ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުން ބޮޑު ބައެއް ނިމިއްޖެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުން ބޮޑު ބައެއް ނިމިއްޖެ: ރައީސް

ރަސްމާލެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ކުރީ ސަރުކާރުން ފަށާފައިވާ ނުނިމި ހުރި މަސައްކަތްތައް ނިންމައި، ގެދޮރު ލިބިފައިވާ ފަރާތްތަކަށް އެކަން ޔަގީންކޮށްދިނުމެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް މުޅިން ނިންމައި، އެތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީގެއިތުރުން ގޯތި ދިނުމަށް ބިން ހިއްކި ސަރަޙައްދުތަކުގެ ތެރެއިން، ހުޅުމާލެ ފިޔަވަހި 3 ގެ މަސައްކަތް ނިންމައި، އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މެދުކެނޑުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައި ބާރަށް ކުރިއަށްދާ ކަމަށާއި، ގުޅިފަޅުން ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ.

"800 ހެކްޓަރުގެ ބިން ހިއްކިއްޖެ މިހާރު. އެއީ ގާތްގަނޑަކަށް ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮންނަހާ މިންވަރު،" ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަކީ މިވަގުތު ބިމުގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯތި ދޫކުރުމަށް ނިންމާފައިވަނީވެސް މި މަޝްރޫޢުގެ ތެރެއިންނެވެ.

މިއަދު އޮންލައިން