ރާއްޖޭގެ އިޤްތިޞާދަށް ސެޕްޓެންބަރު މަހު %4 ގެ ކުރިއެރުމެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ރާއްޖޭގެ އިޤްތިޞާދަށް ސެޕްޓެންބަރު މަހު %4 ގެ ކުރިއެރުމެއް ލިބިއްޖެ

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް %4 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފިއެވެ.

އެމްބީއެސް އިން ކޮންމެ މަހަކު ނެރޭ "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިޔަން ރުފިޔާގައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 330 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރީ ކުރިއެރުމުގެ ނިސްބަތް އޮގަސްޓު މަހު %2.4 ގައި ހުރުމަށްފަހު ސެޕްޓެންބަރު މަހު ވަނީ މަތިވެފައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއީ %10 ގެ ކުރިއެރުމެކެވެ.

ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ ދުވެލި ހަލުވިވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ރިއަލް އެސްޓޭޓް، އިމާރާތްކުރުން އަދި ވިޔަފާރީގެ ދާއިރާއިންނެވެ. އޭގެތެރޭގައި ހިމެނެނީ:

ރިއަލް އެސްޓޭޓް ދާއިރާ: މި ދާއިރާއިން އިޤްތިޞާދަށް 0.9 ޕަސެންޓޭޖް ޕޮއިންޓްގެ ހިއްސާއެއް ލިބިފައިވެއެވެ.

އިމާރާތްކުރުމުގެ ދާއިރާ: އަހަރުން އަހަރަށް ބަލާއިރު މި ދާއިރާ %16.6 ކުރިއަރައި، ޖުމްލަ އަގު 457 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 0.8 ޕަސެންޓޭޖް ޕޮއިންޓްގެ ހިއްސާއެކެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި: ރާއްޖެއަށް އެތެރެކުރެވުނު މުދާ އިތުރުވުމާ ގުޅިގެން މި ދާއިރާ %8.8 ކުރިއަރައި 815 މިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ ވެސް 0.8 ޕަސެންޓޭޖް ޕޮއިންޓްގެ ހިއްސާއެކެވެ.

މީގެއިތުރުން، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުން 0.6 ޕަސެންޓޭޖް ޕޮއިންޓް އަދި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން %0.6 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަށް ބަލާއިރު، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައިވެސް ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ވަނީ މަތިވެފައެވެ. ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ޖުމްލަ އިޤްތިޞާދީ އުފެއްދުންތެރިކަން ހުރީ 81.1 ބިލިޔަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %2.5 ގެ ކުރިއެރުމެކެވެ.

އޮގަސްޓު މަހާ އަޅާބަލާއިރު، ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ވަނީ %11.6 ނުވަތަ 1.12 ބިލިޔަން ރުފިޔާ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ އެމަހުގެ އިޤްތިޞާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރި (%18.5) ފަތުރުވެރިކަމުގެ ދާއިރާ، އޮގަސްޓު މަހާ އަޅާބަލާއިރު %29.5 ދަށްވުމެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބަޔާންކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމަށް މި މަޑުޖެހުން އައީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ނަމަވެސް އެ ހަމަނުޖެހުންތައް ނިމުމަކަށް އައުމާއެކު، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދު އޮންލައިން