ކޮރަޕްޝަނުގެ މައުލޫމާތު ދޭ މީހުންނަށް ރައްކާތެރިކަން ދޭން ބިލެއް ހުށަހެޅުމުން ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙިމް ޢަބްދުﷲ (އަދުރޭ) އިންތިހާއަށް ކަންބޮޑުވެ މަޖިލީހުގައި ވާހަކަދައްކައިފިއެވެ.
އަދުރެ ބުނީ މިއީ އެއްވެސް ކުށެއް ނުކުރާ މީހުން ހައްޔަރުކުރަން މަގުފަހިކުރަން ފާސްކުރަން އުޅޭ ބިލެއް ކަމަށެވެ. އަދުރޭ މިމޭރުމުން ވާހަކަތައް ދައްކާފައިވާއިރު މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވަމުން ގެންދެވީ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް މަދުކުރެވޭނީ އެކަންކަމުގެ މައުލޫމާތު ފޯރުކޮށްދޭ މީހުންގެ ޙައްޤުތައް ޤާނޫނަކުން ހިމާޔަތްކޮށްގެން ކަމަށެވެ.
އަދި ކޮރަޕްޝަން މަދުކުރެވިފައިވާ ޤައުމުތަކުގައި އެކަން ކުރެވިފައިވަނީ މި އުޞޫލުން އަމަލުކޮށްގެން ކަމަށެވެ. އަދި މައުލޫމާތު ދޭ މީހާ މައުލޫމާތު ދިން ނަމަވެސް މީހަކު ހައްޔަރުކޮށް ފިޔަވަޅު އަޅާނީ އެމީހަކު ކުށް ކޮށްފައިވާ ނަމަ ކަމަށެވެ. އަދުރޭ މިއަދުވެސް ވަނީ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ ޤާބިލުކަމާއި އިޚްލާޞްތެރިކަން ފާހަގަކޮށް ތައުރީފުގެ ބަސްތައް ބުނެގެން ބިލު ބޭރުކޮށްލަން ޕީޕީއެމާއި ގުޅިވަޑައިގަތުން އެދި އާދޭސް ވެސް ކޮށްފައެވެ.
މަޖިލީހާއި ފޯރަމްތަކުގައި އަދުރޭ މިމޭރުމުން ވާހަކަތައް ދައްކަމުން ގެންދާއިރު "މިއަދާއި ހަމައަށް" ޤާސިމް އިބްރާހީމްއަށް ގޮވަމުން އައި ހަޑިމުޑުދާރު އެއްޗެތިތަކުގެ މަތިން މިއަދު ހަނދާން ހުރި ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. މީގެ އިތުރުން އަދުރޭ ވަނީ ރައީސް ޔާމީނުގެ ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައްވަމުން ގެންދަވާތީ ޢަބްދުﷲ ރިޔާޟަށް ފާޑުވިދާޅުވެފައެވެ.