ޚަރަދުކުރާއިރުވެސް ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ ނުރުހިގެން ފަނޑިޔާރެއްގެ ގާތަށް ދިއުމުން ދިން ނަޞީޙަތް- ގިނަ އަނބިން ބޭނުންވާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޚަރަދުކުރާއިރުވެސް ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ ނުރުހިގެން ފަނޑިޔާރެއްގެ ގާތަށް ދިއުމުން ދިން ނަޞީޙަތް- ގިނަ އަނބިން ބޭނުންވާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަހުރެން ފުރަތަމަ މިކިޔައިދެނީ ހާދިސާއެކެވެ. އެއީ ތަނަވަސް މީހެކެވެ. އަނބިދަރިންނަށް ޚަރަދުވެސް ކުރެއެވެ. އެކަމަކު އިތުރު ކައިވެންޏެއް ކުރަން އަނބިމީހާ އެއްބަސްނުވުމުން އަނބިމީހާ ގޮވައިގެން ފަނޑިޔާރެއްގެ ގާތަށްގޮސް ޝަކުވާ ހުށަހެޅިއެވެ.  

ފިރިމީހާގެ ޝަކުވާއާއި ގުޅިގެން އަނބިމީހާގެ ޖަވާބަކަށް އެދުމުން ބުންޏެވެ. "ޢިއްޒަތްތެރި ފަނޑިޔާރުއެވެ! ފަނޑިޔާރުވެސް ކައިވެނިކޮސްދެއްވަމުއެވެ. ވީމާ ކައިވެނީގެ ޚުޠުބާވެސް ވިދާޅުވާނެއެވެ. ދެން ނިކަން ވިދާޅުވެބައްލަވާށެވެ! ޚުޠުބާގައި ފިރިމީހާގެ މައްޗަށްކުރާ ހަމައެކަނި ޝަރުޠަކީ އަނބިމީހާއަށް ޚަރަދުކުރުންތޯއެވެ؟ ލޯބިދިނުމާއި އަޅައިލުމެއް ނުހިމެނޭތޯއެވެ؟  

އަޅުގަނޑަށް އެނގިފައި އޮތްގޮތުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަތްޕުޅުގައި އެންމެ ދީނާރެއް ނެތް ޙާލުކޮޅުގައިވެސް، އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރުކޮޅުގައި ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއް ނެތްއިރުގައިވެސް އަނބިއަނބިކަނބަލުންނަށް ލޯބިދެއްވެވިއެވެ. ވަޤުތުދެއްވެވިއެވެ.  

ދެން އެންމެ އަންތބަކަށާއި އެންމެ ދަރިއަކަށް ލޯތްބާއި އަޅައިލުން ނުދެވޭ މީހަކު އިތުރު އަނބިން ހޯދީމާ ދެން ކަންކަންވާނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑަށް ދިރިއުޅެންޖެހިފައިމިވާ ޙާލަތުގައި އުޅުއްވަން ފަނޑިޔާރަށް ޖެހިވަޑައިގެންފިނަމަ ނިންމަވާނެ ގޮތް ވިދާޅުވެދެއްވާށެވެ!"

ފަނޑިޔާރު އިރުކޮޅަކު ހިމޭނުން އިންނެވުމަށްފަހު ވިދާޅުވިއެވެ. "މިއީ ޙުކުމެއް ނޫނެވެ. ނަޞީޙަތެކެވެ. ދެމަފިރިން އެނބުރިދާށެވެ! އަނބިމީހާއަށް އަޅައިލުމާއި ލޯބިދޭށެވެ! ތިބާޢަކީ އެކަންކުރުމަށް ޤާބިލު މީހަކުކަން އަނބިމީހާއަށް ދައްކާށެވެ! ގިނަ އަނބިންނަށްވެސް ލޯބިދެވޭނެ މީހަކުކަން ޔަޤީންކޮށްދޭށެވެ! އަހުރެމެންގެ މައިކަމަނާ ޢާއިޝަތުގެފާނުގެ ބަސްފުޅުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުފުޅުކުރެއްވެވި ގޮތް އެނގެން އެބައޮތެވެ. ސުންނަތަކީ އެއީއެވެ. އަނބިދަރިންނަށް ޚަރަދުކުރުން ވާޖިބުވާފަދައިން ލޯބިދީ އަޅައިލުމަކީވެސް ވާޖިބެކެވެ."

ފިރިމީހާ ފަނޑިޔާރުގެ ނަޞީޙަތް ޤަބޫލުކުރިއެވެ. ޢަމަލުވެސްކުރިއެވެ. ނަތީޖާއަކަށްވީ ބޭނުންވަރަކަށް އަނބިން ހޯދަން އަނބިމީހާ ހުއްދަދިނުމެވެ. ވީމާ އިތުރު އަނބިން ހޯދަން ބޭނުންވާންވާނީ ޚަރަދުކުރުމުގެ އިތުރަށް ލޯތްބާއި އަޅައިލުންވެސް ދެމުން އަދި އެއިން ކަމެއް އުނިނުކުރާނެކަމުގެ ޔަޤީންކަން އަނބިމީހާއަށް ދީފައިކަން ޤަބޫލުކުރަމާ ހިނގާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން