ފޭކް ޕޭމަންޓް ސްލިޕްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފޭކް ޕޭމަންޓް ސްލިޕްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކޮޓަރި ބުކިންގ ކެންސަލްކޮށްގެން ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕް ފޮނުވައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކުރައްވައިފިއެވެ. ފާއިތުވި ހަފުތާގައި އެކަނިވެސް ސްކޭމްގެ 38 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުން ވިދާޅުވީ، ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް އަދިވެސް ފާހަގަކުރެވެމުންދާ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަނޫން ޕޭމަންޓް ސްލިޕްތަކެއް ކަމަށާއި، ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ބެލުމެއްނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާފަހުން ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ވެސް ވަނީ އެދިފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ޖުމްލަ 630,573.34 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ 63.9 އިންސައްތަ ކަމަށްވާ 402,658.34 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

މީގެއިތުރުން، މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްގެ މައްސަލަތައް ކަމަށާއި، އެފަދަ 13 މައްސަލައެއް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން