އަހުރެންގެ ލޯބިވެރިއަކު ހުރެއެވެ. ދެރަކަމަކީ އޭނާއަށް އޭނާގެ އަމިއްލަ ބޭނުންތައްވެސް ނުފުއްދޭކަމެވެ. އެހެންކަމާއިއެކުވެސް ލޯބިވެވޭވަރު ބޮޑުކަމުން ހިތް އެދެމުން ދިއައީ އޭނާއާއިއެކު ދިރިއުޅުމެއް ފެށުމަށެވެ.
ކުއްލިއަކަށް ކުރިމަތިވީ ވަރަށް ބޮޑުކަމެކެވެ. މަންމަ ވަރަށް ބޮޑަށް ބަލިވީއެވެ. ޓެސްޓްތައް ހަދައިނިމުނުއިރު ހިތުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން އޮތީ ޖެހިފައެވެ. ރާއްޖެއިން ކުރެވޭކަށް ނެތެވެ. ދާންޖެހެނީ ބޭރަށެވެ. ޢާއިލާގެ އެކެއްގެ އަތުގައިވެސް އެއްވެސް ފައިށާއެއް ނެތެވެ.
އެކަމަށް ކަންބޮޑުވެ ގޮތްހުސްވެފައި ތިއްބައި ވަރަށް ކުރިންސުރެ އަހުރެންގެ ފަހަތުން އެނބުރޭ މީހަކަށް އެކަން އެނގިގެން އައިސް ހުރިހާ ޚަރަދެއްކޮށްދޭނެ ކަމަށް ބުނުމުން ހިތްހަމަޖެހުން ލިބުނެވެ. އޭނާބުނީ އެހީތެރިވަނީ އެއްވެސް ޝަރުޠަކާއި ނުލައިކަމަށެވެ.
އޭނާ މަންމައާއި އަޅުގަނޑު އިންޑިއާއަށް ފޮނުވައިދިނެވެ. ހުރިހާ ޚަރަދެއްކޮށްދިނެވެ. މަންމައަށް ޝިފާލިބިގެން އެނބުރި އައުދެވުމުން ޝުކުރު އަދާކުރަން ގުޅައިލީމެވެ. އެއީ އަޅުގަނޑު އަމިއްލައަށް އޭނާއަށް ކުރި ފުރަތަމަ ފޯނުކޯލެވެ. މަންމަ ދެކެލަން ބޭނުންކަމަށް ބުނުމުން އެރޭ ގެއަށް އައުމަށް ދަޢުވަތުދިނީމެވެ.
އޭނާ އައިސް މަންމަ ދެކެލާފައި ދިއައީއެވެ. އިތުރު ވާހަކަތަކެއް ނުދައްކައެވެ. އޭނާ ދިއުމުން ވިސްނައިލެވުނެވެ. "އޭނާ އެއްވެސް ޝަރުޠެއް ނުކުރެއެވެ. އެކަމަކު މަންމަގެ ފުރާނަ ސަލާމަކުރެވެން މެދުވެރިވި ސަބަބަކީ އޭނާއެވެ. މުހިންމީ އޭނާ އަހުރެންނަށްވުރެ 10 އަހަރު ދޮށިކަން ހެއްޔެވެ؟ ނުވަތަ އޭނާކުރި ހޭދައަށް އަގުއަދާކުރުން ހެއްޔެވެ؟"
މިފަދަ ވިސްނުންތަކެއްގައި ހުއްޓައި ލޯބިވެރިޔާ އަމިއްލައަށް އަޅުގަނޑާއި ވަކިވެއްޖެއެވެ. ބުނީ ލޯބިނުވާތީ ނޫންކަމަށާއި ތަނަވަސް މީހަކާއި ގުޅެން ފުރުޞަތު ލިބުމުން އެކަމަށް މަގުފަހިކޮށްދޭން ކަމަށެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން ބާއްވައިލުމުން އޭނާއަށް ނިމުނީ ކަމަށެވެ.
އެރޭ ވަރަށް ރުޅިގަދަ ވެވުނެވެ. އެއީ ޕާރުސްލެއް ދޭނެ އުޞޫލުން އަހުރެން އެހެން މީހަކަށް ދިނިތީއެވެ. އެއީ ލޯބިވާ މީހަކު ކުރާނެ ކަމެއް ނޫންކަން ވިސްނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެވަރުންވެސް އަޅުގަނޑުގެ ދިރިއުޅުމާއިމެދު ގޮތެއް ނުނިންމަމެވެ.
3 ވަނައަށް އޮތްދުވަހެވެ. ލޯބިވެރިޔާ ގުޅާފައި ބުނީ ވަރަށް ބޮޑު އެހީތެރިކަމަކަށް ބޭނުންވާ ކަމަށެވެ. އެކަމަކީ ތަނަވަސް އެކުވެރިޔާގެ އަތުން ދަރަންޏަށް ފައިސާކޮޅެއް ހޯދައިދިނުން ކަމަށެވެ. އަޅުގަނޑު ބުނީ އޭނާއާއި މިހައިތަނަށް އެއްވެސް ގުޅުމެއް ނުބާއްވާ ކަމަށާއި ކަމަކު ކިޔަން ނުކެރޭނެ ކަމަށެވެ. އެހެންބުނުމުން ރުޅިއައިސް ނުބައި އެއްޗެތި ގޮވިއެވެ.
އެރޭ ވިސްނުނެވެ. ލޯބިވެރިޔާ އަހުރެންނާއި ވަކިވި ސަބަބަކީ މިއީއެވެ. އަޅުގަނޑު އޭނާދެކެ ލޯބިވާކަން އެނގޭތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަންތާއެވެ. އެޚިޔާލުތައް ކުރެވުމުން ތަނަވަސް އެކުވެރިޔާއަށް ގުޅައި އެރޭ ގެއަށް ގެނުވީމެވެ. ބުނީމެވެ. "މެސެޖެއްކުރަން ބޭނުން ނުވީއެވެ. ލޯބިވުމުގެ ވާހަކައެއް ނުދައްކަމެވެ. އެކަމަކު ބޭނުންނަމަ ހެކިވެރިން ފޮނުވާށެވެ! އަންތބަކަށް ހަދައިފިނަމަ އަންތބެއްގެ މަސްއޫލިއްޔަތު އަދާކުރާނަމެވެ."
އޭނާ ހިނިތުންވެލިއެވެ. އަދި ވަޤުތުން ހެކިވެރިން ގެނުވައި ރަންކިޔުއްވިއެވެ. ފޯމުފުރިއެވެ. 3 ވަނަ ރޭ ކައިވެނިކުރެވިއްޖެއެވެ.
ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. އެކައިވެންޏަށް 20 އަހަރުވީއެވެ. ކައިވެނިކުރިތާ 3 މަސްވީއިރު އޭނާދެކެ ލޯބިވެވިއްޖެއެވެ. އެއީ އޭނާގެ ހުރި ތަނަވަސްކަމަކުން ނޫނެވެ. އޭނާގެ ހުރި ރަނގަޅުކަމުންނެވެ. އަޅާލައި ލޯބިދިންވަރުންނެވެ.
ހުރިހާ އުޚުތުންނަށްވެސް ބުނެލަން ބޭނުންވަނީ ހިތުން ލޯބިވެވުމަކުން ނުފުދެއެވެ. އެކަން އެއޮތީ އަޅުގަނޑު އެމީހަކު ދެކެ ލޯބިވެވުނު މީހާގެ ޢަމަލުތަކުން ފެންނާށެވެ! ދިރިއުޅުމުގައި ފައިދާކުރާނީ ތިމާދެކެ ލޯބިވާ، އަޚްލާޤް ރަނގަޅު މީހަކާއި ގުޅެވުމުންނެވެ. މިހެން މިބުނަނީ ޚިޔާލަކަށް ނޫނެވެ. އަމިއްލަ ތަޖުރިބާއިންނެވެ.
- ސުދާ / މިއަދުނޫހުގެ ކިޔުންތެރިއެއް