އެއީ ވިޔަފާރިކުރަމުންއައި މީހެކެވެ. މަސައްކަތަށްވުރެ ބޮޑަށް ސަމާލުކަންދެމުންއައީ އެކުވެރިންނަށެވެ. ނަތީޖާއަކަށްވީ ބޮޑުތަނުންދަރަނިވެރިވެ ސަލާމަތްނުވެވުމެވެ. ގެދޮރު ވިއްކާލަންޖެހޭ ޙާލަތަށް ދިއުމެވެ.
އޭނާގެ އެކުވެރިންގެ ޚިޔާލާއެއްގޮތަށް ކަންތައްކުރިއެވެ. ހުރި އެންމެ އަންހެންދަރިފުޅުގެ ގާތުގައި އަހައިވެސްނުލައި ތަނަވަސް މީހަކަށް ވިއްކައިލިއެވެ. ވިއްކާލުންކަމަށް މިބުނަނީ ކައިވެނިކޮށްދޭނެ ކަމަށްބުނެ އޭނާގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ނެގުމެވެ.
އެމީހާ ދަރިފުޅު ގެންދަން ގެއަށްދިއުމުން ދަރިފުޅު ފެށީ ރޯށެވެ. ބައްޕައަށްވުރެވެސް ދޮށީމީހަކާއެކު ދާންޖެހުމުންނެވެ. އެމީހާ އެކުއްޖާއަށް ހިތްވަރުދިނެވެ. އޭނާއާއިއެކު ދިއަނަމަވެސް ދެރަވާންޖެހޭނެ އެއްވެސް ކަމެއް މެދުވެރިނުވާނެކަމަށްބުންޏެވެ. އެހެން ބުނިނަމަވެސް ކަންތައް މެދުވެރިވާނެ ގޮތެއް ނުއެނގޭތީ ވަރަށްދެރަވެ ހުރެގެންވެސް ޖެހުނީ އޭނާއާއިއެކުގައި ދާށެވެ.
އެމީހާ އޭނާއާއިމެދު ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. ހުންނާނެ ވަކިކޮޓަރިއެއް ދެއްކިއެވެ. ކިޔަވައިދިނެވެ. ތަރުބިއްޔަތުކުރީ ޒިންމަދާރު އަންހެނަކަށްވާން ދަސްވާނެ ގޮތަށެވެ. އެކަންކަން ފުރިހަމަވުމުން އޭނާއާއިއެކު މަސައްކަތުގެންދަން ފެށިއެވެ. މަސައްކަތް ދަސްވުމުން ވިޔަފާރި ހިންގުން އޭނާއާއި ޙަވާލުކުރިއެވެ.
5 އަހަރުވީއިރުވެސް ބައްޕަ ދަރިފުޅުގެ ޙާލުވެސް ބަލައެއް ނުލައެވެ. ނަމަވެސް މަންމަ ގުޅައެވެ. ސިއްރުން ބައްދަލުވެސް ކުރެއެވެ. އެހެންކަމުން ދެމައިންގެ މެދުގައި އޮތީ ވަރަށް ގާތްގުޅުމެކެވެ. އެއިން އެއްވެސް ކަމެއް ބައްޕައަކަށް ނުއެނގެއެވެ.
ދަރިފުޅުގެމަތިން ބައްޕަ ހަނދާންވީ އަނެއްކާވެސް ބަނގުރޫޓުވުމުންނެވެ. ދަރިފުޅުގެ "ފިރިމީހާ"އަށް ގުޅައި އަނެއްކާވެސް ފައިސާކޮޅެއް ބޭނުންވެއްޖެކަމަށް ބުނުމުން ބުނީ މިހާރު ފައިށާގެ ކަންކަން ބަލަހައްޓަނީ އޭނާގެ ދަރިފުޅުކަމަށާއި ދަރިފުޅާއި ވާހަކަދެއްކުމަށެވެ.
ދަރިފުޅާއި ބައްދަލުކުރަން އޮފީހަށްގޮސް ފުރަތަމަވެސް ސުވާލުކުރީ މިހާރު ދަރިއަކު ލިބިއްޖެތޯއެވެ؟ ދަރިފުޅު ބުނީ ގިނަ ސުވާލުތައް ނުކޮށް ބޭނުންވެގެން އައި ކަންތަކުގެ ވާހަކަބުނުމަށެވެ. އެހެންބުނުމުން އެތައް ވާހަކަތަކެއް ދައްކާފައި އެދުނީ ފައިސާކޮޅަކަށެވެ. ފައިސާކޮޅެކެވެ ބުނިނަމަވެސް މިލިއަނުންނެވެ.
ދަރިފުޅު ބުންޏެވެ. "އަދިވެސް ތިއައީ ބައްޕައެވެ. ބައްޕަގެ މަޤާމަކީ ބަދަލުވާނެ އެއްޗަކަށްނުވާތީއެވެ. އެކަމަކު ތިއައީ ބައްޕައެއް ނޫނެވެ. ބައްޕައިންނަކީ ދަރިން ވިއްކާނެ ބައަކަށްނުވާތީއެވެ. ގެވިއްކައިލާށެވެ! އަހުރެން މަންމަ ގެންނާނަމެވެ. ބައްޕަ ކާފަމެންގެއަށްދިއައިމަ ހުންނާނެ ކޮޓަރިއެއް ދައްކާނެއެވެ. އެއިރުން ފައިސާއަކަށް ބޭނުމެއް ނުވާނެއެވެ.
އޭނާއަށް ގެވިއްކާލުމުގެ ފުރުޞަތެއްވެސް ނުލިބުނެވެ. ބޭންކުން ގެވިއްކައިލީއެވެ. ވިއްކައިލުމުންވެސް ލޯނުތަކަށް ހަމައެއްވެސް ނުވިއެވެ. ޖެހުނީ ހުސްއަތާ ގެއިން ނުކުމެގެންދާށެވެ. އަނބިމީހާ އިޚްތިޔާރުކުރީ އޭނާއާއިއެކު ނުގޮސް ދަރިފުޅުގެ ގާތަށް ދިއުމެވެ. ދިއަނަމަވެސް ދަރިފުޅު އޭނާ ބަލައިނުގަންނާނެކަން އެނގޭތީ އެކަމަށް ކުރިމަތިލާކަށްވެސް ނުކެރުނެވެ. ޖެހުނީ ދަރިފުޅު ބުނި ގޮތަށް ބައްޕަގެ މުސްކުޅިގެއަށްދާށެވެ.
މިޙާދިސާޢަށް ވިސްނާށެވެ! ދަރިފުޅުގެ ނިންމުމަކީ ދީނީގޮތުން އެންމެ ރަނގަޅު ގޮތްކަމަށްނުވެދާނެއެވެ. ނަމަވެސް އެގޮތަށް ކަންތައްކުރުމުން މާފުނުކުރާނެ ދަރިންވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ.
އެމީހާއަށް އަންހެންކުއްޖާ ލިބުމުން އެހައި ރަނގަޅަށް ކަންތައްކުރި ސަބަބުވެސް ބުނެލާނަމެވެ. އޭނާއަށް ލިބުނީ އެންމެ ދަރިއެކެވެ. ޢުމުރުން 16 އަހަރުގައި ނިޔާވުމުން ލިބުނު ހިތާމައިން އަރައިގަތުމަށް އެގޮތަށް ޢަމަލުކުރީއެވެ. އޭނާ އެއަންހެންކުއްޖާއަށް ހެޔޮކޮށްހިތީ ނިޔާވެފައިވާ އަނބިމީހާއަށާއި ދަރިފުޅަށް ހެޔޮރަޙުމަތް ލެއްވެވުން އެދިގެންނެވެ. އޭނާވަނީ މަރުވުމުގެ ކުރިން އެއަންހެން ކުއްޖާއަކީ ދަރިއަކަށްވެސް ހަދައިފައެވެ.
އަޅުގަނޑު މިޙާދިސާގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ދަރިން މިގޮތަށް ވިއްކާ ބައްޕައިންނަށް ޢިބްރަތަކަށެވެ. ދަރިންގެ ނުޤަބޫލުގައި ދަރިންނާއިމެދު މިހައި އަނިޔާވެރި ގޮތްގޮތަށް ކަންކަން ކުރާނަމަ އެމީހަކާއި އެކަން ބައްދަލުކުރާނެ ކަމަށް ބުނުމަށެވެ.
- ސިމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް