ރާއްޖޭގެ 5 ސަރަހައްދެއްގައި މަސް ފެކްޓްރީ އަޅަނީ؛ ޕްރޮސެސިންގ ކެޕޭސިޓީ 425 ޓަނަށް އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރާއްޖޭގެ 5 ސަރަހައްދެއްގައި މަސް ފެކްޓްރީ އަޅަނީ؛ ޕްރޮސެސިންގ ކެޕޭސިޓީ 425 ޓަނަށް އިތުރުވަނީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ 5 ސަރަހައްދެއްގައި މަސް ފެކްޓްރީ އެޅުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަހަށް އަގު އެއްކޮށްގެން (ވެލިއު އެޑެޑް) ބޭރުކުރެވޭ މިންވަރު އިތުރުކުރުމެވެ.

މިހާރު ރާއްޖޭން ބޭރުކުރާ މަހުގެ ބޮޑުބައެއް އެކްސްޕޯޓްކުރަނީ ރޯމެޓީރިއަލްގެ ގޮތުގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، ރާއްޖޭގައި ބާނާ މަހުގެ 60 އިންސައްތަ އެއްވެސް ޕްރޮސެސިންގއަކާ ނުލައި އެކްސްޕޯޓްކުރާއިރު، މިހާރު ދުވާލަކު ދަޅުގައި ބަންދުކުރެވެނީ ގާތްގަނޑަކަށް 115 ޓަނުގެ މަހެވެ. ނަމަވެސް، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވޭނީ ޚާއްޞަކޮށް ކަޅުބިލަމަހުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށްގެން ކަމަށްވާތީ، ޕްރޮސެސިންގ ވަސީލަތްތައް ފުޅާކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި 5 ރަށެއްގައި ދުވާލަކު ޖުމްލަ 291 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ ޖުމްލަ ޕްރޮސެސިންގ ކެޕޭސިޓީ ދުވާލަކު 115 ޓަނުން 425 ޓަނަށް އުފުލިގެންދާނެއެވެ.

ޅ. ފެލިވަރު: ދުވާލަކު 100 ޓަނު

ގދ. ފިޔޯރީ: ދުވާލަކު 100 ޓަނު

ފ. ނިލަންދޫ: ދުވާލަކު 50 ޓަނު

ކ. ހުޅުމާލެ: ދުވާލަކު 35 ޓަނު

ސ. މީދޫ: ދުވާލަކު 6 ޓަނު

މި ފެކްޓްރީތައް ޤާއިމުކުރުމަށް ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ 94 އިންސައްތަ ނިމިފައިވާއިރު، މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގދ. ފިޔޯރީގައި ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާއިރު، 2027 ވަނަ އަހަރުގެ އޭޕްރީލް މަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން އަންދާޒާކުރެއެވެ.

މިއަދު އޮންލައިން