ދަނޑުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ގައުމީ ފެންވަރުގެ ފުރަތަމަ ބޯހިމެނުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދަނޑުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ގައުމީ ފެންވަރުގެ ފުރަތަމަ ބޯހިމެނުން ފަށައިފި

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ސިޔާސަތުތައް ބައްޓަންކުރުމުގެ މަގުސަދުގައި، ގައުމީ ފެންވަރުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތް ވުޒާރާއިން ފަށައިފިއެވެ.

މި މުހިންމު މަސައްކަތަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން 39 ފަރާތަކުން މި ބޯހިމެނުމުގައި ބައިވެރިވެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ އިތުބާރުހުރި މުހިންމު ތަފާސްހިސާބުތައް އެއްކުރުމެވެ. މި މައުލޫމާތުތަކުގެ އެހީގައި ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

މީގެއިތުރުން، ބޯހިމެނުމުން ލިބޭ ހޯދުންތަކުގެ އަލީގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ދުރުރާސްތާގެ ސްޓްރެޓަޖީތަކާއި ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް ސަރުކާރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން