ލާފޭރާމުން ވަނާތައް ހާމަވުމަކީ ނުރައްކާތެރިކަން ހާދަބޮޑު ކަމެކެވެ! ބިރުވެތިވެ އިޞްލާޙްކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ލާފޭރާމުން ވަނާތައް ހާމަވުމަކީ ނުރައްކާތެރިކަން ހާދަބޮޑު ކަމެކެވެ! ބިރުވެތިވެ އިޞްލާޙްކުރަމާ!

އާނއެކެވެ! އޭނާ އެހުރީ ފޭރާން ލައިގެންނެވެ. އެކަމަކު އެފޭރާމުން ފޭރާން ލުމުން ޙާޞިލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ މަޤްޞަދު ޙާޞިލުކުރެވޭ ހެއްޔެވެ؟ ނުކުރެވޭނަމަ ދެނަވާނީ ކިހިނަކުން ހެއްޔެވެ؟ މިދެވެނީ ކޮން މިޞްރާބަކަށްހެއްޔެވެ؟ އާޚިރުގައި އޮތީ ކޮން ގޮތެއް ހެއްޔެވެ؟  

މިފަދަ އެތައް ސުވާލުތަކެއް ކުރަން އެބަހުއްޓެވެ. އެހެންވެ މިކަންކަމަށް ވިސްނައިލަމާ ހެއްޔެވެ؟  

ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަށިގަނޑު ހާމަކުރުމަށާއި ހަށިގަނޑު ދައްކަން ފޭރާން ލައި އުޅޭ ބައަކު އުޅޭނެ ކަމަށާއި އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށެވެ.  

ދެން މިއޮތީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ.  

"އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުންގެ އަޢުރަ ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާ ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ." (އަލްއަޢްރާފް: 26)  

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ މުސްލިމުން ހެދުން އަޅަންޖެހޭ ގޮތެވެ. ﷲ ތަޢާލާ ވަޙިކުރައްވަވާފައި އެވަނި ތަޤްވާގެ ފޭރާމުން ފޭރާންލުމަށެވެ. ފޭރާން ލާންޖެހޭ ބޭނުމަކީވެސް ހަމަ އެއީއެވެ. ނަމަވެސް މިއަދު ފޭރާން މިލަނީ ކިހިނަކުން ހެއްޔެވެ؟ ފޭރާންމިލަނީ ހަށިގަނޑު ހާމަކުރުމަށެވެ! ހަށިގަނޑު ދެއްކުމަށެވެ!   

ސޫރަތުލްއަޢްރާފްގެ ވަރަށް ގިނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީ "އޭ އާދަމްގެ ދަރީންނޭވެ!" މިއީ ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ ވަރަށް މަތިވެރި ޝަރަފެކެވެ. ﷲ ތައާލާ އާއި މީސްތަކުން ކުއްތަން ކުރެއްވެވުމުގެ ގޮތުން ވަޙިކުރައްވަވާފައިވާ ޢިބާރާތެކެވެ.  

މީސްތަކުންނޭވެ! ތިބާ ފޮރުވަން ޖެހޭ ތިބާގެ އަޢުރަ، ގުނަވަންތައް ހާމަކުރަން، ހާމަވާ ގޮތަށް ފޭރާން ލައި އުޅޭ ބައަކު ކަމުގައި ނުވާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ފަދައިން ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލާށެވެ! ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލުމަކީ ފޮރުވަން، ހާމަނުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ބައިތައް ހާމަނުވާނެ ގޮތަށް ފޭރާންލުމެވެ. 

އަދި ހަމައެފަދައިން މިއާޔަތުގައި "ލިބާސުއްތަޤްވާ" އެވެ އޮތް ވަޙީ ބަސްފުޅުގެ މާނައިގައި ތިބާގެ އަޚްލާޤާއި ކުރާ އަމަލުތައް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ގޮތަށް ބެހެއްޓުންވެސް ހިމެނިގެންވެއެވެ! ވީމާ މުޅި ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމަކުން އެކަނި ނުފުދެއެވެ. މީހާ ކުރާ ހުރިހާ ޢަމަލުތަކާއި ބުނާ ބަސްތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބެހެއްޓުމުން ނޫނީ ތަޤްވާގެ ފޭރާން ލެވުނު ކަމަކަށް ނުވާނެއެވެ.  

ތަޤްވާގެ ލިބާސް ލެވުނުކަމަށްވާނީ އަޅުކަންވެސް ﷲ ތަޢާލާ އަންގަވާފައި ގޮތަށް ކުރަމުން ގެންދިއުމުންނެވެ. ދީނުގެ ފަރުޟުތަކާއި ސުންނަތްތައް އަދާކުރަމުން ގެންދިއުމުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން