މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށެވެ. ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ފާޙިޝު ޢަމަލުކުރުން މާތް الله ވަނީ ޙަރާމްކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ."
ފާޙިޝު ޢަމަލެއް ކުރަނީ ސިއްރުންކަމުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ހުއްޓައިލާން ޖެހެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަ ދޫކޮށްލާށެވެ!" އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރިނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކެވެ." މި އާޔަތުގައި، ފާޙިޝު އެތައް ކަމެއް ޙަރާމްކުރެއްވި ވާހަކަ ވަޙީކުރައްވައިފައި ވެއެވެ. އެއީ މާތް ﷲއާ شريكކުރުމާއި، فقيرކަމުގެ ސަބަބުން ދަރީން މެރުމާއި، ﷲ حرمة ތެރިކުރައްވައިފައިވާ نفس އެއް، حقއަކާ ނުލައި قتل ކުރުމެވެ!
މުސްލިމް އަޚުންނޭވެ! މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާމީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބުހުރިކަމަށް އަންގަވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
މުސްލިމް އަޚުންނޭވެ! ފާޙިޝު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިވުން ބޮޑު، ޢަމަލުތަކުގެ ތެރޭގައި ޒިނޭއާއި ލިވާޠާއި ސިޙާޤު ހިމެނެއެވެ. ޒިނޭކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހައި ނުބައިވެގެން ވެއެވެ."
އަދި ލިވާޠުކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "لوطގެފާނު، އެކަލޭގެފާނުގެ قومގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެ ދެނެ ތިބި حال، فاحش عملތައް ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށް ޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ."
މުސްލިމް އަޚުންނޭވެ! ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَـمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ، حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ، وَالْأَوْجَاعُ الَّتِيْ لَـمْ تَكُنْ مَضَتْ فِيْ أَسْلَافِهِمُ الَّذِيْنَ مَضَوْا) މާނައީ: "ބަޔަކުމީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ފެތުރި، އެ ކަން އާންމުކޮށްފި ކޮންމެ ހިނދަކު، އެބައިމީހުންގެ މެދުގައި طاعونބައްޔާއި، އެބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ޒަމާނުގައި ނުދެކޭ ވޭންދެނިވި ބަލިތައް ނުފެތުރި ނުދެއެވެ." މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވާ މިފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައީ ފާޙިޝު ޢަމަލުތައް ހިންގާ މީހުންގެ މެދުގައެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗް.އައި.ވީ ވައިރަހާއި އެއިޑުސް ބައްޔާއި މި ނޫނަސް ނުރައްކާތެރި އެތައް ބައްޔެއް އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައެވެ. ފާޙިޝު ޢަމަލުތަކުގެ ސަބަބުން އެޗް.އައި.ވީއާއި އެއިޑުސްގެ އިތުރަށް، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރެއެވެ.
މުސްލިމް އަޚުންނޭވެ! އިންސާނާގެ ޠަބީޢަތުގައިވާ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ގޮތް އިޚުތިޔާރުކުރާށެވެ! މާތް الله ދެ ޖިންސުން އިންސާނުން ޚަލްޤުކުރެއްވީ، އެބައިމީހުންގެ ނަސްލު ދެމެހެއްޓުމާއި ޙަލާލު ގޮތުގައި ޒަވާޖީ ޙަޔާތުގެ އުފާ ލިބިގަތުމަށް ޓަކައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----- މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ نفسތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މުސްލިމުން ކުރެ ތަނަވަސްކަން ހުރި މީހުން، އެ މީހުންގެ ޒުވާނުން ކުރެ ކާވެނިކުރުމުގެ ތަނަވަސްކަން ނެތް މީހުން ކާވަނިކުރުމަށް އެހީތެރިވުމަށް ދީން ބާރުއަޅައެވެ. އެއީ ފާޙިޝު ޢަމަލުތައް ފެތުރުނަނުދިނުމަށްޓަކައެވެ.
މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----- މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުން ވެސް މެއެވެ. އެއުރެންނީ، فقيرންކަމުގައިވާ ނަމަ، އެކަލާނގެ فضلވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. الله އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އިސްލާމްދީން ހިތްވަރުދެނީ އެ ކަމަށް ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކާވެނިކުރުމަށެވެ. ނޫން ނަމަ ރޯދަހިފައި ފާޙިޝު ޢަމަލުތަކުން ރައްކާތެރިވުމަށެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، وَمَنْ لَـمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ)[1] މާނައީ: "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަކަންހުރި ކޮންމެ މީހަކު ކާވެނިކުރާހުށި ކަމެވެ. އަދި ކުޅަދާނަކަން ނެތް މީހާ ރޯދަހިފާހުށި ކަމެވެ. ފަހެ، އެއީ އޭނާގެ ޝަހުވާނީ އެދުންތަކުން އޭނާއަށް ރައްކާތެރިކަން ލިބޭނޭ ކަމެއްކަން ކަށަވަރެވެ."
މުސްލިމް އަޚުންނޭވެ! މިއަދު ދުނިޔޭގައި ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން ނުހަނު ގިނައެވެ. އެ މީހުން އެ ކަން ހިންގަނީ ޢާންމުކޮށް ފާޅުގައެވެ. އެކިއެކި މަންސަތަކުގައި އަގުތަކާއެކު އިޢުލާނުކޮށްގެންނެވެ. އަހަރެމެންގެ ޤައުމު މިފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅާންވެއްޖެއެވެ. މައިންބަފައިންނާއި ބެލެނިވެރީންނެވެ. މުދައްރިސުންނާއި މުރައްބީންނެވެ. އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރީންނެވެ. ނޫން ނަމަ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރަށް ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މުސްލިމް އަޚުންނޭވެ! ލިވާޠުކުރުން ފަދަ ބަދުއަޚުލާޤީ ޢަމަލުތަކުގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވެވި ވޭންދެނިވި ޢަޛާބުން ތިޔަބައިމީހުން ޢިބުރަތްލިބިގަންނާށެވެ! އެބައިމީހުންނަށް މާތް ﷲ ފޮނުއްވި ޢަޛާބުގެ ވާހަކަ އަންގަވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ދެން ފަހެ، ތިމަން ރަސްކަލާނގެ (عذابގެ) أمرފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވައިފައިވާ، މަށީގެ ހިލައިން ތިމަން ރަސްކަލާނގެ އެ ރަށަށް ވާރޭވެއްސެވީމެވެ."
މުސްލިމް އަޚުންނޭވެ! ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަން ދަންނާށެވެ! އެ އުފަލާއި އަރާމު ޙާޞިލުކުރުމުގައި އިސްލާމީ ޝަރީޢަތުގެ ހަމަތަކަށް ތަބަޢަވާށެވެ! މާތް الله ޙަރާމްކުރެއްވި މަގަކުން އެއިން އެއްވެސް ކަމެއް ޙާޞިލުނުކުރާށެވެ! މާތް اللهއަށް ބިރުވެތިވާށެވެ! އާޚިރަތް ދުވަހުން ތަޤުވާވެރީންނަށް ލިބޭނޭ އުފަލާއި އަރާމަށް އެދި ތިޔަބައިމީހުން އުންމީދުކުރާށެވެ! އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ مُحَمَّدٌ ﷺ ދެއްކެވި ނަމޫނާގައި ވަރުގަދައަށް ހިފަހައްޓާށެވެ! އެކަލޭގެފާނު އަހަރެމެންނަށްޓަކައި ދޫކުރެއްވި ތަރިކަ ތިޔަބައިމީހުން ދޫކޮށްނުލާށެވެ! އެއީ اللهُ تَعَالَىގެ ފޮތާއި ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ.