މިއީ ތިބާގެ ދަރިފުޅަށްޓަކައި ކޮންމެ ދުވަހަކު ކުރަންޖެހޭ ދުޢާއެއް!

ކިޔުމަށް ހޭދަވާނީ 3މ 26ސ
މިއީ ތިބާގެ ދަރިފުޅަށްޓަކައި ކޮންމެ ދުވަހަކު ކުރަންޖެހޭ ދުޢާއެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

މި ޙަދީޘަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ މާތްކަމާއި މަތިވެރިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘެކެވެ. މި ޙަދީޘްގައި އެކަލޭގެފާނު ޚަބަރުދެއްވާފައިވަނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވުމަށްޓަކައި އެކަލޭގެފާނަށް ފެން ގެނެސްދެއްވި ވާހަކައެވެ. 

ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަލާއިން (އެއީ ކުޑަކަމުދިއުން ނުވަތަ ބޮޑުކަމުދިއުން ފަދަ ޤަޟާޙާޖަތް ކުރާ ކޮންމެ ތަނަކަށް ކިޔާ ނަމެކެވެ) ނުކުމެވަޑައިގަތުމަށްފަހު، އެކަލޭގެފާނަށްޓަކައި ފެން ބެހެއްޓީ ކާކުތޯ ސުވާލުކުރެއްވެވިއެވެ. ދެން އެކަލޭގެފާނަށް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުނީ އެއީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ކަމުގައެވެ. އެ ޚަބަރު ދެއްވީ އެކަލޭގެފާނުގެ ބޮޑުދައިތާފުޅު މައިމޫނާ ރަޟިޔަﷲ ޢަންހާއެވެ. އެހެނީ، އިމާމް އަޙްމަދުގެ ރިވާޔަތުގައިވާ ފަދައިން، އެ ހާދިސާ ހިނގީ އެކަމަނާގެ ގެކޮޅުގައެވެ. 

މި ޙަދީޘްގެ ބޭރުފުށުން އެނގޭ ގޮތުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެންފޮދަކަށް އެދިވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަލާއިން ނުކުމެވަޑައިގަންނަވާ ހިނދުގައާއި އެނޫންވެސް ވަގުތުތަކުގައި ކަންތައް ކުރައްވާ އާދަފުޅު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ދެނެވަޑައިގެންފައިވާތީ، އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމާއި ހުޝިޔާރުކަމުން އިސްނަންގަވައި އެ ފެން ބެހެއްޓެވީއެވެ.

އެހެންކަމުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށްޓަކައި ދުޢާކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ: 

«اللَّهُمَّ فَقِّهْهُ فِي الدِّينِ»

("އޭ ﷲ! މި ކުއްޖާއަށް ދީނުގެ ފިޤުހުވެރިކަން ދެއްވާނދޭވެ!") އެބަހީ: ޝަރުޢީ މައްސަލަތައް ދެނެގަތުމުގެ ފުން ވިސްނުމާއި ހުޝިޔާރުކަން އެކަލޭގެފާނަށް ދެއްވާނދޭވެ! އެކަލޭގެފާނަށް ދީނުގެ ފިޤުހުވެރިކަން ދެއްވުމަށް އެދި ދުޢާކޮށްދެއްވުމުގެ މުނާސަބަތަކީ (ގުޅުމަކީ)، އެކަލޭގެފާނުގެ ވިސްނުންތޫނުކަމަށް ދަލީލުކޮށްދޭ ރިވެތި ޢަމަލުފުޅާއި، އަދި ޚަލާގެ ކައިރީގައި ފެން ބެހެއްޓުމަށް އިބްނު ޢައްބާސް ސަމާލުކަން ދެއްވުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި އުފާފުޅެވެ. 

ހަމަކަށަވަރުން، މި ދުޢާގެ ބަރަކާތް ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ފާޅުވެގެންދިޔައެވެ. އެގޮތުން އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި މާތްކަން މަޝްހޫރުވެގެންދިޔައެވެ. އަދި އެކަލޭގެފާނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެންމެ ގިނައިން ޙަދީޘް ރިވާކުރެއްވި ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި ޢުމަރު ރަޟިޔަﷲ ޢަންހު ބޮޑެތި މައްސަލަތަކުގައި އެކަލޭގެފާނުގެ އަރިހުން ލަފާ ހޯއްދަވައި، އެކަލޭގެފާނުގެ ބަސްފުޅަށް ރުޖޫޢަވެވަޑައިގަންނަވާ ކަމުގައިވިއެވެ. 

أنَّ النَّبيَّ صلَّى اللهُ عليه وسلَّم دَخَلَ الخَلاءَ، فوضَعتُ له وَضوءًا قال: مَن وضَعَ هذا؟ فأُخبِرَ فقال: اللهُمَّ فقِّهْه في الدِّينِ.

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަލާއަށް (ޤަޟާޙާޖަތް ކުރައްވާ ތަނަށް) ވެދެވަޑައިގަތެވެ. ފަހެ، ތިމަންކަލޭގެފާނު އެކަލޭގެފާނަށްޓަކައި ވުޟޫކުރައްވާނެ ފެން ބެހެއްޓެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މި (ފެން) ބެހެއްޓީ ކާކު ހެއްޔެވެ؟" ފަހެ، (އެއީ ތިމަންކަލޭގެފާނު ކަމަށް) އެކަލޭގެފާނަށް ޚަބަރު ދެވުނެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ﷲ! މި ކުއްޖާއަށް ދީނުގެ ފިޤުހުވެރިކަން (ދީން ވިސްނުމުގެ ޢިލްމު) ދެއްވާނދޭވެ!"

 

- މިއަދުނޫސް

މިއަދު އޮންލައިން