ފުލުހުންނަށް ކުރިއަށް ގެންދިޔަ ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފުލުހުންނަށް ކުރިއަށް ގެންދިޔަ ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިންގ- ކޯސް 5 އަދި ޕަބްލިކް އޯޑަރ ޓްރެއިނިންގ - ކޯސް 52 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޮވެމްބަރު 15 ވަނަ ދުވަހު އިސްކަންދަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮފެޝަނަލް ސްޓޭޑާޑްސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދެވެ. މި ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާނާއި، އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ބައިވެރިވެލެއްވިއެވެ.

މި ދެ ކޯހުގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިންގައި، ނުރައްކާތެރި ހާލަތްތަކަށް އިޖާބަދިނުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި، އޮޕަރޭޝަނަލް ހާލަތްތަކުގައި ގޮތްނިންމުމުގެ ހުނަރާ އަދި އޮޕަރޭޝަނަލް ރެޑިނެސް ބައިވެރިންގެ ކިބައިގައި އަށަގެންނެވުމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ދ. ވާނީގައެވެ.

ސެޕްޓެމްބަރު 15 އިން ފެށިގެން ހަތް ހަފުތާގެ މުއްދަތަށް، 35 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިންގ- ކޯސް 5 އިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް ޙުސައިން ސުނާހެވެ.

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގައި ފުލުހުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ކިޔަވައިދީފައިވެއެވެ. އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތަށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ.

ގްރޭޓަރ މާލެއޭރިއާގައި ޖުލައި 19 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް 42 ބައިވެރިންނާއެކު ކުރިއަށް ގެންދިިޔަ ޕަބްލިކް އޯޑަރ ޓްރެއިނިންގ - ކޯސް 52 އިން އެންމެ މޮޅު ދަރިވަރުންނަށް ހޮވިފައިވަނީ ކޮންސްޓަބަލް ސާމީ ޝަރީފާއި، ކޮންސްޓަބަލް އާލިމް އާދަމްއެވެ.

ހަބަރު؛ ޕޮލިސް

މިއަދު އޮންލައިން