.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެތެރެއިން 136.5 މިލިއަން ރުފިޔާ އަނބުރާ ލިބިފައި ނުވާކަމަށް އޮޑިޓުން ދައްކައެވެ. މިއީ އަނބުރާ ލިބެންޖެހޭ އެޑްވާންސް ފައިސާގެ %76 އެވެ. އެ އެއްބަސްވުންތައް ބާތިލުކުރަން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ދައުލަތުގެ ސިޔާސަތުތަކަށް އައި ބަދަލުތަކާއި ކޮންޓްރެކްޓަރުންގެ މަސައްކަތުގެ ފެންވަރު ދަށްވުމެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑެތި އަދަދުތަކުން ފައިސާ ނުލިބިވާ މަޝްރޫޢުތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ހައުސިންގ މަޝްރޫޢާއި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫޢުތައް ހިމެނެއެވެ. އެގޮތުން ކުޅުދުއްފުށީގައި އެޅުމަށް ހަވާލުކުރި 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢަށް އެޑްވާންސްގެ ގޮތުގައި ދޫކުރި 65.99 މިލިއަން ރުފިޔާގެ ތެރެއިން 59.22 މިލިއަން ރުފިޔާ ނުވަތަ %90 ފައިސާ އަދިވެސް ހޯދިފައެއް ނުވެއެވެ.
މީގެއިތުރުން ބާތިލުކުރި މަޝްރޫޢުތަކުގެ ތެރެއިން 14 މަޝްރޫޢަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 63 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 51.8 މިލިއަން ރުފިޔާ އަނބުރާ ލިބިފައެއް ނުވެއެވެ. އެ މަޝްރޫޢުތަކުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައިނުވާތީ، މިހާރު އެ މަސައްކަތްތައް ވަނީ އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައެވެ.
ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުން އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެ ކުންފުންޏާއި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާ ދެމެދު މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް އޮޑިޓަރ ޖެނަރަލް ވަނީ ލަފާދެއްވާފައެވެ.