އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަންނަމުން، އަދި އެއްވެސް މީހަކަށް އަނިޔާވެރިވަމުން އަދި ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަމުން "ބިސްމިﷲ" ނުކިޔާށެވެ.
ހަމައެފަދައިން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްޗެއް ކާން، ބޯންފަށަމުންނާއި ޙަރާމް ފައިސާއިން ވިޔަފާރިއެއް ފަށަމުންވެސް ބިސްމިﷲ ނުކިޔާށެވެ.
ބިސްމިﷲ ކިޔަންވާނީ ﷲ ތަޢާލާ އަހުރެމެންނަށް ހުއްދަ ކުރައްވަވާފައިވާ ކަންކަން ކުރަން ފަށަމުންނެވެ. ނަހީކުރައްވަވާފައިވާ ކަމެއް ކުރަން ފަށަމުން ބިސްމިﷲ ކިޔުމަކީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅަށް ކުރެވޭ ފުރައްސާރައެކެވެ. އަދި ފާޚާނާގައިހުރެގެންނާއި ހަޑިމުޑުދާރު ތަންތަނުގައި ހުރެގެންވެސް ބިސްމިﷲ ނުކިޔާށެވެ. އެއީވެސް ﷲ ތަޢާލާގެ މަތިވެރި ނަންފުޅުގެ ޤަދަރު މަތިވެރިކުރުމަށެވެ.
މުސްލިމުން ސަމާލުކަންދޭންވީ ﷲ ތަޢާލާގެ މަތިވެރިނަންފުޅުން ކުރަން ނުފެށޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. މިނަޞީޙަތް ދޭން މިޖެހެނީ ކޮންމެ ކަމެއްވެސް ކުރަންފަށަންވާނީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅުންކަމަށް އޮތުމުން އެކަމުގެ މާނަ ބައެއް މީހުން އޮޅުވައިލާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން