އަހުރެން މިބުނަނީ އަހުރެންނަށް ރަނގަޅަށް އެނގޭ ބައެއް މީހުންގެ ވާހަކައެވެ. އެމީހުންނަށް ފުރުޞަތެއްލިބޭއިރަށް ޙައްޖުވެއެވެ. އަހަރަކު އެތައް ފަހަރަކު ޢުމްރާވެސްވެއެވެ. ދީލަތިކަމާއިއެކު ޞަދަޤާތްވެސް ކުރެއެވެ. ނަމާދުތައްވެސް ކުރެއެވެ.
އެކަމަކު އެމީހުން ނަމާދުކުރަނީ އަވަސްއަރުވާލައި ވަރަށް ފަރުވާކުޑަ ގޮތަކަށެވެ. ކަމަކަށް ކަމެއްކުރާ އުޞޫލުންނެވެ. ދެން އެމީހުންގެ ހިތެއް ނުއެނގޭނެތާއެވެ. އެކަމަކުވެސް އެހައި ފަރުވާކުޑަކޮށް ކުރާތީ ޚުޝޫޢަތްތެރިވެވޭނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔޭގައި ހުންނަވައިގެން އެންމެފަހުން ކުރެއްވެވި އިލްތިމާސަކީ ނަމާދުތަކަށް ރައްކައުތެރިވުމަށް ކުރެއްވެވި އިލްތިމާސެވެ. ހަމައެއާއިއެކު ޤިޔާމަތް ދުވަހު ފުރަތަމަވެސް ޙިސާބު ބައްލަވާނީ ނަމާދުގެއެވެ. ނަމާދުން ފާސްވެއްޖެނަމަ އެއޮތީ ހުރިހާ މޮޅުކަމެއް ލިބިފައެވެ. ނަމާދުން ފޭލްވެއްޖެނަމަ ތިބާވީ ޙައްޖާ، ޢުމްރާތަކާ ބިލިއަނުން ކުރި ޞަދަޤާތްތަކުން ޤިޔާމަތްދުވަހު ފައިދާއެއް ނުކޮށްފާނެކަމަށް ކަންބޮޑެއް ނުވަމުތަ؟ ކުރާނެ ފައިދާއެއް ނެތެވެ.
އެހެން މީހަކު ނޫނެވެ. ތިބާ ކުރާ ނަމާދުތަކަށް ތިބާ އަމިއްލައަށް ނިކަން މާކްސްދީބަލާށެވެ! ދޭނީ ސަތޭކައަކުން ކިތައް މާކްސް ހެއްޔެވެ؟ މާކްސް ދޭން އެންމެ ރަނގަޅަށް އެނގޭނީވެސް އެމީހަކަށެވެ. ޚުޝޫޢަތްތެރިވާން ކުރި މަސައްކަތް އެނގޭނީވެސް އެމީހަކަށް ކަމަށްވާތީއެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާކުރި ނަމާދުތައް ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހަޅަންޖެހޭ ވަޤުތު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގައި ހުށަހެޅޭނެ ކަމަށް އަމިއްލަ ނަފުސަށް ޤަބޫލުކުރެވޭ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަދިވެސް ވަޤުތު އެބައޮތެވެ. ނަމާދުތަކަށް ރައްކައުތެރިވާށެވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރާށެވެ. އެންމެ ނަމާދެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވިއްޖެނަމަ އެއޮތީ ކާމިޔާބުކުރެވިފައެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން