އެކުވެރިންގެ ތެރޭގައި ކެންސަރަށްވުރެ ނުރައްކާ ބައަކުވެއެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތްވެވިގެން ނޫނީ ޢާޚިރަތެއް ނުލިބޭނެއެވެ. މާނައަކީ އެމީހުންގެ މަގުން ދެވުމަކީ ސުވަރުގެ ނުލިބިދާނެ ކަމެކެވެ.
ފުރަތަމަ ބާވަތަކީ އާޚިރަތަށްވުރެ ގިނައިން ދުނިޔެއާއިމެދު ވާހަކަދައްކާ މީހުންނެވެ. އެމީހުން ސުވަރުގެއާއިމެދު ވާހަކަދައްކާނީ ވަރަށް މަދުންނެވެ. ގިނައިން ވާހަކަދައްކާނީ ދުނިޔޭގެ އުފާވެރިކަމާއިމެދުގައެވެ.
ދެވަނައީ ފެންނަ މީހުންގެ ރީތިކަމާއިމެދު ވާހަކަދައްކާ މީހުންނެވެ. އެމީހުންގެ ވާހަކަތަކުގެ ސަބަބުން ފެންނަ ރީތި މީހުންގެ މައްޗަށް ހިތްލެނބިގެންދާނެއެވެ. ނަތީޖާޢަކަށްވާނީ ބޮޑެތި ފާފަތައް ކުރެވުމެވެ.
ތިންވަނަ ބާވަތަކީ ލިބޭ މިންވަރަށް ޝުކުރުނުކުރެވި އެހެން މީހުންގެ ތަނަވަސްކަމަށް ދަހިވެތިވާ މީހުންނެވެ. އެމީހުންގެ ވާހަކަތައް އަޑުއިވުމުން ކޮންމެ ގޮތަކުން ނަމަވެސް ތަނަވަސްކަން ހޯދަން ޝައުޤުވެރިވެވޭނެއެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ހުއްދަ ނޫން ގޮތްގޮތުން ފައިސާ ހޯދަން ބޭނުންވުމެވެ. އަމިއްލަ ނަފުސު ދީގެންވިޔަސް ފައިސާ ހޯދަން ބޭނުންވުމެވެ.
ހަތަރުވަނައަށް މިފާހަގަކުރަނީ ވަރަށް ނުރައްކާތެރި ސިފަތަކެކެވެ. އެއީ ގިނައިން ކެއުމާއި، ގިނައިން ހުނުމާއި، މާގިނައިން ވާހަކަދެއްކުމާއި މާގިނައިން ނިދުމެވެ. މިސިފަތައް ހުންނަ މީހުންނާއިއެކު އުޅޭނަމަ އެސިފަތައް ތިމާގެ ކިބައިގައިވެސް ހަރުލާނެއެވެ. މިކަންކަމަކީ ހިތްހަރުވާ ކަންކަމެވެ. ހިތްހަރުވުމަކީ އަޅުކަމާއި މީހާ ދުރުކުރާ ސަބަބެކެވެ.
އަހުރެން ބުނާނީ މކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ. އެކުވެރިންގެ ތެރޭގައި މިސިފަތައް ހުންނަ މީހުން ތިބޭނަމަ އެމީހަކާއި ދުރުހެލިވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން